ބެޑްމިންޓަން އޭޝިއާގެ ޑިވެލޮޕްމަންޓް ކޮމިޓީގެ ޗެއާޕާސަން ވާޖިދު އަލީ ޗައުދަރީ ރާއްޖެ ވަޑައިގެންފިއެވެ. އޭނާ މިއަދު ހެނދުނު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގެންނެވުމުން، މަރުޙަބާ ދެންނެވީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގެ ރައީސް އިޝްފާން މުޙައްމަދު (އިއްޕަ) އެވެ.
ޕާކިސްތާނަށް ނިސްބަތްވާ ވާޖިދު ވަނީ އެއަރޕޯޓުގައި ހުންނަވައި ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި، މި ދަތުރުގެ ތެރެއިން ރާއްޖޭގެ ބެޑްމިންޓަންގެ މިހާރުގެ ހާލަތު ރަނގަޅު ކުރުމަށް ބީއޭއެމްއާ އެކު ބެޑްމިންޓަން އޭޝިއާގެ ފަރާތުން މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އޭނާ ވަނީ އިޝްފާނަކީ ރާއްޖޭގެ ބެޑްމިންޓަން ކުރިއެރުވުމަށް އެންމެ ގާބިލު ބޭފުޅާ ކަމަށްވެސް ވިދާޅުވެފައެވެ.
ވާޖިދު ރާއްޖެ ވަޑައިގެންފައި މިވަނީ، ބީއޭއެމްގެ ކިބައިން ވަގުތީ ގޮތުން ނަގާފައިވާ ޤައުމީ ހައިސިއްޔަތު އިޔާދަކޮށް، ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން އެ އެސޯސިއޭޝަނަށް އަޅާފައިވާ ސަސްޕެންޝަން މި މަހުގެ ކުރީކޮޅު ނިމުމަކަށް ގެނެސްފައިވާ ދަނޑިވަޅެއްގައެވެ. އަދި، މިއީ މިދިޔަ ނޮވެމްބަރު މަހު އިޝްފާން ބީއޭއެމްގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ބެޑްމިންޓަން އޭޝިއާގެ އިސް ބޭފުޅަކު ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.



