ލިވަޕޫލްގެ ޑިފެންޑަރު ކޯނަރ ބްރެޑްލީގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ސާޖަރީއެއް ކުރަން ޖެހިފައިވާތީ، މި ސީޒަނުގައި ދެން އޭނާއަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.
ނޮދަން އަޔަލޭންޑްގެ މި ކުޅުންތެރިޔާގެ ވާތު ކަކުލުގެ ކަށިގަނޑަށާއި ލިގަމެންޓްތަކަށް ވަނީ އަނިޔާވެފައެވެ.
ޕްރިމިއަރ ލީގުގެ އެއްވަނައިގައި އޮތް އާސެނަލްއާ ދެކޮޅަށް ބުރާސްފަތި ދުވަހު ކުޅުނު މެޗު ނިމެން ކައިރިވެފައި ވަނިކޮށް އަނިޔާވެގެން ދަނޑުން ބޭލި މި ރައިޓް-ބެކް، ކުރިއަށް އޮތް ދުވަސްތަކުގައި އޮޕަރޭޝަނެއް ކުރާނެއެވެ. މިއާއެކު މި ސީޒަނުގެ ބާކީ އޮތް އެއްވެސް މެޗެއްގައި އޭނާއަށް ނުކުޅެވޭނެއެވެ.
މީގެ އިތުރުން، ޕްލޭ-އޮފް މެދުވެރިކޮށް ނޮދަން އަޔަލޭންޑް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ ނަމަ، މި ހޫނު މޫސުމުގައި ބާއްވާ އެ މުބާރާތަށް ފިޓްވުމަކީވެސް އޭނާއަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.



