15 ޖަނަވަރީ 2026

ޕާޓީތަކުން ވަގުތުން ވަގުތަށް ރަޖިސްޓަރީކޮށް ވަކިވެވޭނެ ގޮތް ހަދައިފި

ސިޔާސީ ޕާޓީތަކުގެ ދަފުތަރަށް މެންބަރުން އިތުރުކުރުމާއި ވަކިވުމުގެ އުސޫލުތަކަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަމަކީ، މައި ޕޯޓަލް މެދުވެރިކޮށް ޕާޓީއަކުން ވަކިވާން އެދުމުން، ކުރިން ނަގާ 14 ދުވަހުގެ ބަދަލުގައި މިހާރު ވަގުތުން ޕާޓީން ވަކިވެވޭ ގޮތަށް ހަމަޖެއްސުމެވެ. މީގެ ތެރޭގައި ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް އޮންނަ މަޖިލިސް މެންބަރުންނާއި ކައުންސިލަރުން ވެސް ހިމެނެއެވެ.

ޕާޓީއަކަށް އަލަށް ގުޅުމަށް ހުށަހަޅާ ރިކުއެސްޓްތަކާ ގުޅޭގޮތުން ކޮމިޝަނުން ނިންމާފައިވަނީ، އެފަދަ ހުށަހެޅުންތައް ޕްރޮސެސް ކުރުމަށް ސިޔާސީ ޕާޓީތަކަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށެވެ. މި މުއްދަތުގެ ތެރޭގައި ޕާޓީން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާނަމަ، އެ މީހަކު އޮޓޮމެޓިކުން އެ ޕާޓީއެއްގައި ރަޖިސްޓަރީ ވާނެއެވެ. މީގެ އިތުރުން، ޕާޓީއަކުން މެންބަރަކު ވަކިކުރަން ބޭނުންވާ ހާލަތްތަކުގައި ޕޯޓަލް މެދުވެރިކޮށް އެކަން ކުރުމުގެ ފުރުސަތު ވެސް މިހާރު ވަނީ ފަހިކޮށްދީފައެވެ.

ޕާޓީތަކުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ޕާޓީން ވަކިވާން ބޭނުންވާ ނަމަ، އެ މަގާމަކުން ވަކިވުމަށް ހުށަހަޅަން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. މި ބަދަލުތަކަކީ ސިޔާސީ ޕާޓީތަކުގެ ދަފުތަރު ބެލެހެއްޓުމުގެ ކަންކަން އިތުރަށް ލުއިފަސޭހަކޮށް އަވަސްކުރުމަށް ގެނައި ބަދަލުތަކެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު