ފާއިތުވެދިޔަ 48 ގަޑިއިރު ތެރޭގައި މާލެ އާއި ހުޅުމާލެއިން ޖުމްލަ 100 އުޅަނދު ފުލުހުން ޓޯކޮށްފައިވާ ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މީގެ ތެރެއިން މާލެއިން 62 އުޅަނދު ޓޯކޮށްފައިވާއިރު، އެއީ 60 ދެ ފުރޮޅުލީ އުޅަނދާއި ދެ ހަތަރު ފުރޮޅުލީ އުޅަނދެވެ.
ހުޅުމާލެއިން ޓޯކޮށްފައިވަނީ ޖުމްލަ 38 އުޅަނދެވެ. މި ހުރިހާ އުޅަނދުތަކަކީ ވެސް ދެ ފުރޮޅުލީ އުޅަނދުތަކެވެ. ފުލުހުން ވިދާޅުވީ ހުޅުމާލެއިން ޓޯކުރި އުޅަނދުތަކުގެ ތެރެއިން ގިނަ އުޅަނދު ޓޯކުރީ ގަވައިދާ ހިލާފަށް ޕާކްކޮށްގެން ކަމަށާއި، އަދި ފަސް އުޅަނދު ޓޯކޮށްފައިވަނީ ލައިސަންސް ނެތި ދުއްވައިގެން ކަމަށެވެ.
މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި އާންމު ދަތުރު ފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯވކުރުމަށާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ފާއިތުވި 48 ގަޑިއިރުގެ ތަފާސް ހިސާބު pic.twitter.com/yma762Dhvz
— Maldives Police (@PoliceMv) December 1, 2025
މީގެ އިތުރުން، ފާއިތުވި 48 ގަޑިއިރު ތެރޭގައި ހުޅުމާލެއިން 12 އުޅަނދު ވަނީ ޖޫރިމަނާކޮށްފައެވެ. އެއީ 9 ދެ ފުރޮޅުލީ އުޅަނދާއި 3 ހަތަރު ފުރޮޅުލީ އުޅަނދެވެ. އަދި ރަޖިސްޓްރީ ނަންބަރު ބަދަލުކޮށްގެން ދުއްވި އެއް ސައިކަލާއި އެކި މައްސަލަތަކުގައި ޓޯ ކުރި ދެ ސައިކަލު ވެސް މި މުއްދަތުގެ ތެރޭގައި ހިމެނެއެވެ.
ފުލުހުން ވަނީ މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ޕާކިންގެ މައްސަލަ ހައްލުކުރުމަށްޓަކައި، އުޅަނދުތައް ޕާކްކުރުމަށް ކަނޑައެޅިފައިވާ ޕާކިން ޒޯންތަކުގައި ޕާކް ކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި ގްރޭޓާ މާލޭ ސަރަހައްދުގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރާ މަސައްކަތަށް އާންމުން ދެއްވާ އެއްބާރުލުމަށް ޝުކުރު ވެސް ވަނީ އަދާކޮށްފައެވެ.



