އަވަށްޓެރި ސްރީލަންކާއަށް ކުރިމަތިވި ކާރިސާއިން އެޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަހަލްދީބް ފައުންޑޭޝަނުން އެއްކުރި ތަކެތި މޯލްޑިވިއަންގެ ފްލައިޓްގައި ސްރީލަންކާއަށް ފޮނުވައިފިއެވެ.
މިކަން ހާމަކުރައްވައި، މޯލްޑިވިއަންއިން ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މަހަލްދީބް ފައުންޑޭޝަންގެ ފަރާތުން ސްރީލަންކާގެ ރައްޔިތުންނަށް ފޮނުވުމަށް އެއްކޮށްފައިވާ 3.8 ޓަނުގެ މުދާ އެ އެއަރލައިނުން އެ ޤައުމަށް ގެންގޮސްދީފައިވާކަމަށެވެ.
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާއަށް ލިބުނު ގެއްލުމުން އަރައިގަނެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެންމެ ފުރަތަމަ އިސްނެގި ޤައުމަކީ ރާއްޖެއެވެ. މި އެހީތެރިކަމުގެ ދަށުން، "ސިލޯނާއެކު ދިވެހީން" ގެ ނަމުގައި ޕަބްލިކް ސަރވިސް މީޑިއާއިން އިސްނަގައިގެން ވަނީ ޚާއްސަ ޓެލެތޯނެއްވެސް ކުރިއަށްގެންގޮސްފައެވެ. މި ޓެލެތޯނަށް ސަރުކާރުގެ ގިނަ ވުޒާރާތަކާއި، އިދާރާތަކާއި، ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ޓެލެތޯން މެދުވެރިކޮށް ޖުމުލަ 834,843.98 ޑޮލަރު ލިބިފައިވެއެވެ. މި ފައިސާ މިހާރު ވަނީ ސްރީލަންކާގެ ސަރުކާރަށް ހަވާލުކޮށްފައެވެ. މަހަލްދީބް ފައުންޑޭޝަނުން ފޮނުވި 3.8 ޓަނުގެ މުދަލަކީ މި އެހީތެރިކަމުގެ ދަށުން ފޯރުކޮށްދެވުނު އިތުރު އެހީތެރިކަމެކެވެ.
ރާއްޖެއިން އިސްނަގައިގެން ސްރީލަންކާއަށް އެހީތެރިވުމަށް ކުރިއަށްގެންދިޔަ ހަރަކާތައް ސްރީލަންކާގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ޝުކުރު އަދާކޮށްފައެވެ. ސޯޝަލް މީޑިއާގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ސްރީލަންކާގެ ރައްޔިތުން ވަނީ ޝުކުރު އަދާކުރުމަށް އެއްވުމެއްވެސް ބާއްވާފައެވެ. މިއީ ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.



