އެޗްޑީސީން ނުކުޅެދުންތެރިކަން ހުންނަ 30 ފަރާތަކަށް ވަޒީފާ ދީފިއެވެ. މިއީ އެޗްޑީސީން އިޖުތިމާޢީ ޒިންމާ އަދާކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ މުހިންމު މަސައްކަތެކެވެ.
2 ޑިސެންބަރު 2025 ވަނަ ދުވަހުގައި ބޭއްވި މި ރަސްމިއްޔާތުގައި ދިވެހި ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔާރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެޗްޑީސީން ވިދާޅުވި ގޮތުގައި، މި 30 ފަރާތްތަކަށް ވަޒީފާ ދިނުމަކީ އެޗްޑީސީގެ މަސައްކަތްތަކުގައި ހަމަހަމަކަން ޤާއިމުކުރުމަށް ކުރާ މަސައްކަތުގެ ބައެކެވެ. މިފަދަ ފަރާތްތަކަށް ވަޒީފާ ދިނުމުގެ މުހިންމުކަމަކީ، އެފަރާތްތަކުގެ ޤާބިލުކަން ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމާއި، އިޤްތިސާދީ ގޮތުން އެހީތެރިވެދިނުމެވެ. މިވަގުތުވެސް އެޗްޑީސީގެ އެކިއެކި ޑިޕާރޓުމަންޓުތަކުގައި ނުކުޅެދޭ ފަރާތްތަށް މަސައްކަތްކުރަމުންދެއެވެ.
މި ރަސްމިއްޔާތުގައި، އެޗްޑީސީގެ ވެބްސައިޓަށް އާންމުންނަށް ޚިދުމަތް ދިނުމަށް ތައާރަފުކުރެވުނު އޭއައި ބޮޓް "މިތުރު" ވެސް ވަނީ ތައާރަފުކޮށްފައިއެވެ. މީގެ އިތުރުން، ވެބްސައިޓަށް އިތުރު އެކްސެސިބަލް ފީޗާސްތަކެއް ވެސް ވަނީ އިތުރުކުރެވިފައެވެ. މިކަމުގެ ސަބަބުން ނުކުޅެދޭ ފަރާތްތަކަށް އެޗްޑީސީގެ ހިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
ހަމަހަމަ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް އެޗްޑީސީން ކުރަމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، މިފަދަ އިޖުތިމާޢީ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަކީ އެޗްޑީސީގެ މައިގަނޑު އެއް އަމާޒެއްކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.



