ފުރާނަހުރި ތަކެތީގެ ސިފައިގައި ހަދާފައިވާ ބުދު ނުވަތަ މޮނިއުމެންޓް ބެހެއްޓުމަކީ ޙަރާމްކަމެއްކަން ކަނޑައަޅައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ފަތުވާއެއް ނެރެފިއެވެ.
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ވަނީ މޮނިއުމެންޓްގެ ގޮތުގައި ދިރޭ ތަކެތީގެ ސޫރަ ބެހެއްޓުމުގެ ޙުކުމް ސާފުކޮށްދިނުމަށާއި، މި މައްސަލައިގައި އިސްލާމީ ޝަރީޢަތުގައިވާ ގޮތް ދެނެގަތުމަށްޓަކައި، ޢިލްމީ ގޮތުން ކުރެވުނު ދިރާސީ މަސައްކަތްތަކުގެ ހޯދުންތަކުގެ މައްޗަށް ތައްޔާރުކުރެވިފައިވާ ޢިލްމީ ކަރުދާހެއް އާންމުކޮށްފައެވެ.
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބެރެފައިވާ މި ފަތުވާގައި ޤިޔާމަތާ ކައިރިވުމުން ބައެއް މީހުން އަލުން ބުދަށް އަޅުކަންކުރަން ފަށާނެ ކަމަށް ޙަދީޘްފުޅުތަކުން އެނގޭކަމަށް ވަނީ ބަޔާންކޮށްފައެވެ. އެހެންކަމުން، ޝިރުކަށް މަގުފަހިވެދާނެ އެއްވެސް ޢަމަލެއް ކުރުމަކީ ހުއްދަކަމެއް ނޫން ކަމަށް ފަތުވާގައިވެއެވެ. މިކަމަށް އިޝާރާތްކޮށް ޢިލްމުވެރިންގެ އިޖުމާޢުން ބުދު ހެދުމާއި ބެހެއްޓުން ހަރާމްވެގެންވާ ކަމަށާއި، މިކަން މަނާކުރެވިފައިވާ ސަބަބުތަކުގެ ތެރޭގައި މަލާއިކަތުންގެ ބަރަކާތުން މަޙްރޫމްވުމާއި، ޝިރުކަށް މަގުފަހިވުމާއި، އަދި اللهގެ ޚަލްޤުކުރެއްވުމާ އެއްފަދަކުރުން ހިމެނޭ ކަމަށް ފަތުވާގައި ވެއެވެ.
ހަމަ މިއާއެކު، މިކަމުގެ މުހިންމުކަން ރަސޫލާ (ޞޢވ) މައްކާ ފަތަޙަކުރެއްވި ދުވަހު މަނާތު، ޢުއްޒާ އަދި ލާތު ފަދަ ބުދުތައް ނައްތާލެއްވުމަށް ޞަޙާބީން ފޮނުއްވި ކަމުންނާއި، އެކަލޭގެފާނުގެ އަވަހާރަވުމަށްފަހުގައިވެސް ޞަޙާބީން މިކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާފައިވާ ކަމުން މިކަމުގެ މުހިންމުކަން ހާމަވާ ކަމަށްވެސް ފަތުވާ މަޖިލީހުން ވިދާޅުވެއެވެ. ހަމައެހެންމެ، ބުދުތަކަށް އަޅުކަންކުރުން ފެށިގެން އައިސްފައިވަނީ ޞާލިޙު އަޅުތަކުންގެ ހަނދާނުގައި ހަދާފައިވާ ތަކެތި، ޢިލްމު ގެއްލި މީސްތަކުން މަގުފުރެދުމުގެ ސަބަބުން ކަމަށާއި، މިކަމުގެ ނުރައްކާތެރިކަން ވަޒަންކުރެއްވި އިބްރާހީމުގެފާނު، އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅު ބުދަށް އަޅުކަންކުރުމުން ދުރުކޮށްދެއްވުމަށް ދުޢާކުރެއްވި ކަމަށްވެސް މަޖިލީހުގެ ފަތުވާގައިވެއެވެ.
ކުޑަކުދިން ކުޅެން ބޭނުންކުރާ ބުދުތަކަކީ މި ޙުކުމުން އިސްތިސްނާވާ ތަކެތިކަމަށާއި، ޢިލްމުވެރިންގެ ދެކިވަޑައިގަތުމުގައި، މިއީ އަންހެންކުދިން ހަގު އުމުރުން ފެށިގެން ގޭތެރޭގެ ކަންކަމަށާއި ދަރިން ބެލެހެއްޓުމަށް ތަމްރީނުކުރުމުގެ ގޮތުން ހުއްދަވެގެންވާ ކަމެއް ކަމަށް ފަތުވާގައިވެއެވެ.
ކޮމިޓީން މި ނިންމުން ނިންމާފައިވަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުން ދިރާސާކުރުމާއި، އިސްލާމީ ފަތުވާދޭ ބައިނަލްއަޤްވާމީ މަޖިލިސްތަކުގެ ފަތުވާތަކަށް ބެލުމަށް ފަހުގައިކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ފަތުވާގައިވެއެވެ. ފަތުވާއަކީ ދިނީ ކަންކަމުގައި ޢަމަލުކުރުމާއި ގުޅޭގޮތުން ޚާއްސަ ކޮމިޓީއަކުން ނެރޭ ފަހު ބަހެވެ.



