14 ޖަނަވަރީ 2026
ޑީބީއެމް އިފްތިތާހު ކުރުން، ފޮޓޯ: ރައީސް އޮފީސް

ޑިވެލޮޕްމެންޓް ބޭންކުގެ 13 މަގާމަކަށް މީހުން ހޯދަނީ؛ މުސާރަ އުޅެނީ 20،000ރ. އާއި 45،000ރ. އާ ދެމެދު

ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި، ބޭންކުގެ މަތީ މަގާމުތަކަށް ބޮޑު މުސާރައަކާ އެކު މީހުން ހޯދުމަށް އިއުލާންކޮށްފިއެވެ. މިގޮތުން، މެނޭޖަރު ލެވެލްގެ 13 މަގާމަކަށް މީހުން ހޯދުމަށް ވަނީ ހުޅުވާލާފައެވެ. މި މަގާމުތަކުގެ މުސާރަ އުޅެނީ 20،000ރ. އާއި 45،000ރ. އާ ދެމެދުގައެވެ.

ޑީބީއެމް އިން ވަކިވަކިން ކުރި އިއުލާންތަކުގައި ހިމެނޭ މުހިންމު މަގާމުތަކުގެ ތެރޭގައި މާކެޓިން އެގްޒެކެޓިވްއަކާއި، ތިން ފައިނޭންސް މެނޭޖަރުންނާއި، ދެ ކޮމްޕްލަޔަންސް މެނޭޖަރުންނާއި، ދެ ފްރޮންޓް އޮފީސް އެގްޒެކެޓިވުން ހިމެނެއެވެ. މީގެ އިތުރުން، އައިޓީ މެނޭޖަރަކާއި، އެޗްއާރު އެންޑް އެޑްމިން މެނޭޖަރަކާއި، ކްރެޑިޓް އެންޑް ރިސްކް މެނޭޖަރަކާއި، ލީގަލް މެނޭޖަރެއް އަދި އިންޓާނަލް އޮޑިޓް މެނޭޖަރެއްވެސް ހޯދުމަށް ވަނީ އިޢުލާންކޮށްފައެވެ. މި މަގާމުތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ ހޯމަ ދުވަހުގެ ހަވީރު 5:00 އެވެ.

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި ކުންފުންޏެއް އުފައްދާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުންނެވެ. މި ބޭންކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމުގެ މަޤްޞަދުގައި އުފެއްދި ކުންފުންޏެކެވެ.

މިދިޔަ އޮކްޓޫބަރު މަހު ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ޑިވެލޮޕްމެންޓް ބޭންކް އޮޕަރޭޝަނަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ. އަދި ޑީބީއެމްގެ އަމަލީ މަސައްކަތް މިހާތަނަށް ނުފެށި އޮތް ނަމަވެސް އެ ބޭންކުގެ މަސައްކަތް ބާރަށް ކުރިއަށް ދާ ކަމަށް ވިދާޅުވިއެވެ. މިހާރު މަތީ މަގާމުތަކަށް މީހުން ހޯދުމަށް އިއުލާންކުރުމަކީ ބޭންކުގެ އަމަލީ މަސައްކަތް ފެށުމަށް ކުރިއަށްދާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު