15 ޖަނަވަރީ 2026

ދުންފަތުގެ އިސްތިޢުމާލުކުރުމުން ގެއްލުން ލިބެނީ ހަމައެކަނި އެކަން ކުރާ ބަޔަކަށް ނޫން: ހުކުރު ޚުޠުބާ

މިއަދުގެ ހުކުރު ޚުޠުބާގައި، ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ މައްޗަށް އަލިއަޅުވާލައްވައި، މުސްލިމުންނަށް ނަސޭހަތްތެރިވެވަޑައިގެންފިއެވެ. ޚުޠުބާގައި ބަޔާންކުރެއްވި ގޮތުގައި، ކީރިތިވަންތަ މާތް ﷲ ވަނީ ދުނިޔޭގައިވާ ގިނަ ތަކެތީގެ ބޭނުން ހިފުން އިންސާނުންނަށް ހުއްދަކުރައްވާފައެވެ. ނަމަވެސް، އެ ތަކެތީގެ ތެރެއިން ނިސްބަތުން ވަރަށް މަދު އެއްޗެއް ޙަރާމްކުރައްވާފައިވަނީ، އެ ތަކެތީން ލިބިދާނެ ބޮޑު ގެއްލުމަކަށް ޓަކައެވެ.

ޚުޠުބާގައި ވަނީ ކީރިތި ޤުރުއާނުގެ އާޔަތްތަކުން ދަލީލު ދައްކަވައިފައެވެ. އެގޮތުން، މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ: "އޭ މީސްތަކުންނޭވެ! ބިމުގައިވާ ތަކެތީގެ ތެރެއިން ޙަލާލު ރަނގަޅު ތަކެތި ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ޝައިޠާނާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން ތަބަޢަނުވާށެވެ! (އެހެނީ) ހަމަކަށަވަރުން އެ ޝައިޠާނާއީ، ތިޔަބައިމީހުންނަށް ހުރި ކަނޑައެޅި ބަޔާންވެގެންވާ ޢަދާވާތްތެރިއެކެވެ." އަދި ވެސް ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ: "އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ ނަފުސުތައް ހަލާކުގެ ތެރެއަށް އެއްލައިނުލާށެވެ!"

ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، ދުންފަތަކީ ވަރަށް ގިނަ ގޮތްގޮތުން ގެއްލުން ހުރި އެއްޗެއްކަން، ކަމާ ގުޅޭ ގޮތުން ކުރެވިފައިވާ އެންމެހައި ދިރާސާތަކުން ސާބިތުވެފައިވެއެވެ. ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން، އެކަމާ މެދު ފަރުވާލެއް ނުބަހައްޓައި، އަމިއްލަ އަތްތަކުން ތިމާމެންގެ ހަށިތައް ހަލާކުގެ ތެރެއަށް ވައްޓައިލައެވެ. ބުރަ މަސައްކަތުން ހޯދާ ފައިސާ، ބޭކާރު ގޮތުގައި ހޭދަކޮށް، އަމިއްލަ ހަށިގަނޑަށް ގެއްލުންދެއެވެ. އަމިއްލަ ބޭނުންތަކަށާއި، އަނބިދަރީންނަށާއި، ޙާޖަތްތެރީންނަށް އެ ފައިސާ ހޭދަކުރުމުގެ ބަދަލުގައި، އެއްވެސް ފިކުރެއް ނެތި، ތިމާގެ އަމިއްލަ އަތުން އަލިފާންޖަހައި، އަންދައިލާން ހެޔޮނުވާނެ ކަމަށް ޚުޠުބާގައި ބަޔާންކުރެއްވިއެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުމަކީ، ފުއްޕާމެއަށް ކެންސަރު ޖެހުމަށް ދިމާވާ އެންމެ ބޮޑު ސަބަބު ކަމުގައި ޚުޠުބާގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މިކަމަކީ ހިތާ ގުޅިފައިވާ ލޭނާރުތަކުގައި ސަރުބީ ޖަހައި، ލޭހިނގުމަށް ދަތިވެ، ހޮޅިތައް ބެދުމަށް މެދުވެރިވާ ކަމެކެވެ. އެތެރެހަށީގެ ބައެއް ގުނަވަންތަކަށް ކެންސަރު ޖެހި މަރުވުމުގެ ސަބަބުތަކުގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހިމެނެއެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރުމުން، މާބަނޑު އަންހެނާގެ ބަނޑުގައިވާ ދަރިފުޅު ބައިގެންދިއުމަށާއި، ވިހެއުމުގެ ކުރީން ދަރިފުޅު މަރުވުމަށާއި، ގޮހޮރު ފާރުވުން ފަދަ ކަންތައްތަކަށް މަގުފަހިވާ ކަމަށް ވެސް ޚުޠުބާގައި ބަޔާންކުރެއްވިއެވެ.

އަދި ދުންފަތުގެ އިސްތިޢުމާލުކުރުމުން ގެއްލުން ލިބެނީ ހަމައެކަނި އެކަން ކުރާ ބަޔަކަށް ނޫންކަން ވެސް ޚުޠުބާގައި ވަނީ ބަޔާންކުރައްވާފައެވެ. މީހުން އެއްވެއުޅޭ ތަންތާނގައި، ދުންފަތުގެ އިސްތިޢުމާލު ކުރުމުން، އެ ތަނެއްގައި ތިބި ދުންފަތުގެ އިސްތިޢުމާލުނުކުރާ މީހުންނަށް ވެސް ބޮޑެތި ގެއްލުން ލިބެއެވެ. އެހެންކަމުން، ދުނިޔޭގެ ގިނަ ޤައުމުތަކުގައި، މިއަދު ވަނީ މީހުން އެއްވެއުޅޭ ތަންތާނގައި، ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކޮށްފައެވެ. މަތިންދާބޯޓުތަކާއި އެއަރޕޯޓުތަކާއި، ސަރުކާރުގެ އޮފީސްތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި މަދަރުސާ ފަދަ ތަންތާނގައި، ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރެވިފައި ވެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ސިނގިރޭޓެއް ބޮއި ނިމޭއިރު، އެތަނުގައި ތިބި އެހެން މީހުންނަށް ވެސް އެ ގެއްލުންތައް ލިބެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު