14 ޖަނަވަރީ 2026
ބީއެމްއެލްއިން ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފް ކުރުން/ ފޮޓޯ: ބީއެމްއެލް

ބީއެމްއެލްއިން ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، ދުނިޔޭގެ ޑިޖިޓަލް ޕޭމަންޓްސްގެ އެންމެ އިސް ސަފުގައި ފާހަގަކޮށްލެވޭ ވިސާގެ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފިއެވެ. މި ކާޑަކީ ރާއްޖެއަށް ތައާރަފްކުރި ފުރަތަމަ މެޓަލް ކާޑުކަމަށްވާއިރު، މިއީ ރާއްޖެއަށް އެންމެ އީޖާދީ އަދި އެންމެ ފެންވަރު ރަނގަޅު ޕްރޮޑަކްޓުތައް ތައާރަފްކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.

ވިސާ އިންފިނިޓް ކާޑަކީ ރާއްޖޭގެ މުޖުތަމަޢުގެ ފުދުންތެރިކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، ކަސްޓަމަރުން ބޭނުންވާ ދުނިޔޭގެ ފެންވަރުގެ ޚާއްސަ ޕްރިވިލެޖްތަކާއި ފުރިހަމަ ޚިދުމަތްތައް ފޯރުކޮށްދޭ ކާޑެކެވެ. މި ކާޑުގެ މަޝްހޫރުކަމާއި ބައިނަލްއަގުވާމީ ގޮތުން ލިބިފައިވާ ހަރުދަނާ މަގާމުގެ ސަބަބުން، ބީއެމްއެލް ވެގެންދާނީ މަތީ ފަންތީގެ އަދި އީޖާދީ ޕޭމަންޓްގެ ހައްލު ގެނެސްދޭ ބޭންކަކަށެވެ.

ބީއެމްއެލްއިން ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފް ކުރުން/ ފޮޓޯ: ބީއެމްއެލް

ވިސާ އިންފިނިޓް ކާޑު ހޯލްޑަރުންނަށް ލަގްޒަރީ ހޮޓެލްތަކުގައި ވީއައިޕީ ސްޓޭޓަސް ލިބޭނެއެވެ. އަދި އިންޓަރނޭޝަނަލް އެއާޕޯޓްތަކުގައި ފާސްޓް ޓްރެކް އިމިގްރޭޝަން، ޕަރސަނަލައިޒްޑް މީޓް އެންޑް އެސިސްޓް، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ 2،000 އަށްވުރެ ގިނަ ޕްރިމިއަމް ލައުންޖްތަކަށް އެކްސެސް ލިބޭނެއެވެ. މީގެ އިތުރުން ޕްރަޔޯރިޓީ ރިސަރވޭޝަން ޚިދުމަތްތަކާއި، ޝެފް ޓޭބަލް އިވެންޓުތަކާއި އާޓް ޝޯ އަދި ކޮންސަރޓްތަކަށް ހާއްސަ އެކްސެސް ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެހެނިހެން ފައިދާތަކުގެ ތެރޭގައި ހިލޭ ގޮލްފް ކުޅުމާއި ސްޕާގެ ފުރިހަމަ ޚިދުމަތްތަކާއި އެލީޓް ކްލަބް މެމްބަރޝިޕް ހިމެނެއެވެ. އަދި މުނިފޫހިފިލުވުމަށް ޕްރިމިއަމް ސަބްސްކްރިޕްޝަންތަކާއެކު ފުޑް ޑެލިވަރީ އަދި އެންމެ ކުރިއަރާފައިވާ އޭއައި އެޕްތަކުގެ ޚިދުމަތްތަކާއެކު، ޑިޖިޓަލް ޚިދުމަތްތައްވެސް ކާޑު ހޯލްޑަރުންނަށް ލިބިގެންދާނެއެވެ.

މި ހިދުމަތާއި ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކުގެ ކަސްޓަމަރުންނަށް ޕްރިމިއަމް ބޭންކިންގ ޚިދުމަތެއް ފޯރުކޮށްދިނުމަށް މި ކާޑު ތައާރަފްކުރުމަކީ ލިބޭ ފަޚުރެއްކަމަށާއި، މި ކާޑުން ކަސްޓަމަރުންނަށް ޚާއްސަ އެކްސްކްލޫސިވް ބެނެފިޓްތަކަކާއި ލައިފްސްޓައިލްއާ ގުޅޭ ލަގްޒަރީ ޚިދުމަތްތައް ލިބިގެންދާނެކަމަށެވެ. އަދި މިކަމުން ދައްކުވައިދެނީ ރާއްޖޭގެ މުޖުތަމައަށް ދުނިޔޭގެ ފެންވަރުގެ ޕޭމަންޓް ހައްލުތައް ތައާރަފްކުރުމަށް ބޭންކުން ދޭ އަހުމިއްޔަތުކަމެވެ.

ވިސާގެ ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރ، އަވަންތި ކޮލަމްބަގެ ވިދާޅުވީ، ރާއްޖެއަށް އިންފިނިޓް ކާޑު ތައާރަފްކުރުމަކީ ލިބޭ ކުރިއރުމެއް ކަމަށާއި، މި ކާޑުން އެހެން އެއްވެސް ކާޑަކުން ނުލިބޭ ފައިދާ އާއި ބައިނަލްއަގުވާމީ ޕްރިވިލެޖްތަކާއި ތަފާތު ތަޖުރިބާތަކެއް ލިބިގެންދާނެކަމަށެވެ. މި ކާޑާއެކު ރާއްޖެއަށް ޕޭމަންޓް ހައްލުތައް ފޯރުކޮށްދިނުމުގައި ބީއެމްއެލްއިން އަދާކުރާ އިސް ދައުރު އިތުރަށް ފުޅާވެގެންދާނެއެވެ.

ބީއެމްއެލްއިން ވަނީ 2002 ވަނަ އަހަރު ވިސާގެ ކާޑުތައް ރާއްޖެއަށް އެންމެ ފުރަތަމަ ތައާރަފްކޮށްފައެވެ. އަދި މިދިޔަ އަހަރު، ރާއްޖޭގެ ފުރަތަމަ ޝަރީއާ ކޮމްޕްލަޔަންޓް ވިސާ ކްރެޑިޓް ކާޑުވެސް ވަނީ ތައާރަފްކޮށްފައެވެ. ބޭންކުން އަންނަނީ ކްލަސިކް، ގޯލްޑް، ޕްލެޓިނަމް ވިސާ ކްރެޑިޓް ކާޑުތަކާ އެކު ކްލާސިކް ޑެބިޓް އަދި ދާދި ފަހުން ތައާރަފްކުރި ޕްލެޓިނަމް ކާޑާއެކު ވިސާގެ ޑެބިޓް ކާޑުތައްވެސް ދޫކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު