ސައުދީ އަރަބިއްޔާގައި ކުޅުނު ސްޕެނިޝް ސުޕަ ކަޕްގެ ސެމީ ފައިނަލްގެ ފޯރިގަދަ މެޗެއްގައި ޒަބީ އެލޮންސޯގެ ރެއާލް މެޑްރިޑުން އެތުލެޓިކޯ މެޑްރިޑް 2-1 އިން ބަލިކޮށް، ފައިނަލުގައި ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ކުޅޭ "ކްލެސިކޯ" ކުރިމަތިލުމެއް ކަށަވަރުކޮށްފިއެވެ.
މެޗުގެ ކުރީކޮޅު ފެޑޭ ވަލްވާޑޭ ކާމިޔާބުކުރި ހިލޭ ޖެހުމަކާއި ރޮޑްރީގޯގެ ލަނޑާއެކު މެޑްރިޑުން ވަނީ ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ފަސްވަނަ މޮޅު ހޯދާފައެވެ.
ޖިއްދާގައި ކުޅުނު މި މެޗުގައި ޑިއޭގޯ ސިމިއޯނީގެ އެތުލެޓިކޯއަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު ޖަހައިދިނީ އެލެގްޒެންޑަރ ސޯލޮތް އެވެ.
2025 ވަނަ އަހަރުގެ ފަހުކޮޅު ނަތީޖާތައް ދަށްވުމުގެ ސަބަބުން އެލޮންސޯ މަގާމުން ވަކިކުރުމާ ގާތަށް ދިޔަ ނަމަވެސް، އޭނާގެ ޓީމުން މިހާރު ވަނީ މަޑުމަޑުން ފޯމަކަށް އައިސްފައެވެ.
އޮކްޓޯބަރު މަހު އެލޮންސޯގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ ކްލެސިކޯގައި ބާސެލޯނާ އަތުން މެޑްރިޑް މޮޅުވި ނަމަވެސް، އޭގެ ފަހުން ޓީމުގެ ފޯމު ކުޑަކޮށް ދަށްވިއެވެ.
ސެޕްޓެމްބަރު މަހު ލަ ލީގާގައި މި ދެ ޓީމު ބައްދަލުކުރި މެޗުން އެތުލެޓިކޯ 5-2 އިން މޮޅުވި ނަމަވެސް، މި މެޗު ފެނިގެންދިޔައީ މާ ވާދަވެރިކޮށެވެ.
މެޗުގެ އެންމެ ދެވަނަ މިނެޓުގައި ވަލްވާޑޭ ފޮނުވާލި ބާރު ހިލޭ ޖެހުން، އެތުލެޓިކޯގެ ފާރުގައި ހުރި ސޯލޮތް ކައިރިން ގޮސް ގޯލްކީޕަރު ޔެން އޮބްލަކަށް ހުއްޓުވޭނެ ފުރުސަތެއް ނުދީ ގޯލުގެ ތެރެއަށް ވަދެ، "ލޮސް ބްލާންކޯސް" އަށް ކުރިހޯދައިދިނެވެ.
މެޗުގެ 55 ވަނަ މިނެޓުގައި ރޮޑްރީގޯ ވަނީ މެޑްރިޑްގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ ފާއިތުވި ފަސް މެޗުގައި އޭނާ ކާމިޔާބުކުރި ތިންވަނަ ލަނޑެވެ.
އޭގެ ތިން މިނެޓު ފަހުން، ޖިއުލިއާނޯ ސިމިއޯނީ ނަގައިދިން ހުރަހަކުން ސޯލޮތް ބޮލުން ފޮނުވާލި ހަމަލާއަކުން އެތުލެޓިކޯއަށް އުންމީދެއް ހޯދައިދިނެވެ.
މެޗުގެ ފަހު ވަގުތުކޮޅުގައި އިތުރު ވަގުތަށް މެޗު ގެންދިއުމަށް އެތުލެޓިކޯއިން ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. އެގޮތުން އެންޓޮއިން ގްރީޒްމަން ފޮނުވާލި ހަމަލާއެއް ކޯޓުއާ ދިފާއުކުރިއިރު، މާކޯސް ލޮރެންޓޭ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.
މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އަލްވަރޭޒް ފޮނުވާލި ހަމަލާވެސް ގޯލާ އަމާޒުނުވުމުން، ސައުދީގައި ތައްޓެއް ހޯދުމަށް އެތުލެޓިކޯ ކުރި އުންމީދުތައް ނިމުމަކަށް އައެވެ.
ބުދަ ދުވަހު އެތުލެޓިކް ބިލްބާއޯ 5-0 އިން ބަލިކުރި ބާސެލޯނާއާ ދެކޮޅަށް، އާދީއްތަ ދުވަހު ކިންގް އަބްދުالله ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ކުޅޭ ފައިނަލުގައި މެޑްރިޑް ނުކުންނާނެއެވެ.



