15 ޖަނަވަރީ 2026

ދަތްއުނގުޅާ ސިވާކު ދަނޑިކޮޅުގެ ފައިދާ

ޖަރުމަނު ވިލާތުގެ ރޯސުޓޮކް ޔުނިވަރސިޓީއިން ކުރި ދިރާސާއަކުން ދައްކާގޮތުގައި ދަތްއުނގުޅަން މުސްލިމުން ބޭނުންކުރާ ސިވާކު ދަނޑިކޮޅަކީ އޭގައިވަރަށްގިނަ ފައިދާ އެކުލެވޭ ދަނޑިކޮޅެކެވެ. މިއީ ސަހަރާ ތެރޭގައި ހެދޭ ގަހެއްގެ މުލެކެވެ. މި ދަނޑިކޮޅުން ދަތްސާފުކޮށް އަދި އަނގައިން ވަސްފިލުވާލަން ބޭނުންކުރެވޭ ދަތް އުނގުޅާ ޤުދުރަތީ ބުރުހެކެވެ. މި ބުރުހުގެ މޮޅުކަމަކީ ކިތަންމެ ވަރަށް ދަތްއުނގުޅާފައި ނުދޮވެ ބޭއްވިޔަސް ނުބައިވަސް ނުދުވުމެވެ.
އާދެ ޔުނިވަރސިޓީގެ ދިރާސާއިން ދެއްކިގޮތުގައި މި ޤުދުރަތީ ބުރުހުުގައި ވަރަށް ގިނަ ފައިދާކުރަނިވި މިނެރަލް މާއްދާތައް ހިމެނެއެވެ. އެގޮތުން ކޮލޮރައިޑާއި ސޯޑިއަމާއި ޕޮޓެސިއަމާއި އަދިވެސް މީރުވަސް ދުއްވާ އެހެން މާއްދާތައް ހިމެނެއެވެ. އަދި އޭގެ އިތުރުން މިދަނޑިބުރުހުގައި ހިރުގަނޑު ވަރުގަދަ ކުރާ މާއްދާތަކާއި އަދި ނުބައިވަސް ފިލުވާލުމުގެ ޤާބިލުކަން ލިބިގެންވާ މާއްދާތައްވެސް އެކުލެވިގެންވެއެވެ. އަދި އަނގަތެރެ ސާފުކޮށްދޭ މާއްދާތައްވެސް ހިމެނޭކަމަށް މިދިރާސާއިން ދައްކައެވެ. މާޝާ ﷲ

އަދި ޢާއިޝާ ރަޟިޔަﷲ އަންހާ ރިވާކުރައްވާ ގޮތުގައި އެކަލޭގެފާނު ގެޔަށް ވަދެވަޑައިގެންފި ނަމަ ސިވާކުން ދަތްޕުޅު އުނގުޅައްވަން ފައްޓަވައެވެ.

އަދި އެކަލޭގެފާނު އަވަހާރަވުމުގެ ކުރިން އެންމެފަހުން ކުރެއްވި ކަމަކީ ސިވާކުން އެކަލޭގެފާނުގެ ދަތްޕުޅުތައް އުނގުޅުއްވުމެވެ.

މިދަނޑިކޮޅު ބޭނުންކުރުމަކީ ސުންނަތެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. " ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންނަށް ދަތިނުވާނެނަމަ ކޮންމެ ނަމާދަކާއިއެކު ސިވާކުކުރުމަށް (އެބަހީ: ދަތް އުނގުޅުމަށް) އަމުރުކުރެއްވީމުހެވެ." (މުއްތަފަޤުން ޢަލައިހި)

ނޯޓު: ރާއްޖޭގެ ފިހާރަތަކުންވެސް މިހާރަކަށް އައިސް ޕެކެޓްކުރި ސިވާކު ވިއްކަން ހުރެއެވެ. މިއީ ދާ ކޮންމެތާކަށް ގެންދަން ފަސޭހަ ޖީބުގައި ނުވަތަ އަތްދަބަހުގައި ބާއްވާލަން ހަމަ އެއްވަނައިގެ ބުރުހެކެވެ. ބޭނުންކޮށްފައި ޕެކެޓްގައި ބައިންދާލުމުން ވަރަށް ބަރާބަރުވާނެއެވެ. މީހުންނަށް އަނގައިން ދުވާ ވަސްވެސް ކަނޑުވާލެވުނީއެވެ. މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ އަަލައިހި ވަސައްލަމަގެ ސުންނަތް ވެސް ހާސިލުވީއެވެ. އެއްދޮނުގައި ދެބުޅި ޖައްސަވާލަން މިއޮތީ ރަނގަޅު ފުރުސަތެކެވެ.


ނިމުނީ
ހަވާލާ: ލުއުލުއު ވަލްމަންޘޫރު

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު