ލީގުގެ އެއްވަނައިގައި އޮތް އާސެނަލް އާއި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ކުޅުނު މެޗު 0-0 އިން އެއްވަރުވެގެން ނިމިއްޖެއެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ލިވަޕޫލާ ދެކޮޅަށް ކުޅެ 0-0 އިން އެއްވަރުވުމުން، ޕްރިމިއާ ލީގުގެ ތާވަލުގެ ކުރީގައި އަށް ޕޮއިންޓުގެ ލީޑެއް ނެގުމަށް އާސެނަލަށް ލިބުނު ފުރުސަތު ވަނީ ބޭކާރުވެފައެވެ.
ލިވަޕޫލަކީ މި ސީޒަނުގައި މިކޭލް އާޓެޓާގެ ޓީމު ބަލިކުރި ދެ ޓީމުގެ ތެރެއިން އެއް ޓީމެވެ. ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މި މެޗުގައި ލަނޑެއް ޖެހުމާ އެންމެ ގާތަށް ދިޔައީ ވެސް އެ ޓީމެވެ. އެއީ ކޯނޯ ބްރެޑްލީ ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑީގައި ޖެހުނު ވަގުތެވެ.
މި ސީޒަނުގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗެއްގައި އާސެނަލަށް ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް، މި ނަތީޖާއާއެކު ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީގެ މައްޗަށް އޮތް ލީޑު ހަ ޕޮއިންޓަށް އިތުރުކުރުމަށް އާސެނަލަށް ވަނީ ފުރުސަތު ލިބިފައެވެ.
ވޭތުވެދިޔަ ހަފުތާގައި ސިޓީ ކުޅުނު ތިން މެޗުން ވެސް އެއްވަރުވުމުން، 22 އަހަރަށްފަހު ފުރަތަމަ ފަހަރަށް ލީގު ތަށި ހޯދުމަށް އާސެނަލަށް ވަނީ ވަރަށް ބޮޑަށް މަގުފުޅާވެފައެވެ.
މެޗު ފެށުމުގެ ކުރިން އެމިރޭޓްސް ސްޓޭޑިއަމް އޮތީ ފޯރީގައެވެ. ނަމަވެސް، އެންމެ ފަހުގެ ޗެމްޕިއަނުންނާއި މިފަހަރުގެ ތަށި ހޯދާނެ ކަމަށް ބެލެވޭ ޓީމުގެ ކުރިމަތިލުން ފެނިގެންދިޔައީ ފޯރި ކުޑަ މެޗެއްގެ ގޮތުގައެވެ.
"ސްޓޯމް ގޮރެއްޓީ" ގެ ސަބަބުން ކުރިމަތިވި ބޯ ވާރޭ ވެހުމާއި ގަދަ ވަޔާއެކު، ދެ ޓީމަށް ވެސް ކުޅެން އުނދަގޫތަކެއް ކުރިމަތިވިއެވެ.
އޮގަސްޓް މަހު އެންފީލްޑްގައި އާސެނަލް ބަލިކުރި ފަހުން ލިވަޕޫލް ވަނީ ތަށި ހޯދުމުގެ ރޭހުން ފަހަތަށް ގޮސްފައެވެ. ނަމަވެސް، ބަލިނުވެ ޖެހިޖެހިގެން 10 މެޗު ފުރިހަމަކޮށް، ގަދަ ހަތަރެއްގެ ތެރޭގައި އެ ޓީމުގެ މަގާމު މިހާރު ވަނީ ވަރުގަދަކޮށްފައެވެ.
މެޗުގެ ފުރަތަމަ 45 މިނެޓުގައި ގިނަ ވަގުތު ލިވަޕޫލް އޮތީ އަމިއްލަ ހާފަށް ބާރުވެފައި ނަމަވެސް، ހާފު ނިމުމުގެ ކުރިން ލަނޑެއް ޖެހުމާ އެންމެ ގާތަށް ދިޔައީ އެ ޓީމެވެ. ވިލިއަމް ސަލީބާ ފަހަތަށް ދިން ބޯޅައެއް ކޮންޓްރޯލް ނުކުރެވި ކީޕަރު ޑޭވިޑް ރާޔާ އަށް އުނދަގޫތަކެއް ކުރިމަތިވި ވަގުތު، ކޯނޯ ބްރެޑްލީ ފޮނުވާލި ބޯޅަ ޖެހުނީ ހުރަސް ދަނޑީގައެވެ.
ދެވަނަ ހާފުގައި މަންޒަރު ބަދަލުވެ، ލިވަޕޫލުން ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅުނެވެ. ނަމަވެސް، އަނިޔާގެ ސަބަބުން އެލެގްޒެންޑާ އިސާކް އަދި ހޫގޯ އެކިޓިކޭ ނެތުމާއި، އެފްރިކާ ކަޕް އޮފް ނޭޝަންސްގައި މުހައްމަދު ސަލާހު ކުޅެމުންދާތީ، ލިވަޕޫލްގެ އެޓޭކް ފެނުނީ ބަލިކަށިކޮށެވެ.
މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރި މެޗުގައި ޑޮމިނިކް ސޮބޮސްލާއީ ޖެހި ހިތްގައިމު ހިލޭ ޖެހުމުން މެޗު ކާމިޔާބުކުރިއިރު، މި މެޗުގައި ވެސް އޭނާ ފޮނުވާލި ބާރު ހަމަލާއެއް ދިޔައީ ގޯލުގެ ކުޑަ ތަންކޮޅެއް މަތިންނެވެ.
އަނެއްކޮޅުން، އާސެނަލްގެ ވިކްޓަ ގިޔޮކެރެސްގެ ފަރާތުން އަނެއްކާވެސް ދަށް ކުޅުމެއް ފެނުމުން އާޓެޓާ އޭނާ ބޭލިއެވެ. އޭނާ ލަނޑެއް ނުޖެހި މިހާރު ވަނީ 10 މެޗު ހަމަވެފައެވެ. މެޗުގެ ނަތީޖާ ބަދަލުކުރުމަށް އާޓެޓާ ވަނީ ބެންޗުން ގަބްރިއަލް ޖީސަސް، ނޯނީ މަޑުއެކޭ، އެބެރެޗީ އެޒޭ އަދި ގަބްރިއަލް މާޓިނެލީ ކުޅެން އަރުވާފައެވެ. ނަމަވެސް، ދެވަނަ ހާފުގެ އިތުރު ވަގުތާ ހަމައަށް ދިޔައިރު ވެސް ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވޭ ގޮތެއް ނުވިއެވެ. ޖީސަސް އާއި މާޓިނެލީ ފޮނުވާލި ހަމަލާތައް ކީޕަރު އެލިސަން ބެކާ ވަނީ ފަސޭހަކަމާއެކު ދިފާއުކޮށްފައެވެ.
މި މެޗުން ލިބުނު ޕޮއިންޓާއެކު، ހަތަރުވަނައިގައި އޮތް ލިވަޕޫލުން ވަނީ ނިއުކާސަލް އާއި މެންޗެސްޓާ ޔުނައިޓެޑަށް ވުރެ ތިން ޕޮއިންޓް ކުރިއަށް ޖެހިލައި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމުގެ އުންމީދު އާކޮށްފައެވެ.



