14 ޖަނަވަރީ 2026
މާލޭ ސިޓީގެ ގަލޮޅުގެ ރައްޔިތުންނާއެކު ރައީސް މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ސީދާ ވަދެ ސިނަމާލެ ފްލެޓުގެ މައްސަލަތައް ހައްލުކޮށްދޭނަން: ރައީސް

ސިނަމާލެ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން ސީދާ ވަދެގެން މަސައްކަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މި މައްސަލަތައް ހައްލުކުރުމަކީ ސިޓީ ކައުންސިލުގެ ޒިންމާއެއް ނަމަވެސް، އެކަން ކައުންސިލަށް ނުކުރެވޭތީ، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން އިސްނަގާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ގަލޮޅު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ފްލެޓުތަކުގެ މެއިންޓެއިނަންސްގެ މަސައްކަތްތަކާއި އެތަންތަނާ ގުޅޭ އެހެނިހެން ކަންކަން ބެލެހެއްޓުމަކީ ސިޓީ ކައުންސިލުގެ ޒިންމާއެކެވެ. ނަމަވެސް، އެކަންކަން ފުރިހަމައަށް ނުކުރެވުމުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ސީދާ މަސައްކަތްކުރައްވާނެ ކަމަށާއި، ކައުންސިލުން ކުރަންޖެހޭ ކަމެއް ނުކުރެވޭ ހާލަތެއްގައި ސަރުކާރުން އެކަމުގެ ތެރެއަށް ވަދެގެން މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށެވެ. މީގެ އިތުރުން، އެމަނިކުފާނު މޭޔަރަކަށް ހުންނެވި ދުވަސްވަރު މި ފްލެޓުތަކާ ގުޅޭ ހުރިހާ ޖޫރިމަނާތަކެއް ކެންސަލްކުރެއްވި ކަމުގެ ވާހަކަވެސް ރައީސް ވަނީ ހިއްސާކުރައްވާފައެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެކެވެ. "މިއީ ހަމަ ސީރިއަސް އިޝޫތައް. އަޅުގަނޑު ތިބޭފުޅުންގެ ތިހިރަ ކަންބޮޑުވުންތަކަށް ކިހިނެއްތޯ އެޑްރެސްކުރެވޭނީ ބަލާނަން. ސަރުކާރުން ސީދާ. މިހާރު ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެއް ކައުންސިލަކަށް ނުކުރެވުނު. ސަރުކާރުން މިކަމުގެ ތެރެއަށް ވަދެގެން ސްޓެޕިން ވެގެން ކުރެވޭނެ ކަމެއް، ކޮންމެ ގޮތަކަށްނަމަވެސް މިތަނަކީ ރައްޔިތުންނަށް ލިބިފައިވާ ރައްޔިތުންގެ ބޯހިޔާވަހިކަމެއް. ރައްޔިތުން އުޅެމުންދާ ތަންތަން. އެތަނުގެ ރައްޔިތުން އެތާ އުޅުމަށް ވަރަށް ގިނަ ތަހައްމަލުތަކެއް އުފުލަމުންދާ ތަނެއް." ރައީސް ފާހަގަކުރެއްވިއެވެ.

މި 6 ފްލެޓުގައި ދިރިއުޅޭ ރައްޔިތުންނަށް ރަނގަޅު ޖަވާބެއް ދެއްވުމުގެ ގޮތުން، މި މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ކުންފުނިތަކުގެ އެހީތެރިކަން ހޯދައި، ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި މި ހައްލު ގެނެސްދެއްވާނީ އެކަމަށް އޮންނަ އުސޫލެއްގެ ތެރެއިން ކަމަށްވެސް އެމަނިކުފާނު ވަނީ ޔަގީންކަން ދެއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު