ތޫފާން ދީތުވާގައި ސްރީ ލަންކާއަށް ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން އެ ގައުމަށް އެހީވުމަށް ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއާ، އަމިއްލަ ދެ ފަރާތެއް ގުޅިގެން 3.8 ޓަނުގެ އަސާސީ ތަކެތި ފޮނުވަން ނިންމައިފިއެވެ. މި އެހީ ފޮނުވުމުގައި މޯލްޑިވިއަންއާ އެކު ބައިވެރިވަނީ ދަ މަހަލްދީބް ފައުންޑޭޝަން އަދި މީގާތު ހައްޖު އެންޑް އުމްރާ ގުރޫޕެވެ.
މޯލްޑިވިއަނުން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މިފަދަ ދަތި ހާލަތެއްގައި ހާއްސަ އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތަކަށް އެހީ ފޯރުކޮށްދިނުމުގައި ހިއްސާވުމަކީ ގައުމީ އެއާލައިންގެ ހައިސިއްޔަތުން ކުރާނެ ކަމެކެވެ.
Standing with Sri Lanka, together. 🇲🇻 🇱🇰
The Mahaldeeb Foundation, Meegaath and Maldivian have joined together to transport essential goods in support of ongoing relief efforts in Sri Lanka.#Maldivianaero pic.twitter.com/VBevZRIJU9
— MaldivianAero (@MaldivianAero) December 7, 2025
މި އެހީގެ ތަކެތި ލަންކާއަށް ފޮނުވުމަށްޓަކައި މޯލްޑިވިއަނުން ވަނީ މިއަދާއި އަންނަ އަންގާރަ ދުވަހު، އެ އެއާލައިންގެ އެންމެ ބޮޑު ބޯޓު ކަމަށްވާ އޭ330 ގައި ލަންކާއަށް ހާއްސަ ދަތުރުތަކެއް ކުރުމަށް ވެސް ޝެޑިއުލްކޮށްފަ އެވެ. މި އެހީގެ މަސައްކަތަކީ ރާއްޖޭގެ ފަރާތުން ލަންކާއަށް ވެދެމުންދާ އެހީތެރިކަމުގެ ތެރެއިން އެންމެ ފަހުގެ މަސައްކަތެވެ.
ލަންކާގެ ރައްޔިތުންނަށް އެހީވުމަށް ދިވެހި ސަރުކާރުން ވަނީ 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް (1.2 މިލިއަން މަސްދަޅު) ހަދިޔާކޮށްފަ އެވެ. މީގެ އިތުރުން ޕީއެސްއެމުން އިސްވެ ރާއްޖޭގެ ގިނަ މީޑިއާތަކާ ގުޅިގެން ބޭއްވި ޓެލެތޯނަށް ލިބުނު 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) އާއެކު، ޖުމްލަ 850،352 ޑޮލަރު ވެސް ވަނީ ލަންކާ ސަރުކާރާ ހަވާލުކޮށްފައެވެ.
ސަރުކާރުގެ އިތުރުން ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކުން ވެސް ވަނީ ލަންކާއަށް މާލީ އެހީ ފޯރުކޮށްދީފަ އެވެ. އޭގެ ތެރޭގައި ސަން ކުންފުންޏާއި ވިލާ ގްރޫޕުގެ އިތުރުން މެދުފަންތީގެ ބައެއް ވިޔަފާރިވެރިން ހިމެނެ އެވެ. އަދި ލަންކާގައި ދިރިއުޅޭ ދިވެހިންނާއި އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން ވެސް ވަނީ އެހީގެ ހަރަކާތްތައް ހިންގާފައެވެ.
ތޫފާން ދީތުވާގެ ސަބަބުން ލަންކާއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ބޭރުގެ އެހީގެ ގޮތުގައި ޖުމްލަ 6.5 މިލިއަން ޑޮލަރު ލިބިފައިވާއިރު، އޭގެ ތެރެއިން އެންމެ ބޮޑު އެހީއެއް ދީފައި ވަނީ ރާއްޖެއިން ކަމަށް އެ ގައުމުގެ ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. މި ކާރިސާގައި 600 އަށް ވުރެ ގިނަ މީހުން މަރުވެ، 200 އާ ގާތްކުރާ އަދަދަކަށް މީހުން ގެއްލިފައިވާއިރު، އެތައް ލައްކަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. މިއީ 2004 ވަނަ އަހަރުގެ ސުނާމީގެ ފަހުން އެ ގައުމަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު ކާރިސާއެވެ.



