11 ފެބުރުވަރީ 2026

ކްއާޓަރ ފައިނަލުން ސެނެގޯލް ޖާގަ ހޯދައިފި

މޮރޮކޯގައި މިހާރު ކުރިޔަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކްއާޓަރ ފައިނަލުން ސެނެގޯލް ޖާގަ ހޯދައިފިއެވެ.  ދެވަނަ ބުރުގައި ހޮނިހިރު ދުވަހު ސޫދާނާ ދެކޮޅަށް ކުޅޭ ތަރިން ގިނަ ސެނެގޯލް މޮޅުވީ 3 ލަނޑު 1 ލަނޑުންނެވެ. މެޗުގެ 6 ވަނަ މިނެޓްގައި ސޫދާނުން ގޯލެއް ޖަހާ ސެނެގޯލް ޓީމު ހާސްކޮށްލިއެވެ. ނަމަވެސް ފުރަތަމަ ހާފުގައި ސްޕެއިންގެ ވިޔަރިއާލަށް ކުޅޭ ޕެޕޭ ގާއީ ދެ ގޯލު ޖަހާ ސެނެގޯލަށް ލީޑު ނަގައިދިނެވެ. ސެނެގޯލުގެ ފަހު ގޯލު ޖެހީ ފްރާންސްގެ ޕީއެސްޖީއަށް ކުޅޭ އިބްރާހީމް އެމްބަޔޭއެވެ. މި މެޗުގައި ސައޫދީ ކްލަބް އައްނަސްރަށް ކުޅޭ ސެނެގޯލްގެ ކެޕްޓަން މާނޭ ވަނީ ދެ ގޯލު ޖަހަން އެހީތެރިވެދީފައެވެ. ސެނެގޯލްގެ އަނެއް ގޯލު ޖަހަން އެހީތެރިވެ ދިނީ ޖަރުމަންގެ ބަޔާން މިއުނިކަށް ކުޅޭ ނިކޮލަސް ޖެކްސަންއެވެ.

ކްއާޓަރ ފައިނަލްގައި ސެނެގޯލް ބައްދަލުކުރާނީ ދެވަނަ ބުރުގައި ހޮނިހިރު ދުވަހު އެފްރިކާގެ ގަދަބާރެއްކަމަށްވާ ތޫނިސް ޕެނަލްޓީ ޖަހައިގެން 3 – 2 އިން މޮޅުވި މާލީއެވެ. މި މެޗުގެ ފުރަތަމަހާފުގެ 26 ވަނަ މިނެޓްގައި މާލީގެ ޑިފެންޑަރަކަށް ރަތްކާޑު ދެއްކުމުން އެޓީމުން މެޗުގެ ބޮޑު ބައި ކުޅުނީ 10 ކުޅުންތެރިންނާއެކުއެވެ. 10 ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ މާލީ ކޮޅަށް ތޫނިސްއަށް ގޯލެއް ޖެހުނީ ފަހުހާފު 88 ވަނަ މިނެޓްގައެވެ. ނަމަވެސް މެޗުގެ އެންމެ ފަހު ވަގުތުކޮޅުގައި މާލީއަށް ލިބުނި ޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކުރިއެވެ. ދެން ކުޅުނު އިތުރު ވަގުތުގެ 30 މިނެޓްގައި އެއްވެސް ޓީމަކަށް ގޯލެއް ނުޖެހުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

މާލީ ޓީމުން ޖެހި ފަސް ޕެނަލްޓީން 3 ޕެނަލްޓީ ކާމިޔާބުކުރި އިރު ، ތޫނިސް ޖެހި ފަސް ޕެނަލްޓީން ކާމިޔާބު ކުރެވުނީ ދެ ޕެނަލްޓީއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު