ބުކާޔޯ ސާކާ އާސެނަލްއާއެކު އާ ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި އެއްބަސްވެފައިވާއިރު، މިއާއެކު އޭނާ ވެގެންދާނީ އެ ކްލަބުގެ ތާރީޚުގައިވެސް އެންމެ ބޮޑު މުސާރައެއް ލިބޭ އެއް ކުޅުންތެރިޔާއަށެވެ.
އިނގިރޭސި ފޯވާޑް 2023 ވަނަ އަހަރުގެ މޭ މަހު ސޮއިކުރި ކޮންޓްރެކްޓަކީ ހަފުތާއަކު ގާތްގަނޑަކަށް 200,000 ޕައުންޑްގެ އަގުހުރި އެއްބަސްވުމެއް ކަމަށް ބެލެވޭއިރު، އެ އެއްބަސްވުން ހަމަވާނީ 2027 ވަނަ އަހަރުއެވެ. އޭޕްރީލް މަހު ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް މޮޅުވުމުގެ ކުރިން ސާކާ ބުނެފައިވަނީ އޭނާ ބޭނުންވަނީ "މި ބެޖު އަޅައިގެން ކާމިޔާބީ ހޯދަން" ކަމަށެވެ. ނަމަވެސް އާ ކޮންޓްރެކްޓެއްގައި ސޮއިކުރުމަށް "އަވަސް އަރުވާނުލާ" ކަމަށްވެސް އޭނާ ބުންޏެވެ.
ސާކާގެ އޭޖެންޓުން މިހާރު ވަނީ 2031 ވަނަ އަހަރާ ހަމައަށް ދެމިގެންދާ އެއްބަސްވުމަކަށް އާދެވިފައެވެ. އެއީ ސާކާގެ އުމުރުން 30 އަހަރު ފުރެން ގާތްވާ ދުވަސްވަރެވެ. މިކަމުގެ ރަސްމީ ކަށަވަރުކަން އާސެނަލްއިން ވަރަށް އަވަހަށް ދޭނެ ކަމަށް ބެލެވެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި އެއްބަސްވުމުގެ ދަށުން އޭނާގެ އާމްދަނީ ސީޒަނަކަށް 15 މިލިއަން ޕައުންޑަށް ވުރެ މައްޗަށް އަރާނެއެވެ. މިއީ ހަފުތާއަކު ގާތްގަނޑަކަށް 300,000 ޕައުންޑެވެ. މިއާއެކު އޭނާ ހިމެނިގެންދާނީ ޔޫރަޕްގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިންގެ ތެރޭގައެވެ. އާސެނަލްއިން ގަބޫލުކުރާ ގޮތުގައި މިއީ އުމުރުން 24 އަހަރުގެ މި ކުޅުންތެރިޔާގެ މުހިންމުކަމާ އެކަށީގެންވާ މިންވަރެކެވެ. މިވަގުތު އެ ކްލަބުގައި އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔަކީ ކައި ހާވާޓްޒް ކަމަށް ބެލެވެއެވެ. އޭނާ 2023 ވަނަ އަހަރު ޗެލްސީން ގުޅުނުއިރު ސޮއިކުރީ ހަފުތާއަކު 280,000 ޕައުންޑްގެ ކޮންޓްރެކްޓެއްގައެވެ. މެސުތު އޮޒިލް 2018 ވަނަ އަހަރު ކޮންޓްރެކްޓް އާކުރުމުން އޭނާއަށް ހަފުތާއަކު 350,000 ޕައުންޑް ލިބުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޕްރިމިއާ ލީގުގެ އެއްވަނައިގައި އާސެނަލްއިން ހަ ޕޮއިންޓްގެ ލީޑެއް ނަގާފައިވާއިރު، ފަހަކަށް އައިސް ސާކާ ދައްކަމުން އަންނަނީ މޮޅު ކުޅުމެކެވެ. އަދި ކަނާތްފަރާތުން ބެކްއަޕް ކުޅުންތެރިއެއްގެ ގޮތުގައި ޗެލްސީން ނޯނީ މަޑުއެކޭ ގެނައުމުގެ ފައިދާވެސް ސާކާއަށް ކުރަމުންދެއެވެ. އޮގަސްޓް މަހު އޭނާގެ ފައިގެ ފަހަތު މަސްގަނޑަށް (hamstring) ލިބުނު ކުޑަ އަނިޔާއަކާ ގުޅިގެން ސާކާ ކުޅޭ ވަގުތުތައް އަންނަނީ ވަރަށް ބަލައިގެން މެނޭޖްކުރަމުންނެވެ. އެގޮތުން ޑިސެމްބަރު މަހުގެ ކުރީކޮޅުން ފެށިގެން ކްލަބް ބްރޫޖް، ބްރެންޓްފޯޑް އަދި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ސާކާ ކުޅެން އެރީ ބެންޗުންނެވެ.



