11 ފެބުރުވަރީ 2026
ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް އެރުވުން، ފޮޓޯ: ރައީސް އޮފީސް

ޕީއެންސީން މާލޭ މޭޔަރުގެ ޓިކެޓް މޫސާ ޢަލީ ޖަލީލަށް

ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމުގެ ޓިކެޓަށް އެންމެ ބޭފުޅަކު ކުރިމަތިލެއްވުމުން، ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ ޢަލީ ޖަލީލަށް އެ ކެންޑިޑޭޓްކަން ކަށަވަރުވެއްޖެއެވެ. މިކަން ޕީއެންސީގެ އިސް މަސްދަރުތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. މޫސާ އަލީ ޖަލީލަކީ ރާއްޖޭގެ ދިފާއީ ބާރުގައި ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

މޫސާ އަލީ ޖަލީލަށް ޕީއެންސީގެ މާލެ ސިޓީ މޭޔަރު ޓިކެޓް ޔަގީންވިކަން ހާމަވީ، އަންނަ އަހަރުގެ އެޕްރީލް މަހު ބާއްވާ ކައުންސިލް އިންތިޚާބުގައި ޕީއެންސީން ވާދަކުރާ ކެންޑިޑޭޓުން ހޮވަން ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ މުއްދަތު ހަމަވުމާ ގުޅިގެން ބުދަ ދުވަހު ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ކެމްޕެއިން މެނޭޖަރު އަދި ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ މާލޭގެ މޭޔަރުކަމުގެ ޓިކެޓަށް ހުށަހެޅުނީ އެންމެ ކެންޑިޑޭޓެއް ކަމަށާއި، އެއީ އާ ނަމަކަށް ނުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ފަލާހު އިތުރަށް ވިދާޅުވީ ޕްރައިމަރީއަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވިއިރު 13،000އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ކަމަށެވެ. މިއީ މިހާތަނަށް ރާއްޖޭގައި ލޯކަލް ކައުންސިލް އިންތިހާބެއްގައި ޕާޓީއެއްގެ ޕްރައިމަރީއަކަށް މިހާ ގިނަ މީހުން ކުރިމަތިލި ފުރަތަމަ ފަހަރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މިފަހަރު ޕީއެންސީ ވެގެންދާނީ ކައުންސިލް އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ނެރޭނެ ޕާޓީއަށް ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ. މި ބޮޑު ތަރުހީބަކީ ޕާޓީއަށް ރައްޔިތުންގެ އޮތް ލޯތްބާއި އިތުބާރު ދައްކުވައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީއެންސީގެ ޕްރައިމަރީ އޮންނާނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. ވޯޓުލުން އޮންނާނީ ހެނދުނު 9 އިން ހަވީރު 4 އަށެވެ. ވޯޓު ލެވޭނީ އެމީހަކު ނިސްބަތްވާ ރަށަކަށެވެ. ފަލާހު ވިދާޅުވި ގޮތުގައި އިންތިހާބުގެ ހުރިހާ މަސައްކަތެއް ވެސް ދާނީ ދެފުށް ފެންނަ ގޮތަކަށް، ކެންޑިޑޭޓުންނަށް އިންސާފާއި ހަމަހަމަކަން ލިބޭނެ ގޮތަކަށެވެ.

ފަލާހު ވަނީ މިފަހަރުގެ ކައުންސިލް އިންތިހާބު ޕީއެންސީން ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އޭނާ ވިދާޅުވީ މިހާތަނަށް ސަރުކާރު ހިންގާ އެއްވެސް ޕާޓީއަކަށް ކައުންސިލް އިންތިހާބެއް ކާމިޔާބު ކުރެވިފައި ނުވާ ކަމަށާއި، ނަމަވެސް ޕީއެންސީން އެ ތާރީހު ބަދަލުކޮށް، ފުރަތަމަ ފަހަރަށް ސަރުކާރު ހިންގާ ޕާޓީއަކުން ކައުންސިލް އިންތިހާބު ކާމިޔާބުކުރާނީ މިފަހަރު ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު