11 ފެބުރުވަރީ 2026
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް، ފޮޓޯ: ތަރިކަ މިނިސްޓްރީ

ތަރިކައިގެ ދާއިރާގެ ސްކޮލަރޝިޕް ޖަނަވަރީ މަހު ފަށާނެ: ތަރިކައާ ބެހޭ ވަޒީރު

ތަރިކައިގެ ދާއިރާއިން މީހުން ބިނާކުރުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އިޢުލާންކުރި މަތީ ތަޢުލީމަށް ކިޔެވުމަށް ސްކޮލަރޝިޕް ލިބުނު ފަރާތްތަކުގެ ކިޔެވުން މި ފެށޭ އަހަރުގެ ޖަނަވަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މި ފަދައިން ވިދާޅުވީ ފާއިތުވި ދެ އަހަރު ވުޒާރާއިން ކޮށްފައިވާ މަސައްކަތްތަކާއި ކާމިޔާބީތައް ހިއްސާކުރައްވާ މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

ދިވެހި ސަގާފަތާއި ތަރިކަ ދިރުވާ އާލާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤައުމީ ސިޔާސަތުގެ ދަށުން ނުހަނު އިސްކަން ދެއްވާ މަސައްކަތަކަށް ވާއިރު އެ ދާއިރާއިން މީހުން ބިނާކުރުމަކީ މިކަމުގައި ވާސިލުވާން ބޭނުންވާ ނަތީޖާއާ ހަމައަށް ދިއުމަށް ޓަކައި ރައީސްގެ އިރުޝާދާއި އެކު ވުޒާރާއިން ފަށާފައިވާ ކަމެކެވެ.

މި ދާއިރާއިން މީހުން ބިނާކުރުމަށް ހުޅުވާލި ފުރުޞަތުގައި 50 ސްކޮލަޝިޕް މިހާރު ދީފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ފުރުޞަތުތައް ދީފައި ވަނީ މާސްޓާސް ލެވެލްގެ ކޯސްތަކުންނެވެ. އިސްލާމީ ޔުނިވަރސިޓީގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މި ކޯސްތަކުގެ ކިޔެވުން މި ފެށޭ އަހަރުގެ ޖަނަވަރީ މަހު ފަށާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ސްކޮލަޝިޕަކީ ދިވެހި ތަރިކައިގެ ޢިލްމީ ކޮމިއުނިޓީއެއް އުފެއްދުމުގެ ސިގްނޭޗަރ ރިސާޗް ޕްރޮޖެކްޓްގެ ދަށުން ފަހިކޮށްދެވުނު ފުރުޞަތުތަކެކެވެ. ސްކޮލަރޝިޕްގެ ދަށުން ހިންގާ ދިރާސީ މަސައްކަތްތަކުގެ މުއްދަތަކީ 2 އަހަރު ދުވަހެވެ. މި މަސައްކަތުގެ ތެރެއިން ކޮންމެ މަހަކު 2 ދުވަހު ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގައި މަސައްކަތްކުރަން ޖެހޭނެއެވެ.

މީގެ އިތުރަށް ދިވެހި ތަރިކަ ދިރާސާކުރާ މަރުކަޒުން ވަނީ ދިވެހި ތަރިކަވެރީން އުފެއްދުމުގެ ޤައުމީ މަޝްރޫޢު ވެސް ފަށާފަ އެވެ. ހަމަ މިއާ އެކު ދިވެހިބަހާއި ސަގާފަތާއި ތަރިކައިގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާގެ އައު ސިޔާސަތުތަކުގެ ދަށުން ގެނެވޭ ތަރައްޤީގެ ޕްރޮޖެކްޓުތަކުގެ ކޮންސެޕްޓުތަކާއި ތަޖުރިބާތައް ފަރުމާކޮށް ތަންފީޒުކުރުމާއި، ދިވެހީންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫޢުގެ އިތުރަށް ދިވެހި ތަރިކައިގެ ޚާއްޞަ ސިފަތައް އެކުލަވައިލުމުގެ ޤައުމީ މަޝްރޫޢު ވެސް ވަނީ ފަށާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު