އާންމުންނަށް ފަސޭހަކަމާއެކު ޒަކާތް ދެއްކޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި، މޯލްޑިވްސް ޒަކާތު ހައުސްއާއި އަވަސް އެންޓަޕްރައިސަސްއާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން، މިއަހަރުގެ ރަމަޟާން މަހުން ފެށިގެން އަވަސް އެންޓަޕްރައިސަސްގެ ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ފިޠުރު ޒަކާތް ދެއްކޭނެ މަގު ފަހިވެގެންދާނެއެވެ.
މި ޚިދުމަތް ބޭނުންކުރާ ފަރާތްތަކުގެ އަތުން އިތުރު އެއްވެސް ފީއެއް ނުނަގާނެ ކަމަށާއި، އަދި ޒަކާތު ހައުސްއަށް ފައިސާ ބަދަލުކުރުމުގައިވެސް އެއްވެސް ފީއެއް ނުނަގާނެކަމުގެ ޔަގީންކަން ދީފައިވެއެވެ. މީގެ މައިގަނޑު މަޤްޞަދަކީ ޒަކާތް ދައްކާ ފަރާތްތަކުން ދައްކާ ފައިސާ އޭގެ ބެހެނިވެރިންނަށް އެއްވެސް އުނިކަމެއް ނެތި ފުރިހަމައަށް ފޯރުކޮށްދިނުމެވެ.
މިއީ ޒަކާތުގެ ނިޒާމު ޒަމާނީކޮށް ޑިޖިޓަލައިޒް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ. ޒަކާތު ހައުސްގެ އަމާޒަކީ އިތުބާރު ހުރި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް، ޒަކާތް ބަލައިގަތުމާއި ބެހުމުގެ ކަންކަން ދެފުށް ފެންނަ، އަވަސް އަދި ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމެވެ.



