މަސައްކަތްތެރި އުފެއްދުންތެރި ބަޔަކަށް ވުމަށް އިސްލާމްދީނުގައި ބާރުއަޅުއްވާކަން މިއަދުގެ ހުކުރު ޚުޠުބާގައި ފާހަގަކުރައްވައިފިއެވެ.
މިއަދުގެ ހުކުރު ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، އިސްލާމްދީނަކީ، ދުނިޔެއާއި އާޚިރަތުގެ ދީނެވެ. މަސައްކަތްކުރުމަށާއި، އުފެއްދުންތެރިކަމަށް ގޮވައިލާ ދީނެކެވެ. އިންސާނުން ދިރިއުޅުމަށް ޓަކައި، ދުނިޔެ ޢިމާރާތްކޮށް އާރާސްތުކުރުމަކީ، އިންސާނާގެ މަސްއޫލިއްޔަތެކެވެ. އިންސާނުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ، ކޮންމެވެސް އެއް ބަޔަކު ކުރާންޖެހޭނޭ ކަމެކެވެ.
އިސްލާމް ދީނުގައި، ހުއްދަކުރައްވައިފައި ވަނީ، ޙަލާލު ގޮތުގައި އާމްދަނީ ހޯދުންކަމަށާއި، ރިބާއާއި ޖުވާގެ މުޢާމަލާތްތައް ވަނީ، ޙަރާމްކުރައްވައިފައިވާކަން ހުކުރު ޚުޠުބާގައި ފާހަގަކުރެއްވިއެވެ. ހުކުރު ޚުޠުބާގައި ވަނީ މިކަމާ ގުޅޭގޮތުން މާތް ﷲ ގެ ވަޙީ ބަސްފުޅެއް ގެންނަވާފައެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. "ވިޔަފާރިކުރުންވަނީ، الله، ހުއްދަކުރައްވައިފައެވެ. އަދި، ރިބާ ވަނީ حَرَامކުރައްވައިފައެވެ." ހަމަ އެފަދައިން، ބަނގުރާއާއި އޭގެ ވިޔަފާރި ވެސް ވަނީ ޙަރާމްކުރައްވައިފައެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރާން ހަދައިފައި ހުންނަ ބުދުތަކާއި، ނަޞީބު ހުރި ގޮތް ބަލާން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެ ކަންތަކާ ދުރުވެގަންނާށެވެ! އެއީ ތިޔަބައިމީހުން ދިންނަވައި ނަޞީބުލިބުމަށް ޓަކައެވެ."
ހުކުރު ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، އިސްލާމްދީނުގައި، ދިރިއުޅުމަށް ޓަކައި މަސައްކަތްކުރުމަށް އަންގަވައިފައިވުމުން، މުސްލިމުންނަކީ އިޤުތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް ވާންޖެހެއެވެ.
މީގެ އިތުރުން، ކީރިތި ރަސޫލާގެ ޙަދީޘް ބަސްފުޅެއް ގެންނަވާފައިވެއެވެ. ކާބޯތަކެތި އަޅާ ގަސް އިންދުމަށް ބާރުއަޅުއްވައި، ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރައްވައިފައި ވެއެވެ. (إِنْ قَامَتِ السَّاعَةُ وَفِيْ يَدِ أَحَدِكُمْ فَسِيْلَةٌ، فَإِنِ اسْتَطَاعَ أَلَّا تَقُوْمَ حَتَّى يَغْرِسَهَا فَلْيَغْرِسْهَا) މާނައީ: "ޤިޔާމަތް ޤާއިމުވާ ހިނދު، ތިޔަބައިމީހުންކުރެ މީހެއްގެ އަތުގައި، ކަދުރު ނިރެއް އޮތްކަމުގައި ވިއަސް، އޭނާއަށް ކުޅަދާނަވެގެންވާ ނަމަ ޤިޔާމަތްވުމުގެ ކުރީން، އެ ނިރު އިންދާހުށިކަމެވެ." މި ޙަދީޘުން ދޭހަވަނީ، އިސްލާމްދީނުގައި، ކާބޯތަކެތި އަޅާ ގަސްއިންދުމާއި މީސްތަކުންނަށް މަންފާ ލިބެނިވި ކަންކަންކުރުމަށް އިސްކަންދީފައިވާ މިންވަރެވެ. ވުމާއެކު، ދަނޑުގޮވާންކުރުމާއި، މަހަށްފަރަށް ދިއުމާއި ދިރިއުޅުމަށް ޓަކައި މަސައްކަތްކުރުމަކީ، ދަށުދަރަޖައިގެ ކަމެއް ނޫނެވެ؛ އެއީ ދީނުގައި ބާރުއަޅުއްވާފައިވާ މުހިންމު ކަމެކެވެ.
ހުކުރު ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، އިސްލާމް ދީނަކީ، އެ ދީނުގެ އަހުލުވެރީން ދިރިއުޅުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް ޓަކައި، މަސައްކަތްކުރާން އަންގަވާ ދީނެވެ. މި ކަމުގައި މުސްލިމުން ލަދުވެތިވެގެންނެއް ނުވާނެއެވެ. މިއަދު ބައެއް ދިވެހީން ކަންނެތްވެ، މަސައްކަތާ ދުރުވެއްޖެއެވެ. އިޤްތިޞާދީ ކަންކަމުގައި ބިދޭސީ އަތްތަކަށް ބަރޯސާވާން ފަށައިފިއެވެ.
"މިއަދު މަހަށް ފުރާނެ ދިވެހި ފަޅުވެރިއަކު ނުވެއެވެ. ދިވެހި އިޤްތިޞާދުގެ އެއް މައިނާރަކީ މަސްވެރިކަންކަމުގައިވީ އިރު، އެ ޞިނާޢަތު އޮންނާންވާނީ ދިވެހީންގެ އަތްމަތީގައެވެ. ދަނޑުވެރިކަމާއި އިޤްތިޞާދީ އެހެނިހެން ޞިނާޢަތްތަކުގައި ވެސް ދިވެހީން ހީވާގިވެ އުޅޭ ތަން ނުފެނުމަކީ ހިތާމަހުރި ކަމެކެވެ." ހުކުރު ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
"ތިޔަބައިމީހުންނަކީ، އެހެން ބަޔެއްގެ މައްޗަށް ބަރޯސާވުމުގެ ބަދަލުގައި، ބޭނުންތައް ފުއްދާނެ ގޮތްތަކާއި، ވަސީލަތްތައް އަމިއްލައަށް އުފައްދައި، އޭގެ ބޭނުންހިފާ ބަޔަކުކަމުގައި ވުމަށް ގޮވައިލަމެވެ. މުސްލިމުންނަކީ، މާތް الله އެބައިމީހުން މި ބިންމަތީގައި ބާރުވެރިކުރައްވައިފި ނަމަ، ނަމާދުޤާއިމުކޮށް، އަމުރުމަޢުރޫފު ހިންގާން ޖެހޭ ބަޔެކެވެ. މިނިވަން ވެރިކަމެއް ކުރާން ޖެހޭ ބަޔެކެވެ." ޚުޠުބާގައި ވިދާޅުވިއެވެ.



