14 ޖަނަވަރީ 2026
ނޫރުލް އަޒާން 1446، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

"ނޫރުލް އަޛާން 1447″ ބަންގި ގޮވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކުރާ "ނޫރުލް އަޛާން 1447″ ބަންގި ގޮވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފިއެވެ. މިފަހަރުގެ މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން، އަތޮޅުތަކުންވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތުގެ މައިގަނޑު މަޤްސަދަކީ އިސްލާމީ ޢަޤީދާއަށް ލޯބި އިތުރުކުރުމާއި ބަންގި ގޮވުމުގެ ފަންނާއި ހުނަރުގެ އަގުވަޒަންކުރުމެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރުގައި ބައިވެރިން ބޭނުންވާ ރާގަކަށް ބަންގި ގޮވުމުގެ ފުރުޞަތު އޮންނައިރު، އިންސާފުކުރާނީ ތަޖުވީދާއި، ރާގާއި، އަޑުގެ ސާފުކަމާއި ސުންނަތަށް ތަބާވާ މިންވަރަށެވެ. ދެވަނަ ބުރަށް ހޮވޭނީ އެންމެ މޮޅު 7 ބައިވެރިންނެވެ. އަތޮޅުތަކުގައި އޮޑިޝަންތައް ބޭއްވުމަށްފަހު، މުބާރާތުގެ މައިގަނޑު ބައިތައް ކުރިއަށްދާނީ އަންނަ ރަމަޟާން މަހުގައެވެ.

މިއީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގޭ ހަރަކާތެކެވެ. މީގެ އިތުރުންވެސް ޤުރުއާން މުބާރާތުގެ އިނާމުތައް ބޮޑުކުރުމާއި، ޙާފިޡުންނަށް ދޭ އެލަވަންސް އިތުރުކުރުމާއި، އަދި ޒުވާން ޚަޠީބުން ތަމްރީނުކުރުން ފަދަ މުހިންމު މަޝްރޫޢުތައް އެ ވުޒާރާއިން ދަނީ ހިންގަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު