މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނޮވެމްބަރު މަހު 2.20 ބިލިއަން ރުފިޔާގެ ޢާމްދަނީއެއް ލިބިފައިވާ ކަމަށް ހާމަކޮށްފިއެވެ. މި ޢަދަދަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާބަލާއިރު 16.6 އިންސައްތަ އިތުރު ޢަދަދެކެވެ.
ޢާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީއާއި، ގްރީން ޓެކްސް އަދި އެއަރޕޯޓު ޓެކްސްގެ ގޮތުގައި ލިބުނު ޢާމްދަނީ އިތުރުވުން ހިމެނެއެވެ. މިގޮތުން، މި އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހަށްވުރެ 10.3 އިންސައްތަ އިތުރުވުމަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ޢާމްދަނީ އިތުރުވުމަށް މެދުވެރިވި ސަބަބެކެވެ.
މީގެ އިތުރުން، މި އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ގްރީން ޓެކްސްގެ ރޭޓު ބޮޑުކުރުމާއި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެއަރޕޯޓު ޓެކްސް އަދި ފީތަކުގެ ރޭޓުތައް ބޮޑުކުރުމަކީވެސް މި އަހަރުގެ ނޮވެމްބަރު މަހު ޢާމްދަނީ އިތުރުވި މުހިންމު ސަބަބުތަކެއް ކަމަށް މީރާއިން ފާހަގަކުރައްވައެވެ.
ނޮވެމްބަރު މަހަށް އަންދާޒާކުރި ޢާމްދަނީއަށްވުރެ 6.7 އިންސައްތަ އިތުރު ޢާމްދަނީއެއް ލިބިފައިވާއިރު، މީގެ މައިގަނޑު ސަބަބަކީ ގްރީން ޓެކްސްއާއި ފަތުރުވެރިކަމުގެ ދާއިރާ ނޫން އެހެން ދާއިރާތަކުގެ ޖީއެސްޓީ އިތުރުވުމެވެ. އަދި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީއިން ލިބުނު ޢާމްދަނީއަކީ ނޮވެމްބަރު މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިނުވާ ޢާމްދަނީއެވެ.
ނޮވެމްބަރު މަހު ލިބުނު ޢާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ޖީއެސްޓީއެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 1.30 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ދެވަނައަށް އެންމެ ބޮޑު ޢާމްދަނީއެއްގެ ގޮތުގައި 191.06 މިލިއަން ރުފިޔާ ލިބިފައިވަނީ ގްރީން ޓެކްސްގެ ގޮތުގައެވެ. މީގެ އިތުރުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 175.87 މިލިއަން ރުފިޔާ، ޑިޕާޗަރ ޓެކްސްގެ ގޮތުގައި 164.99 މިލިއަން ރުފިޔާ، އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 131.67 މިލިއަން ރުފިޔާ އަދި ވޯކްޕަރމިޓް ފީގެ ގޮތުގައި 63.86 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ނޮވެމްބަރު މަހުގެ ޢާމްދަނީގެ 19.7 އިންސައްތައަކީ ކުރީގެ ސުންގަޑިތަކަށް ދައްކާފައިވާ ފައިސާއެވެ. އަދި ޢާމްދަނީގެ 21 އިންސައްތައަކީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ލިބުނު ޢާމްދަނީއެވެ.
މީރާއަށް ނޮވެމްބަރު މަހު ލިބުނު ޢާމްދަނީގެ ތެރޭގައި 103.23 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ. މިއީ މިދިޔަ އޮކްޓޫބަރު މަހު ލިބުނު 85 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރު ޢަދަދެކެވެ.



