މިސްކިތްތަކުގެ ތެރޭގައި "ސުތުރާ"ގެ ނަމުގައި އެކި ސިފަސިފައިގެ ތަކެތި ބެހެއްޓުމަކީ ސުންނަތުގައި ބަޔާންވެގެންވާ ސުތުރާގެ މަފްހޫމާއި މުޅިން ހިލާފު ކަމެއް ކަމަށާއި އެ ތަކެތި މިސްކިތްތަކުން ނެގުމަށް ސިޓީ ކައުންސިލުގައި އެދޭނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިފަހަކަށް އައިސް ނަމާދު ކުރާއިރު ކުރިމަތީގައި ބެހެެއްޓުމަށްޓަކައި ހާއްސަ ސިފަސިފައިގެ "ސުތުރާ"ތައް ހަދައިގެން މިސްކިތްތަކުގެ ތެރެއަށް ވެއްދިފައިވާއިރު، މިގޮތަށް އަމަލުކުރުމަކީ ރަސޫލާގެ ހަޔާތްޕުޅުގައި ވެސް އަދި އަސްހާބު ބޭކަލުންގެ ހަޔާތްޕުޅުގައި ވެސް އަދި ހެޔޮކަން ބޮޑުވެގެންވާ ތިން ގަރުނުގައި ވެސް ކަންކޮށްފައިވާ ގޮތް ނޫން ކަމަށާއި މިފަދަ ތަކެތި މިސްކިތްތަކުން ނެގުމަށް ސިޓީ ކައުންސިލުގައި އެދިވަޑައިގަންނަވާނެ ކަމަށެވެ.
"މިފަހަކަށް އައިސް ނަމާދު ކުރާއިރު ކުރިމަތީގައި ބެހެެއްޓުމަށްޓަކައި ސުތުރާގެ ނަމުގައި އެކި ސިފަ ސިފައިގެ ތަކެތި ހަދައިގެން މިސްކިތްތަކުގެ ތެރޭގައި ބަހައްޓައިގެން އުޅޭ. މިގޮތަށް މިސްކިތްތަކުގެ ތެރެއަށް ވައްދައިގެން އުޅޭ ސާމާނުތައް މިސްކިތްތަކުން ނަގައިދިނުމަށް ސިޓީކައުންސިލުގައި އެދޭނަން. " ވަޒީރު ވިދާޅުވިއެވެ.
ސުތުރާއަކީ ނަމާދުކުރާއިރު ނަމާދުކުރާ މީހާ އޭނާގެ ކުރިމަތިން މީހުން ހުރަސްކުރުން ހުއްޓުވުމަށް ބަހައްޓާ އެއްޗެކެވެ. ސުންނަތުން އެނގޭ ގޮތުގައި ސުތުރާގެ ގޮތުގައި އަސާއެއް ނުވަތަ ލޮންސިއެއް، ދުނިދަނޑިއެއް، ގަހެއް، ތަނބެއް، ފާރެއް ނުވަތަ އެފަދަ ކޮންމެ އެއްޗެެއް ބޭނުންކުރުން ވެސް ރަނގަޅެވެ.
ޑރ. ޝަހީމް ވިދާޅުވީ ސުންނަތުގައި ބަޔާންވެގެންވާ "ސުތުރާ"ގެ މަފްހޫމާއި ހިލާފު މިފަދަ ކަންކަން ފެތުރިގެން ދިއުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި މިސްކިތްތަކުގައި މިފަދަ ހާއްސަ ސުތުރާތައް ބެހެއްޓުމުގެ ބަދަލުގައި ސުންނަތުގައި ވާރިދުވެފައިވާ ގޮތަށް އަމަލުކުރުން މާ ރަނގަޅުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެއީ ތަނބެއް، ފާރެއް ނުވަތަ މިސްކިތުގެ އެނޫންވެސް އާންމު ބޭނުމަކަށް ހުންނަ އެއްޗެއް ސުތުރާގެ ގޮތުގައި ބޭނުންކުރުމެވެ.
މިގޮތަށް އަމަލުކުރުމުން ސީދާ ސުންނަތާ އެއްގޮތަށް އެކަން ބަދަލުވެގެންދާނެ ކަމަށް މިނިސްޓަރަށް ދެކެވަޑައިގަންނަވައެވެ.
މިސްކިތުގެ ތެރޭގައި ވަކި ހާއްސަ އެއްޗެއް ހަދާ ސުތުރާގެ ގޮތުގައި ބެހެއްޓުން ރަނގަޅެއް ނޫން ކަމުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ވަނީ ފަތުވާއެއް ވެސް ނެރެފައެވެ.
މީގެ އިތުރުން، ބައެއް މިސްކިތްތަކުގެ ތެރޭގައި ގިނަ އަދަދަކަށް އެކި ޒާތްޒާތުގެ އަތަރުފުޅިތައް ވެސް ބަހައްޓާފައި ހުންނަތަން ވެސް ފެންނަކަމަށާއި، ކޮންމެ ނަމާދަކަށް ސަފަށް އަރަންވީމާ އަތަރުލުމާއި ޖެހިގެން ހުރި މީހާގައިގައި ވެސް އަތަރު އުނގުޅުމާއި މިކަންކަމަކީ މިހާރަކަށް އައިސް ފެންނަކަންކަން ކަމަށެވެ.
"މިއީ ކޮންމެ ނަމާދަށް ފަށަން ސުންނަތުގައި އޮންނަ ކަމެއްނޫން. ގެއިން މިސްކިތަށް ދާއިރު ސާފުތާހިރުވެގެން ދިއުމަކީ ސުންނަތެއް. އަޅުކަމުގެ ކުރިން ހުވަނދުލުން ޞައްޙަ ސުންނަތުން ސާބިތުވާ ދެ މަޤާމަކީ ޙައްޖާއި ޢުމްރާއަށް އިޙުރާމް ނިޔަތްގަތުމުގެ ކުރިންނާއި ހުކުރު ނަމާދަށް ދާއިރު. އެހެން ނޫނީ ވަކި އަޅުކަމަކާ ގުޅިގެން ކޮންމެ ފަހަރަކު އަތަރު ލުމެއް ނޯވޭ ސުންނަތުގަ. ނަމަވެސް ކޮންމެހެން ވަކި ވަގުތަކާ ނުގުޅުވައި ދިރިއުޅުމުގައި ސާފުތާހިރުވުމާއި ޒީނަތުގެ ގޮތުން ހުވަނދުލުމަކީ ސުންނަތެއް." މިނިސްޓަރު ވިދާޅުވިއެވެ.
އަދި، ގަމަތްދޭންވީމާ މިސްކިތުގެ ތެރޭގައި އެލާމްގެ އަޑުއިވުން ވެސް ހުއްޓުވަންޖެހޭކަމަށާއި، ގަމަތް ދިނުމުން އެވީ ސަފަށް އެތުރެން. ކޮންމެހެން އެލާމްގެ އަޑެއް އިވޭކަން ނުޖެހޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
" މިސްކިތުގެ ހައިބަތާއި މަތިވެރިކަން ދަމަހައްޓަންވާނެ." މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.




ކިޔުންތެރިންގެ ޚިޔާލުތައް:
ޢެއި މިހާރު ކުރާކަމެއްނޫމް އަބަދުވެސް ރާއްޖޭގަ ކުރޭ މިސްކިތަށް އަރާމީހަކަށް އެކަން އެމގޭނީ
މިސްކިތުގަ ނިދާ ބޭރު މީހުން ނިދުން ނުހުއްޓުވާނަންތޯ އިމާދުއްދީން ކައިރީ އިންނަ މިސްކިއްވެސް ރޭގަނޑު ވެއްޖިޔާ އެއީ ނިދާ ތަނެއް ހެނދުނު ހެނދުނު 6:30 ވާއިރުވެސް އެކިފަންގިފިލާތަކުގަ ނިދާފަ މީހުން ތިބޭ