11 ޑިސެންބަރު 2025
"ލޯކަލް ޕޮލިސިންގ ކޮންފަރެންސް 2025" ފެށުމުގެ ރަސްމިއްޔާތުގައި، ފޮޓޯ: ފުލުހުން

ނަތީޖާ ނެރެވެންވާނެ؛ ފުލުހުންގެ ޚިދުމަތަކީ ވަރަށް ޒިންމާދާރު ޚިދުމަތެއް: ވަޒީރު އިޙްސާން

ފުލުހުންގެ ޚިދުމަތަކީ، ވަރަށް ޒިންމާދާރު ކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތެއް ކަމަށާއި، އެ މަޤުޞަދަށް މަސައްކަތް ނުކުރާނަމަ ފުލުހުންގެ ޚިދުމަތުން ޖާގައެއް ނޯންނާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

"ލޯކަލް ޕޮލިސިންގ ކޮންފަރެންސް 2025″ ފެށުމުގެ ރަސްމިއްޔާތުގައި ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ވިދާޅުވީ، ފުލުހުންގެ ޚިދުމަތަށް 90 އަހަރުވެފައިވާއިރު، ޒަމާނީ ބަދަލުތަކަށް މަސައްކަތް ކުރަން ފެށީ މީގެ 20 ވަރަކަށް އަހަރު ކުރިން ކަމަށެވެ. ނަމަވެސް މިހާރުގެ މުޖުތަމަޢަށް ބަލާނަމަ ވަރަށް ހަލުވި ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ.

ޤާނޫނުތަކަށް އަންނަ ބަދަލުތަކާއި މީހުންގެ ވިސްނުމާއި ޓެކްނޮލިޖީގެ އިތުރުން ކުށުގެ ވެއްޓަށްވެސް އަވަސް ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ.

ކޮންމެ ސަރުކާރެއްގެ ސިޔާސަތާއި އެއްގޮތް ކުރުމަށް، ކަނޑައަޅާ ބަދަލުތަކަށްވެސް ރިޢާޔަތްކުރަންޖެހޭ ކަން ފާހަގަކުރައްވައި،  ވަޒީރު ވިދާޅުވީ، ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތް ކުރަނީ ފްރަންޓް ލައިން އޮފިސަރުން ކަމަށެވެ. އަދި ލޯކަލް ޕޮލިސް ކޮންފަރެންސްގެ އެންމެ ބޮޑު ބޭނުމަކީވެސް، ޚިދުމަތުގައި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ ފުލުހުންގެ ޚިޔާލާ މަޝްވަރާ ހޯދައިގެން ސިޔާސަތުތައް ކަނޑައެޅުން ކަމަށެވެ.

ފުލުހުންގެ ހުރި ވަސީލަތްތައް ބޭނުން ކޮށްގެން ޚިދުމަތް ދިނުމުގެ ސިޔާސަތުތައް އަލުން ތަރުތީބު ކުރެވި ރައްޔިތުން ބޭނުންވާ ފަދަ ބަދަލުތަކެއް ޚިދުމަތް ދިނުމުގައި ފެނިގެން ދިއުން ކަމަށާއި، މިކަން ތަންފީޒުކުރޭތޯ ބެލުމަށްވެސް ހަރުދަނާ ގޮތްތަކެއް މިކޮންފަރެންސުން ކަނޑައަޅާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ،

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ، މި ކޮންފަރެންސްގެ އެންމެ މުހިންމު މަޤުޞަދަކީ އަތޮޅުތަކުގައި ފުލުހުންގެ ބައިވެރިވުން އިތުރުކޮށް ޚިދުމަތް ދެވޭނެ ގޮތްތަކެއް ކަނޑައެޅުން ކަމަށެވެ. ކޮންމެ ރަށެއްގައި ހުރިހާ ވަސީލަތްތައް ޤާއިމުވެފައި ނެތްނަމަވެސް، ރަށްރަށުގައި ޚިދުމަތް ދޭނެ ޤާބިލުކަމާއި ހުނަރުތައް އެފަދަ ވެށިތަކަށް ބިނާކޮށް ދިނުމަކީވެސް މިކޮންފަރެންސްގެ މަޤްސަދެއްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ، 2004ވަނަ އަހަރުން ފެށިގެން، މިއީ މުޅި ފުލުހުންގެ ޚިދުމަތް ހިމެނޭހެން ގެންދެވޭ އެންމެ ބޮޑު މަޝްވަރާ ބައްދަލުވުން ކަމަށެވެ. ޚާއްސަކޮށް ލޯކަލް ޕޮލިސިންގެ ދާއިރާގައި ގެންދެވޭ އެންމެ ފުޅާ މަޝްވަރާ ކަމަށެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މި ކޮންފަރެންސްގައި ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކެއްގެ ފުލުހުންގެ ކޮމާންޑްތަކުން ބައިވެރިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު