14 ޖަނަވަރީ 2026

ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން 52 މަސާޖު ޕާލާ ބަންދުކޮށްފި

ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު މަސާޖު ޕާލާ ތަންތަން ބަންދުކުރުމުގެ މަސައްކަތުގެ ދަށުން ކުޑަދުވަސްކޮޅެއްގެ ތެރޭގައި 52 މަސާޖްޕާލާ ބަންދުކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ގަލޮޅުގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މަސާޖްޕާލާގެ މައްސަލައަކީ މުޅި މާލެއަށްވެސް ދިމާވެފައިވާ އިޖުތިމާޢީ ބޮޑު މައްސަލައެއްކަމަށެވެ. އަދި އޮންނަ އުޞޫލްގެ ތެރެއިން ފުލުހުންނާއި އިމިގްރޭޝަންއާ ގުޅިގެން އަބަދުވެސް މިފަދަ ތަންތަން ބަލާ ފާސްކުރަމުންދާކަމަށާއި، ނަމަވެސް މާލޭގެ ރައްޔިތުންނާއެކު މިހާތަނަށް ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން އެކަންކަމުގެ ކަންބޮޑުވުންތައް ރައްޔިތުން ފާޅުކުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

މާލޭ ސިޓީގެ ގަލޮޅުގެ ރައްޔިތުންނާއެކު ރައީސް މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު އެކަންކަން މިފަދަ މަސާޖްޕާލާތައް ހުއްޓުވުމުަށްޓަކައި އިތުރަށް އިސްކަން ދީގެން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން މިވީ ހަފްތާއެއްގެ ތެރޭގައި 52 މަސާޖު ޕާލާ ބަންދުކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި 24 ތަނަކީ އޮޕަރޭޝަންގެ ތެރެއިން ބަންދުކުރި ތަންތަންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކަމާ ބެހޭ ފަރާތްތައް ގުޅިގެން އޮޕަރެޝަނެއް ކުރިއަށްގެންގޮސް ތަންތަން ބަންދުކުރަން ފެށުމުން އަމިއްލަ އަށް އެ ވިޔަފާރި ކުރާމީހުން 28 ތަނެއް ބަންދުކުރިކަމަށް ރައީސް ވިދާޅުވިއެވެ.

"އިތުރު ވަޞީލަތްތަކާއެކު މިކަމަށް ޚާއްސަ މަސައްކަތެއް މިމަހުގެ 9 ވަނަ ދުވަހު ފެށި. މިއަދާހަމައަށް އައިރު 52 މަސާޖްޕާލާ ބަންދުވެއްޖެ. ކުޑަ ދުވަސްކޮޅުގެ ތެރޭގައި މިހާ ފާމްކޮށް މި މަސައްކަތް ރައްޔިތުން ދެއްވި ޚިޔާލާއެކު ކުރަން ފެށީމާ އޭގެނ ނަތީޖާ ރަނގަޅު. މިކަން ކޮންޓިނިއު ކުރާނެ. ރެޔާ ދުވާލު." ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އެފަދަ ތަންތަން ބަލާ ފާސްކުރުމުގެ ތެރޭގައި ނުގަވާއިދުން ތިބޭ ބިދޭސީން ފޮނުވާލާކަމަށެވެ. އެގޮތުން 10 ވަރަކަށް މީހުން ހައްޔަރުކޮށްފައިވާކަމަށާއި އޮންނަ އުޞޫލުން ޑީޕޯޓު ކުރުމުގެ މަސައްކަތް ކުރަމުންދާނެކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ މުޖުތަމަޢުގައި ހުރި އެފަދަ މައްސަލަތައް ހައްލުކުރަން ކަމަށާއި ރައްޔިތުން ދޭ ޚިޔާލުތަކަކީ ސަރުކާރުން ބަލައިގަންނަ ޚިޔާލުތަކެއްކަމަށެވެ.

އަދި ހަމައެހެންމެ، ބިދޭސީން ޤަވާއިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުންދާ މައްސަލަ ޙައްލު ކުރުމަށް، "ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް"ގެ ނަމުގައި ޚާއްޞަ ޓާސްކްފޯހެއް ވަނީ އެކުލަވާލާފައެވެ. މިއީ، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާ އަދި ސަރުކާރުގެ ތަންފީޒީ އިދާރާތައް ކަމުގައިވާ ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ހިމެނޭ ގޮތަށް އެކުލަވާފައިވާ ޓާސްކް ފޯހެކެވެ. މި ޓާސްކްފޯހުން ދަނީ، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ހިންގަމުންދާ ކަމަށް ބެލެވޭ ވިޔަފާރިތައް ބަލައި ފަސްކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު