11 ފެބުރުވަރީ 2026
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް، ފޮޓޯ: ތަރިކަ މިނިސްޓްރީ

އިންޓަރެކްޓިވް އިމަރސިވް މިއުޒިއަމްގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަނީ

ރާއްޖޭގައި އަލަށް ޤާއިމުކުރާ އިންޓަރެކްޓިވް އިމަރސިވް މިއުޒިއަމްގެ އަމަލީ މަސައްކަތް އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ފާއިތުވި ދެ އަހަރު ވުޒާރާއިން ކޮށްފައިވާ މަސައްކަތްތަކާއި ކާމިޔާބީތައް ހިއްސާކުރައްވާ މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

މިއަދުގެ ނޫސްވެރީންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ އިންޓަރެކްޓިވް އިމަރސިވް މިއުޒިއަމްގެ އަމަލީ މަސައްކަތް އަންނަ ޖަނަވަރީ މަހުގެ ތެރޭގައި ފަށާނެކަމަށާއި، ޖަނަވަރީ މަހު މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިކަމާ ގުޅޭ އެހެން މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.

އިމަރސިވް މިއުޒިއަމްތަކަކީ އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބައިވެރިވެވޭގޮތަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފަރުމާކުރާ މިއުޒިއަމްތަކެކެވެ. ރާއްޖޭގައި މި މިއުޒިއަމް ތަރައްޤީކުރުމަށް ހަމަޖެހިފައި ވަނީ އުސްގެކޮޅާއި، ކަޅުވަކަރު މިސްކިތް ފަދަ ތަންތަން ހިމެނޭހެން އީޖާދީ ވިސްނުމެއްގައި ދިވެހި ތާރީޚު ތަޖުރިބާ ކުރެވޭނެ ތަނެއްގެ ގޮތުގައެވެ.

އިންޓަރެކްޓިވް އިމަރސިވް މިއުޒިއަމެއް ތަރައްޤީކުރުމުގެ މަޝްރޫޢަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ތަރިކަ އިޢާދަކުރުމާއި، ދިވެހި ތަރިކައިގެ ދާއިރާ ތަރައްޤީކުރުމާއި، ތަރިކަ ދިވެހީންނަށް އޭގެ ހަޤީޤީ މާނައިގައި ރައްދުކޮށްދެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެތެރެއިން ކުރައްވާ މުހިންމު މަސައްކަތެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު