9 ފެބުރުވަރީ 2026
އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފޮޓޯ: އީސީ

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް ހޮނިހިރު ދުވަހު ހުޅުވާލަނީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 17 ވާ ހޮނިހިރު ދުވަހުން ފެށިގެން ފެބުރުވަރީ އެއްވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލަން ނިންމައިފިއެވެ.

މިފަހަރުގެ އިންތިޚާބުގައި ކެންޑިޑޭޓުންގެ ފޯމުތައް ހުށަހަޅަންޖެހެނީ ޕޯޓަލް މެދުވެރިކޮށް ޑިޖިޓަލްކޮށެވެ. މިއީ މިގޮތަށް ފޯމު ބަލައިގަންނަ ފުރަތަމަ ފަހަރެވެ.

އިންތިޚާބު ބޭއްވުމަށް ތާވާލުކޮށްފައިވަނީ އޭޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހުއެވެ. ވޯޓުލުން ކުރިއަށްދާނީ އެދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. މި އިންތިޚާބުގައި ލޯކަލް ކައުންސިލްތަކަށް 678 މެންބަރުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 678 މެންބަރުން ހިމެނޭހެން ޖުމްލަ 1356 މެންބަރުން އިންތިޚާބު ކުރާނެއެވެ.

ވޯޓު ފޮށިތަކުގެ ތަފްސީލަށް ބަލާއިރު، އަތޮޅުތަކުގެ ރަށްރަށުގައި 321 ފޮށި، އަދި މާލެ ސަރަޙައްދުގައި 240 ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރިސޯޓުތަކުގައި 50 ފޮށި، ޖަލުތަކުގައި 5 ފޮށި، އަދި ސިނާޢީ މަސައްކަތްކުރާ ތަންތަނުގައި 3 ފޮށި ބަހައްޓާނެއެވެ. ރާއްޖެއިން ބޭރުގައި ބަހައްޓާނީ ސްރީލަންކާ އަދި މެލޭޝިއާގައި ހިމެނޭ ދެ ފޮއްޓެވެ.

މި އިންތިޚާބުގައި ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ. ކައުންސިލްތަކުގެ އޮނިގަނޑަށް އައިސްފައިވާ ބަދަލުތަކާއެކު، ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު