ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ ރޯދަ މަހާ ދިމާކޮށް 'ރަން ފުރުޞަތު' 2026 ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މި ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން މާރޗް މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ބީއެމްއެލްގެ ކާޑު މެޝިން، ސްޓެޓިކް ކިއުއާރު ނުވަތަ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކުރާ މުއާމަލާތްތައް މި ޕްރޮމޯޝަނުގައި ބައިވެރިކުރެވޭނެއެވެ.
މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ހަފްތާއަކު 5 ނަސީބުވެރިއަކަށް 2،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެއެވެ. މި ގުރުއަތުގައި ބައިވެރިވެވޭނީ ކޮންމެ ހަފްތާއަކު މަދުވެގެން 500 ރުފިޔާގެ ވިޔަފާރިކުރާ ފަރާތްތަކަށެވެ.
ޕްރޮމޯޝަން ނިމުމުން ހޮވޭ އެންމެ ނަސީބުވެރި ފަރާތަކަށް ބޮޑު އިނާމުގެ ގޮތުގައި 100،000 ރުފިޔާގެ ގިފްޓް ކާޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ބޮޑު އިނާމުގެ ގުރުއަތުގައި ބައިވެރިވެވޭނީ ޕްރޮމޯޝަންގެ މުއްދަތުގައި ޖުމްލަ 10،000 ރުފިޔާގެ ވިޔަފާރިކުރާ ކަސްޓަމަރުންނަށެވެ.



