14 ޖަނަވަރީ 2026

48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން ފެށި ފަހުން 900 މިލިއަން ދޫކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް، މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ފެށި ފަހުން މިދިޔަ އެއް އަހަރުގެ ތެރޭގައި 900 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މިފްކޯއަށް މަސްކިރުވާ މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ސަރުކާރުން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު 10 ގައެވެ. މި ފައިސާ ދޫކުރަމުން އަންނަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށެވެ.

ރައީސް މުއިއްޒު 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް ޖުމްލަ 1.7 ބިލިއަން ރުފިޔާ ވަނީ މިފްކޯއަށް ކިރުވާ މަހުގެ ބަދަލަށް މަސްވެރިންނަށް ދޫކޮށްފައެވެ. މިނިސްޓަރު ޝިޔާމް ވިދާޅުވީ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރެވޭ ގޮތް ހަމަޖެހުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، އޭގެ ނަފާ މަސްވެރި އާއިލާތަކަށް ލިބި، މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.

45 ވަނަ މަސްވެރިންގެ ދުވަހާއި ގުޅިގެން ބާއްވާ މަސްވެރިންގެ ގުންޒަރު، ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

މިފްކޯއަށް މަސްކިރުވި ދޯނިތަކުގެ މަސްވެރިންނަށް އެންމެ ފަހުން ފައިސާ ދޫކުރީ އިއްޔެއެވެ. އެއީ މިދިޔަ އާދީއްތަ ދުވަހު މަސްކިރުވި 63 ދޯނީގެ މަސްވެރިންނަށް ދޫކުރި 2.79 މިލިއަން ރުފިޔާއެވެ. މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ފެށުން ލަސްވީ އިގުތިސާދީ ދަތިތަކާއި، ކުރީގެ ސަރުކާރުން ނުދީ ހުރި ފައިސާ ދޫކުރުމަށް ވަގުތު ނެގުމުގެ ސަބަބުން ކަމަށް މި ސަރުކާރުން ވަނީ ބުނެފައެވެ.

ރައީސް މުއިއްޒު ވަނީ މަސްވެރިންނާއި ކެޔޮޅުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި، މަސް ގަންނަ އަގު މި ސަރުކާރުން 20 ރުފިޔާއަށް ބޮޑުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، އެކަން ފުރިހަމަވުން ގުޅިފައިވަނީ މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމުގެ ކަންކަން މެދުނުކެނޑި ކުރިއަށްދާނެކަން ޔަގީންވުމުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކޮށް، ދެމެހެއްޓެނިވި ގޮތަކަށް އެކަން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މަޝްވަރާތައް ކުރިއަށް ގެންދަވާ ކަން އިއުލާން ކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު