ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޕީއެންސީ ތަމްސީލު ކުރާ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގައި ބައިވެރިވުމުގެ ފުރުޞަތު މާދަމާ ހުޅުވާލަން ނިންމައިފިއެވެ. މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަދި ކެންޕެއިން މެނޭޖަރު އިބްރާހިމް ފަލާޙު ވިދާޅުވީ، މި ޕްރައިމަރީގައި ވަރަށް ގިނަ ޢަދަދެއްގެ ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކެންޑިޑޭޓުންނަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލެވޭނެއެވެ. ކުރިމަތިލުމަށް ހަމަޖެހިފައިވަނީ ޕާޓީގެ ވެބްސައިޓުގައިވާ އޮންލައިން ފޯމެއް މެދުވެރިކޮށެވެ. އަދި އިންތިޚާބާއި ގުޅޭ މަޢުލޫމާތު ޕީއެންސީގެ ވެބްސައިޓުން ލިބޭނެ ކަމަށްވެސް ފަލާޙު ވިދާޅުވިއެވެ.
މިވަގުތު ޕާޓީގެ މެންބަރުންގެ ގޮތުގައި ދަފުތަރުވެފައިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ލިބޭނެއެވެ. އަދި ޕާޓީގައި ނުހިމެނޭ ފަރާތްތަކަށްވެސް ކުރިމަތިލެވޭނެ ނަމަވެސް، އެފަރާތްތަކުން ޕީއެންސީގެ މެންބަރަކަށް ވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް ފަލާޙު ހާމަކުރެއްވިއެވެ.
ޕީއެންސީގެ އެތެރޭގެ އިންތިޚާބު ބާއްވާނީ އަންނަ މަހުގެ 27 ވަނަ ދުވަހުއެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ފުރުޞަތު ލިބޭނީ، ކޮންމެ މީހަކުވެސް ރަޖިސްޓްރީވެފައިވާ ރަށެއްގައި ހުންނަ ވޯޓު ފޮއްޓަށް ކަމަށް ފަލާޙު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުން ޕީއެންސީގައި މިހާރު 68،665 މެންބަރުން އެބަތިއްބެވެ. ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުއެވެ.



