11 ޑިސެންބަރު 2025
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަތުމާ ގުޅިގެން ގަލޮޅު ދަނޑުގައި ބޭއްވި ޙަރަކާތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

އެފްއޭއެމް އަންހެން ލީގުގެ ކޮންމެ ޓީމަކަށް ފީފާ މެދުވެރިކޮށް 100،000ރ. ދެނީ

އިއްޔެ ފެށި އަންހެން ލީގުގައި ވާދަކުރާ ކޮންމެ ޓީމަކަށް 100,000ރ ގެ ފައިސާގެ އެހީތެރިކަމެއް ދިނުމަށް އެފްއޭއެމްއިން ނިންމައިފިއެވެ. މި އެހީގެ ފައިސާ ފޯރުކޮށްދެނީ ފީފާގެ އެހީތެރިކަމާއެކު ކަމަށް އެފްއޭއެމްއިން ބުނެފައިވެއެވެ.

ފީފާގެ ޕެކޭޖް މެދުވެރިކޮށް ޖުމުލަ 600،000ރ ގެ ޕެކޭޖް ބަހާލާނީ މުބާރާތުގައި ވާދަކުރާ ހަ ޓީމަށެވެ.

މި މުބާރާތް ފެށުމާއެކު، 10 އަހަރަށްފަހު އެފްއޭއެމްއިން އަންހެން ފުޓްބޯޅައިގެ އިލެވަން ސައިޑް މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރަށް ވެގެންދިޔައެވެ. މީގެ ކުރިން 2015 ވަނަ އަހަރު މިފަދަ މުބާރާތެއް ބާއްވާފައިވާއިރު، އޭގެފަހުން މިނީ ފުޓްބޯޅަ އަދި ނައިން ސައިޑް މުބާރާތްތައް އިންތިޒާމުކޮށްފައިވެއެވެ.

މި ލީގުގައި ވާދަކުރަނީ ޖުމުލަ ހަ ޓީމެވެ. އެއީ ވިކްޓަރީ، ޓީސީ، ނިއު ރޭޑިއަންޓް (2015 ގެ ޗެމްޕިއަން)، މާޒިޔާ، އޮޑި އަދި ބިސް ބުރެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ވިކްޓަރީން ވަނީ ޓީސީ 6-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. މި މުބާރާތް ރަސްމީކޮށް ފައްޓަވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.

އެފްއޭއެމްގެ ރައީސް މުޙައްމަދު ޠާރިޤްގެ ދައުވަތަކަށް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އޮކްޓޯބަރު މަހު ރާއްޖެ ވަޑައިގެންނެވިއެވެ. އިންފަންޓީނޯ ވަނީ ރާއްޖޭގެ ފުޓްބޯޅަ އަލުން ކޮޅަށް ނެގުމަށް ކުރާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އެފްއޭއެމްގެ ރައީސް މުޙައްމަދު ޠާރިޤް ކުރިން ވިދާޅުވެފައިވާ ގޮތުގައި، އަންހެން ފުޓްބޯޅަ މުބާރާތް މެދުނުކެނޑި ކޮންމެ ސީޒަނެއްގައި ކުރިއަށްދާނެއެވެ. އަދި އަންހެން ފުޓްބޯޅައިގައިވެސް ޕްރިމިއާ ޑިވިޝަނަކާއި ދަށް ޑިވިޝަނެއް ބޭއްވުމުގެ ވިސްނުން އެބަހުއްޓެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު