14 ޖަނަވަރީ 2026

ހުޅަނގު އައްސޭރީގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރަން ނިންމުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ 19 ސަރަޙައްދެއްގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް އިސްރާއީލުގެ ކެބިނެޓުން ނިންމި ނިންމުން ދިވެހި ސަރުކާރުން ކުށްވެރިކުރައްވައިފިއެވެ. ދިވެހިރާއްޖޭގެ ސަރުކާރުން ނެރުނު ބަޔާނުގައިވަނީ ހިފާފައިވާ ފަލަސްޠީނުގެ އެކި ސަރަޙައްދުތަކުގައި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އަދި އދ.ގެ ސެކިއުރިޓީ ކައުންސިލްގެ އެކި މުޢާޙަދާތަކާއި ޚިލާފަށް އިސްރާއީލުން ހިންގަމުންދާ އެކި ލާއިންސާނީ ޢަމަލުތައް ކުށްވެރިކުރައްވާފައެވެ.

އިސްރާއީލުގެ އެފަދަ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކުގެ ސަބަބުން އިންސާފު ޤާއިމުކުރުމަށާއި ހަމަޖެހުން ޤާއިމުކުރުމަށް ހުރަސްއެޅޭދާކަމަށާއި ދެދައުލަތް އުފެއްދުމަށް ކުރަމުންދާ މަސައްކަތަށްވެސް އިތުރު ހުރަސްތަކެއް ކުރިމަތިވަމުންދާކަމަށް ދިވެހި ސަރުކާރުގެ ބަޔާނުގައި ފާހަގަކުރައްވާފައެވެ.

ޤާނޫނީ އަދި އިންސާނީ ހަމަތަކާއި ޒިންމާ އަދާކުރުމަށް އަދި އިންސާފަށް މަސައްކަތްކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލައްވަމުން، އިސްރާއީލުން ފަލަސްޠީނުގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ދިވެހި ސަރުކާރުންވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ. އެގޮތުން އިސްރާއީލުގެ ކެބިނެޓުން ފަލަސްޠީނުގެ ހިފާފައިވާ ހުޅަނގު އައްސޭރީގެ 19 ސަރަޙައްދެއްގައި ޔަހޫދީން ވަޒަންވެރިކުރުމަށް ނިންމި ނިންމުން ދިވެހި ސަރުކާރުން ކުށްވެރިކުރާކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.

އަދި، އެ ބަޔާނުގައިވަނީ ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހީން ތިބި ތިބުން އަދި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުތައް ކަށަވަރުކުރުމަށާއި ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގައި ދިވެހީން އަބަދުވެސް ސާބިތުވެ ތިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި އެކަނި ވެސް ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް ޔަހޫދީ ވަޒަންވެރިންގެ ފަރާތުން 264 ޙަމަލާ އަމާޒުވެފައިވެއެވެ. އެއީ މިހާތަނަށް އެއް މަސް ދުވަހުގެ ތެރޭގައި ޙަމަލާ ދީފައިވާ އެންމެ ގިނަ ޢަދަދެވެ.

ހުޅަނގު އައްސޭރީގައި އައު ގެތައް އަޅަން ފެށުމުން އެ ސަރަޙައްދުތަކުގައި ނުތަނަވަސްކަން އިތުރުވެ، ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރު ގެެއްލޭނެ ކަމަށް ބެލެވެއެވެ. ފަލަސްޠީނުގެ ހައްޤުގައި ވަކާލާތުކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ދަނީ އިތުރު ގެތައް އެޅުމަށް ނިންމާފައިވާ ނިންމުމަކީ ސަރަޙައްދީ ޞުލްޙައަށް ކުރަމުންދާ މަސައްކަތަށް ހުރަސްއެޅޭ ކަމެއް ކަމަށް ބުނަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު