އެނީމާރީ ޖާސިރު ޑައިރެކްޓްކޮށްފައިވާ ފަލަސްތީނުގެ ފިލްމު "ޕަލަސްޓައިން 36″ އުރުދުންގެ ތިއޭޓަރުތަކުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އެބަދެއެވެ. މި ފިލްމު ވަނީ ޖެހިޖެހިގެން ދެވަނަ ހަފުތާގައި ތާޖް ސިނަމާގެ ބޮކްސް އޮފީހުގެ އެއްވަނަ މަގާމު ދަމަހައްޓާފައެވެ. މިއީ ދުނިޔޭގެ މަޝްހޫރު އެވޯޑްތައް ހާސިލްކޮށްފައިވާ އެކްޓަރުން ހިމެނޭ ބައިނަލްއަގުވާމީ ފިލްމުތަކާ ވާދަކޮށް މި ފިލްމު ހޯދި ބޮޑު ކާމިޔާބީއެކެވެ.
މި ފިލްމަށް ލިބެމުންދާ ތަރުހީބުން ހާމަވަނީ އިންސާނީ އަދި ތާރީޚީ ފުންމިނެއް އެކުލެވޭ ސިނަމާތަކަށް އުރުދުން އަދި އަރަބި ބެލުންތެރިންގެ މެދުގައި އޮތް ޝައުގުވެރިކަމެވެ. 1936 ވަނަ އަހަރުގެ ފަލަސްތީނުގެ ބޮޑު އިންގިލާބުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމަކީ، ސީދާ ސިޔާސީ ޝިއާރުތަކަށްވުރެ ބޮޑަށް، އާދައިގެ މީހުންގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށްފައިވާ އަސަރުގަދަ ވާހަކައެކެވެ.
މި ފިލްމުގައި އަރަބި އަދި ބައިނަލްއަގުވާމީ ފެންވަރުގެ ފާހަގަކޮށްލެވޭ ތަރިން ކަމަށްވާ ހިޔާމް އައްބާސް، ސާލިޙް ބަކްރީ އަދި ޔަސްމީން އަލް މަސްރީ ފެނިގެންދެއެވެ. ޑައިރެކްޓަރު ޖާސިރުގެ ތަފާތު ކެމެރާގެ މަސައްކަތާއި ޑްރާމާގެ އުކުޅުތައް މި ފިލްމުން ވަރަށް ބޮޑަށް ފާހަގަވެގެންދެއެވެ.
މިހާރު އުރުދުންގެ އިތުރުން މިސްރު، ގަލްފް ގައުމުތައް، މޮރޮކޯ އަދި ޓިއުނީޝިއާގެ ސިނަމާތަކުގައިވެސް މި ފިލްމު ދަނީ ދައްކަމުންނެވެ. އަދި ޔޫރަޕާއި އުތުރު އެމެރިކާގައިވެސް މި ފިލްމު ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ފިލްމުގެ ވޯލްޑް ޕްރިމިއާ ބާއްވާފައިވަނީ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައެވެ.
މި ފިލްމު ވަނީ ޓޯކިޔޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ގްރޭންޑް ޕްރިކްސް ކާމިޔާބުކޮށް، ޔޫރަޕިއަން ފިލްމު އެވޯޑްސްގެ ޝޯޓްލިސްޓުގައި ހިމެނިފައެވެ. މީގެ އިތުރުން މިއީ އެކަޑަމީ އެވޯޑްސް ނުވަތަ އޮސްކާގެ ބެސްޓް އިންޓަނޭޝަނަލް ފީޗާ ފިލްމު ކެޓަގަރީއަށް ފަލަސްތީނުން ހުށަހަޅާފައިވާ ރަސްމީ ފިލްމުވެސް މެއެވެ.
"ޕަލަސްޓައިން 36″ އަށް ލިބެމުންދާ މި ކާމިޔާބީއަކީ ފަލަސްތީނުގެ ސިނަމާތަކަށް ހަމައެކަނި ފެސްޓިވަލްތަކުގައި ނޫންކަން، އަދި ވިޔަފާރީގެ ގޮތުންވެސް ބޮޑެތި ފިލްމުތަކާ ވާދަކުރެވޭނެކަން ސާބިތުކޮށްދޭ ކަމެކެވެ.



