ލިވަޕޫލާއި ފޯވަޑް މުހައްމަދު ސަލާހު އާ ގުޅުން ގޯސްވެ ސަލާހު ލިވަޕޫލް ދޫކޮށްލަންއުޅޭ ވާހަކައިގެ އަޑު ގަދަވެފައިވާ މި ދަނޑިވަޅުގައި ސަލާހް ލިވަޕޫލްގައި މަޑުކުރުމަށް އެދޭކަމަށް ލިވަޕޫލްގެ ކެޕްޓަން ވަރޖިލް ވެން ޑައިކް ބުނެފިއެވެ.
ޞަލާޙް ވަނީ، މިދިޔަ ހަފްތާގައި ލީޑްސް ޔުނައިޓެޑް އާ ދެކޮޅަށް 3-3 އިން އެއްވަރުވި މެޗުގައި ބެންޗުގައި ބޭންދުމުނއ، އޭނާ އަކީ ލިވަޕޫލުން މިހާރު ބާކީ ކޮށްލާފައިވާ ކުޅުންތެރިއެއްކަމަށްބުނެ ވާހަކަދައްކާފައެވެ. އޭގެ ފަހުން، މި 33 އަހަރުގެ ކުޅުންތެރިޔާ ވަނީ މެދު ހަފްތާގައި އިންޓަރ މިލާނާ ދެކޮޅަށް ކާމިޔާބުކުރި މެޗުގެ ސްކޮޑުންވެސް ބާކީކޮށްފައެވެ.
ނަމަވެސް މި ހަފްތާ ބަންދުގައި ބްރައިޓަން އާ ދެކޮޅަށް ލިވަޕޫލުން 2-0 އިން މޮޅުވި މެޗުގައި ޞަލާޙް ވަނީ ލިވަޕޫލް ސްކޮޑަށް އެނބުރި އައިސްފައެވެ. މިއީ ޕްރިމިއަރ ލީގުގައި ލިވަޕޫލް ކުޅުނު ފަހުގެ 11 މެޗުގެ ތެރެއިން އެޓީމަށް ލިބުނު ތިންވަނަ މޮޅެވެ.
މި މެޗުގައި ޞަލާޙް ވަނީ ޖޯ ގޯމޭޒް އަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި، އެސިސްޓެއް ހަދާފައެވެ.
މި މެޗަކީ މި މަހުގެ ފަހުކޮޅު އޮންނަ އެފްރިކާ ކަޕް އޮފް ނޭޝަންސް (އޭއެފްކޮން) އަށް މިޞްރުގެ ސްކޮޑާ ގުޅުމުގެ ކުރިން ޞަލާޙް ލިވަޕޫލަށް ކުޅޭނެ ފަހު މެޗެވެ. އަދި ޖެނުއަރީ މަހު އޭނާ ކްލަބު ދޫކޮށްލާނެ ކަމުގެ ވާހަކަތައް ދެކެވޭތީ، މިއީ ރެޑްސް އަށް އޭނާ ކުޅުނު ފަހު މެޗަށް ވެސް ވެދާނެއެވެ. ނަމަވެސް، ވެން ޑައިކް ވަނީ ބްރައިޓަން އާ ދެކޮޅަށް މޮޅުވުމަށްފަހު، ޞަލާޙް ކްލަބުގައި "މަޑުކުރަން ބޭނުންވާ" ކަމަށް ހާމަކޮށްފައެވެ.
ޞަލާޙް ބުނެފައިވާ ގޮތުގައި، އޭނާ އާއި ހެޑް ކޯޗު އާން ސްލޮޓް އާ ދެމެދު ގުޅުން ގޯސްވުމަކީ، ކްލަބުގައި އޭނާގެ ދިގު މުއްދަތުގެ މުސްތަޤްބަލާ މެދު ސުވާލު އުފެއްދި އެއް ސަބަބެވެ.
ނަމަވެސް، ވެން ޑައިކް ޤަބޫލުކުރާ ގޮތުގައި، ސްލޮޓް ވަނީ މި މައްސަލަ ހައްލުކޮށްފައިވާ ގޮތް ރަނގަޅުކަމަށާއި، އިތުރަށް ބުނީ، "އަހަރެން ގަބޫލްކުރަނީ އޭނާ މި ހާލަތު ވަރަށް ރަނގަޅަށް ހޭންޑަލްކޮށްފައިވާ ކަމަށް. އޭނާގެ އަމިއްލަ ގޮތުގައި ހަމަޖެހިގެން. މިއީ ވަރަށް އުނދަގޫ ހާލަތެއް."
އިތުރަށް ވެންޑައިކް ބުނީ ސަލާހް ލިވަޕޫލްގައި މަޑުކުރުވަން ކުރަންޖެހޭ ހުރިހާ ކަމެއް އޭނާ ކުރަން ތައްޔާރުކަމަށާއި ސަލާހްފަދަ ލީޑަރެއް ލިވަޕޫލްގައި ދެމިހުރުމަކީ ޓީމަށް އެންމެ ފައިދާހުރިގޮތްކަމަށް ގަބޫލްކުރާކަމަށަވެ.



