11 ޑިސެންބަރު 2025
ދިވެހި ސަރުކާރުން ހަދިޔާކުރެއްވި 50،000 ޑޮލަރު ސްރީލަންކާ ސަރުކާރާ ހަވާލުކުރެއްވުން، ފޮޓޯ: ފޮރިން މިނިސްޓްރީ

ދިވެހި ސަރުކާރުން ހަދިޔާކުރެއްވި 50،000 ޑޮލަރު ސްރީލަންކާ ސަރުކާރާ ހަވާލުކުރައްވައިފި

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާއަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ދިވެހި ސަރުކާރުން އެހީގެ ގޮތުގައި ދެއްވުމަށް ކަނޑައެޅުއްވި 50،000 ޑޮލަރު އެ ޤައުމުގެ ސަރުކާރާ ހަވާލުކުރައްވައިފިއެވެ.

މިކާރިސާއާ ގުޅިގެން ސްރީލަންކާއަށް އެހީވުމުގެ ގޮތުން 50 ހާސް ޑޮލަރާއި 25،000 މަސްދަޅު ކޭސް ހަދިޔާކުރައްވަން ދިވެހި ސަރުކާރުން ނިންމެވިކަން ހާމަކުރެއްވީ މިދިޔަ ހޮނިހިރުދުވަހުއެވެ. މީގެ ތެރެއިން 50 ހާސް ޑޮލަރުގެ ފައިސާގެ އެހީ މިހާރު މިވަނީ ސްރީލަންކާ ސަރުކާރާއި ހަވާލުކުރައްވާފައެވެ.

މި ފައިސާގެ އެހީ ލަންކާ ސަރުކާރާއި ހަވާލުކޮށްދެއްވީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަސްޢޫދު އިމާދުއެވެ. ލަންކާ ސަރުކާރުގެ ފަރާތުން މިއެހީއާ ހަވާލުވެވަޑައިގަތީ އެޤައުމުގެ ޚާރިޖީ ވަޒީރު ވިޖިތާ ހެރަތުއެވެ.

ދިވެހި ޚާރިޖިއްޔާއިން ވިދާޅުވެފައި ވަނީ މި އެހީތެރިކަން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި މިފަދަ އުނދަގޫ ދަނޑިވަޅެއްގައި ލަންކާ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަންކަމަށެވެ. އަދި ރާއްޖެއިން އުއްމީދުކުރަނީ މި އެހީގެ ސަބަބުން ޙާލުގައި ޖެހިފައިވާ ސްރީލަންކާ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބި، ސްރީލަންކާ ސަރުކާރުން ކުރަމުންދާ މަސައްކަތައް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބޭނެކަމަށްކަން ޚާރިޖިއްޔާއިން ވިދާޅުވިއެވެ.

އަދި، ރާއްޖެއިން ފޯރުކޮށްދިން އެހީއަށް ޝުކުރު އަދާކުރައްވަމުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ލަންކާގެ ޚާރިޖީ ވަޒީރު ވިދާޅުވީ އެ ޤައުމަށް ދިމާވެފައިވާ ހިތާމަވެރި މި ހާލަތުގައި ލަންކާ ރައްޔިތުންނާއެކު ތިބިކަން ދިވެހިރައްޔިތުން ހާމަކޮށްދިނުމަކީ ދެ ޤައުމުގެ މެދުގައި އޮތް ވަރުގަދަ ގުޅުން ދައްކުވައިދޭ ކަމެއްކަމަށެވެ.

ތޫފާން ޑިޓްވާގެ ސަބަބުން ލަންކާގައި އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ގެއްލި، އެތައް ހާސް ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު