ފާއިތުވެދިޔަ ދެ އަހަރަކީ ރާއްޖޭގެ ޒަކާތުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ދެ އަހަރުކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ފާއިތުވެދިޔަ ދެ އަހަރަކީ ރާއްޖޭގެ ޒަކާތުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ދެ އަހަރުކަމަށެވެ. މިނިސްޓަރ ޝަހީމް މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ޒަކާތު ޤާނޫނާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ވަނީ ޒަކާތު ހައުސް އުފެއްދެވުމަށާއި، ޒަކާތަށް ހާއްސަ ޤާނޫނެއް އެކުލަވާލެއްވުމަށާއި، ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާކުރެއްވުމަށް ހިމަނުއްވާފައެވެ.
މިނިސްޓަރ ޝަހީމް ވިދާޅުވީ، ރައީސް މުޢިއްޒުގެ ދައުރުގެ ވަރަށް ކުރީކޮޅު ޒަކާތަށް ހާއްސަ އިދާރާއެއްގެ ގޮތުގައި ޒަކާތު ހައުސް އުފައްދަވާފައިވާ ކަމަށާއި، ޒަކާތު ހައުސްއިން އާއްމުން ޒަކާތަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރި މަސައްކަތުން ފާއިތުވެދިޔަ ދެ އަހަރަކީ ޒަކާތުގެ ނިޒާމުގައި ފާހަގަކޮށްލެވޭ ދެ އަހަރަށް ވެގެންގޮސްފައިވާކަމަށެވެ. އެގޮތުން، ފާއިތުވެދިޔަ 2024 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބި، ތާރީހުގެ ތެރެއަށް ވަދެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަމުން ދޭހަވަނީ ޒަކާތުގެ ނިޒާމާއި މެދު އާއްމުންގެ ފުރިހަމަ އިތުބާރު އޮތްކަންކަމަށް ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރުގެ ވިދާޅުވީ، ރައީސް މުއިއްޒު ހޮނިހިރު ދުވަހު ތަސްދީގު ކުރެއްވި ޒަކާތު ޤާނޫނަކީ އެންމެ ފަހުގެ އިސްލާމީ ދިރާސާތަކުގެ މައްޗަށް ބިނާވެފައިވާ ޤާނޫނެއްކަމަށާއި، މި ޤާނޫނާއެކު ޒަކާތުގެ ނިޒާމަށް އިތުރު ހަރުދަނާކަމާއި ކުރިއެރުން ލިބިގެންދާނެކަމަށެވެ. މި ޤާނޫނާއެކު ޒަކާތު ހައުސްއަށް ޤާނޫނީ ބާރުވެރިކަން ލިބި، ޒަކާތާއި ގުޅޭ ކަންކަން ތަފްސީލްކަމާއެކު ޤާނޫނުގައި ހިމެނިފައިވުމަކީ ޒަކާތުގެ ނިޒާމަށް ލިބުނު ފަސޭހައެއްކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ޒަކާތުގެ ޤާނޫނު އެކުލަވާލާފައިވަނީ އިސްލާމްދީނުގައި ޒަކާތް ޝަރުޢުކޮށްފައިވާ މަޤުޞަދުތައް ޙާސިލުކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާ ގުޅޭ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި، ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޒަކާތުގެ ބާވަތްތަކާއި ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގެ ބާވަތްތައް ކަނޑައެޅުމުގެ މަޤުސަދުގައެވެ. މީގެ އިތުރުން، ދިރިއުޅުމުގެ ހަމަހަމަކަމާއި އިޖުތިމާޢީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާގެ ބޭނުން ފުރިހަމަގޮތުގައި ހިފޭނެ އުޞޫލުތައް ކަނޑައެޅުމަކީވެސް މި ޤާނޫނުގެ މުހިންމު މަޤުޞަދެކެވެ.



