9 ފެބުރުވަރީ 2026
މޯލްޑިވިއަން އެއާޕައިންގެ ފުރަތަމަ ވައިޑް ބޮޑީ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމާ އެކު، ވޯޓަ ސެލިއުޓެއް ދެނީ؛ ފޮޓޯ:މިހާރު

މޯލްޑިވިއަނުން ޖެނުއަރީގައި ޗައިނާގެ ދެ މަންޒިލަކަށް ނެރޯ ބޮޑީގެ ދަތުރުތައް ފަށަނީ

އަންނަ ޖެނުއަރީ މަހު ޗައިނާގެ ދެ މަންޒިލަކަށް ނެރޯ ބޮޑީގެ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ޤައުމީ އެއަރލައިން މޯލްޑިވިއަނުން ވިދާޅުވެއްޖެއެވެ. މޯލްޑިވިއަނުން މިހާރު ދަނީ ބޭރުގެ މަންޒިލްތަކަށް ކުރާ ދަތުރުތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މޯލްޑިވިއަނުން ބޭރުގެ މަންޒިލްތަކަށް ކުރަމުންދިޔަ ދަތުރުތައް އެއްކޮށް ހުއްޓިފައިވިއެވެ. އޭގެ ފަހުން އަލުން ދަތުރުތައް ފެށުމުގެ މަސައްކަތުގެ ތެރެއިން ދުރު މަންޒިލްތަކަށް ދަތުރުތައް ފުޅާކުރުމަށް ވައިޑްބޮޑީ މަތިންދާ ބޯޓެއް ވަނީ ރާއްޖެ ގެނެސްފައެވެ. މި ބޯޓު މެދުވެރިކޮށް ޗައިނާގެ 3 މަންޒިލަކަށް މިހާރު ދަތުރުތައް ކުރަމުންދާއިރު، ޤައުމީ އެއަރލައިން ހިންގާ އައިލޭންޑް އެވިއޭޝަނުން ދަނީ އިތުރު ބޯޓެއް ހޯދުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

އައިލޭންޑް އެވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ، ވައިޑް ބޮޑީ ދަތުރުތަކުގެ އިތުރަށް ނެރޯ ބޮޑީގެ ދަތުރުތައްވެސް ޗައިނާއަށް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ ކުރިންވެސް މޯލްޑިވިއަނުން ޗައިނާގެ ސިޓީތަކަށް ނެރޯ ބޯޑީގައި ދަތުރުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އިޔާސް ވިދާޅުވި ގޮތުގައި، ޗައިނާގެ ޖިއާން އަދި ޝެންޒެންއަށް ނެރޯ ބޮޑީގެ ދަތުރުތައް އަންނަ ޖެނުއަރީ މަހުން ފެށިގެން ސީޒަނަލް ފްލައިޓްތަކުގެ ގޮތުގައި ފަށާނެއެވެ. ޖިއާން ސިޓީއަށް ކުރިން ނެރޯ ބޮޑީގައި ދަތުރުކުރަމުން ދިޔައީ ތައިލޭންޑުގެ ބެންކޮކަށް ޖެއްސުމަށް ފަހުގައެވެ. އޭނާ ވިދާޅުވީ މި ދަތުރުތައް ކުރިއަށް އޮތްތަނުގައި ވަރަށް ބޮޑަށް ފުޅާވެގެންދާނެ ކަމަށެވެ.

މޯލްޑިވިއަނުން ޗައިނާއަށް ކުރާ ވައިޑް ބޮޑީގެ ދަތުރުތައް ވަރަށް ކާމިޔާބުކަން އައިލޭންޑް އެވިއޭޝަނުން ފާހަގަކުރެއެވެ. މިހާތަނަށް ޗައިނާއިން އެކަނި ވައިޑް ބޮޑީގައި 20،000 އަށްވުރެ ގިނަ މީހުން އުފުލާފައިވާ ކަމަށާއި، އަދި 1100 ޓަނުގެ މުދާވެސް މި ދަތުރުތަކުގައި އުފުލާފައިވާ ކަމަށް މޯލްޑިވިއަނުން ހާމަކުރެއެވެ.

ޗައިނާގެ އިތުރުން އިންޑިއާގެ ކޮޗިން އަދި ޓްރެވިންޑްރަމަށް މިހާރު ނެރޯ ބޮޑީގައި ހަފްތާއަކު 4 ދަތުރު ކުރަމުންދާ ކަމަށް އިޔާސް ފާހަގަކުރެއްވިއެވެ. މި ދަތުރުތައް އަންނަ މަހު ހަފްތާއަކު 5 ދަތުރަށް އިތުރުކުރާނެއެވެ. އަދި ބަންގްލަދޭޝްގެ ޑާކާއަށް މިވަގުތު ދަތުރުތައް ހުއްޓިފައިވީ ނަމަވެސް، އަންނަ އަހަރު އެ ދަތުރުތައް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ދަތުރުތައް ބޭރުގެ މަންޒިލްތަކަށް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން، ވައިޑް ބޮޑީގެ ދަތުރުތައް އިތުރު މަންޒިލްތަކަށް ފުޅާކުރުމަށް ވެސް ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު