9 ފެބުރުވަރީ 2026
ހުޅަނގު އައްސޭރިން ފަލަސްތީނުގެ ބިމެއް ފޭރިގަތުމަށް އިސްރާއީލުން "ސޮވެރެންޓީ ރޯޑް" ހަދަނީ

ހުޅަނގު އައްސޭރިން ފަލަސްތީނުގެ ބިމެއް ފޭރިގަތުމަށް އިސްރާއީލުން "ސޮވެރެންޓީ ރޯޑް" ހަދަނީ

ހުޅަނގު އައްސޭރީގެ ބިމުން ގާތްގަނޑަކަށް %3 ފަލަސްތީނު މީހުންނާ ވަކިކޮށްލުމަށްޓަކައި، 'ސޮވެރެންޓީ ރޯޑް' ނުވަތަ ސިޔާދަތީ މަގެއް ހެދުމަށް އިސްރާއީލުން ރާވަމުންދާކަން ހާމަވެއްޖެއެވެ. މި ޙީލަތްތެރި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ އިސްރާއީލުގެ ވަޒަންވެރިންނާއި ފަލަސްތީނު މީހުން ވަކިކޮށް، މައާލޭ އަދުމީމް އަދި އީ1 ސަރަހައްދު އިސްރާއީލުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމެވެ.

އިބްރާނީ މަސްދަރުތަކުން ރިޕޯޓްކުރާ ގޮތުގައި، ކުރިއަށް އޮތް 45 ދުވަހުގެ ތެރޭގައި މި މަގުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މަގު ގުޅާލަނީ ހުޅަނގު އައްސޭރީގެ ދެކުނާއި އިރުމަތީ ގުދުސްގައިވާ އަލް-އައިޒަރިއްޔާ އާއި އަލް-ޒައިމް އަވަށެވެ. މި މަޝްރޫއުގެ ސަބަބުން ފަލަސްތީނު މީހުންނަށް މައާލޭ އަދުމީމް ސަރަހައްދާއި މުޅި އީ1 ޒޯނަށް ވަނުން މަނާވެގެންދާނެއެވެ.

އިސްރާއީލުގެ އާބާދުވުންތައް މޮނިޓަރ ކުރާ ޖަމާއަތެއް ކަމަށްވާ 'ޕީސް ނައު' އިން މި މަޝްރޫއު ސިފަކޮށްފައިވަނީ އިސްރާއީލުގެ ވަޒަންވެރިންނާއި ފަލަސްތީނު މީހުންނަށް ވަކި މަގުތަކެއް ހެދުމުގެ ނިޒާމެއްގެ ގޮތުގައެވެ. މިއީ ނަސްލީ ތަފާތުކުރުމުގެ އަމަލެއް ކަމަށް އެ ޖަމާއަތުން ބުނެއެވެ. މި މަގުގެ ސަބަބުން ފަލަސްތީނުގެ ދަތުރުފަތުރުގެ ނިޒާމު މުޅިން ބަދަލުވެ، އެ ސަރަހައްދު ދޫކޮށް ދާން މަޖުބޫރުވާނެއެވެ.

"މި މަޝްރޫއުގެ ބޭނުމަކީ ފަލަސްތީނުގެ ދަތުރުފަތުރު ރަނގަޅު ކުރުމެއް ނޫން، މިއީ ހަމައެކަނި ހުޅަނގު އައްސޭރީގެ މެދުތެރެ އިސްރާއީލުގެ ކޮންޓްރޯލްގެ ދަށަށް ގެނެސް ފަލަސްތީނު މީހުން އެތަނުން ބޭރުކުރުމަށް ކުރާ ކަމެއް،" ޕީސް ނައު އިން ނެރުނު ބަޔާނުގައިވެއެވެ.

މި މަގު ހެދުމަށް ނިންމާފައިވަނީ 'ސެކިއުރިޓީ ރޯޑް' ނުވަތަ ސަލާމަތީ މަގެއްގެ ނަމުގައެވެ. މިގޮތަށް ނަންދީފައިވަނީ 1995 ގެ އެއްބަސްވުމުގެ ދަށުން ފަލަސްތީނުގެ ބާރު ހިނގާ 'އޭރިއާ ބީ' ގައި ހުރި ހުރަސްތަކުން ސަލާމަތްވުމަށެވެ. އަސްކަރީ ބާރުގެ ބޭނުންކޮށްގެން ބިން އަތުލުމުން، އާންމު އުސޫލުތަކާ ހިލާފަށް ސިއްރުވެރިކަމާއެކު މި މަސައްކަތް ކުރިއަށް ގެންދިއުމުގެ ފުރުސަތު އިސްރާއީލަށް ލިބިގެންދެއެވެ.

މި މަޝްރޫއުގެ ސަބަބުން ހާން އަލް-އަހްމަރު ފަދަ ބެޑުއިން އަވަށްތަކުގެ އެތައް ހާސް ބަޔަކު ވަޒަންވެރިވެފައިވާ ތަންތަނުން ބޭރުވެ، އަސާސީ ހިދުމަތްތަކުން މަހުރޫމްވާނެ ކަމަށް ބުނެ ފަލަސްތީނުގެ މުޖުތަމައުތަކުން ވަނީ އިސްރާއީލުގެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. މި މަގަކީ މުސްތަގުބަލުގައި އުފެދޭ ފަލަސްތީނުގެ ދައުލަތަކަށް އޮތް ބޮޑު ނުރައްކަލެއް ކަމަށްވެސް މުހައްލިލުން ފާހަގަކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު