އަހަރެން އެންމެ ލޯބިވާ ރާއްޖެއެވެ! އަހަރެން ބަންޑުން މިކޮށްލަނީ އަހަރެންގެ އުދާސްތަކެވެ. އަހަރެންގެ ހިތް އެދޭ އެދުންތަކެވެ. ޝަކުވާއެއްގެ ގޮތުގައެއް ނޫނެވެ. މިއީ ހަމައެކަނި އަހަރެންގެ ހިތުން ފޮނުވާ މެސެޖެއް ނޫނެވެ. އެތަކެއް ޒުވާނުންގެ ހިތުގެ އެދުމެވެ.
އަހަރެންވެސް މި ދުނިޔެއަށް އުފަންވީ އެތައް އުއްމީދުތަކަކާއި އެތައް ހުވަފެންތަކެއް ދެކެމުންނެވެ. އެތަކެއް ގޮންޖެހުންތަކަކާއި އެތައް ހުރަސްތަކެއް ކުރިމަތިވާނެކަންވެސް ޤަބޫލުކުރާ ޙާލުގައެވެ. އެއީ ދުނިޔޭގެ ސުންނަތްކަން ޤަބޫލުކުރަމެވެ.
އަހަރެން މަދަރުސާއަށް ގޮސް މޮޅަން ކިޔަވަން އަޒުމް ކަނޑައެޅީމެވެ. މަތީ ވަނަތައްވެސް ލިބުނެވެ. މަދަރުސާގެ ދަރިވަރުންނަށް ކަނޑައަޅާފައިވާ މަޤާމުތައްވެސް ލިބުނެވެ. ޕްރިކެޓްކަމާއި، ހައުސް ކެޕްޓަން ފަދަ މުހިއްމު މަޤާމުތަކެވެ. ކިޔެވީ ކިޔަވާ ހިތުންނެވެ. އިތުރު ޙަރަކާތްތަކުގައި ބައިވެރިވީ ބައިވެރިވާ ހިތުންނެވެ. ސްކޫލުން ކިޔަވައިދޭ ދިވެހި ބަސްވެސް ދަސްކުރަން މަސައްކަތްކުރީމެވެ. އިސްލާމްވެސް ކިޔެވީމެވެ. ޤުރުއާންވެސް ކިޔެވީމެވެ. ނަމަވެސް ޙާލަތު ވަނީ ބަދަލުވެފައެވެ. އުނގެނުނު އެއްވެސް އެއްޗެއްގެ ރާހަތެއްކޮށްފައި ނުވާފަދައެވެ. ޖެހިލުންވަނީއެވެ. ދިވެހިބަހުން ވާހަކަ ދައްކާލެވޭ ވަރުވެސް ނުވަނީއެވެ.
އާނ! އިސްލާމްވެސް ކިޔެވީމެވެ. މަތީ މާކްސްވެސް ހޯދީމެވެ. ގްރޭޑް 10 ނިމެންދެންވެސް ދީން ކިޔެވީމެވެ. ނަމަވެސް އެއްވެސް އެއްޗެއް ފަހުމުވިކަމެއް ހިތަކަށް ޤަބޫލެއް ނުކުރެވެއެވެ. މަގު އޮޅިއްޖެފަދަ އެވެ. މިސްކިތައް އަރާ ނަމާދުކޮށްލެވެނީ ތަޅާ މަރައިންނެވެ. މިކަމާ ހެދި އަހަރެންގެ މަންމައާއި ބައްޕަ ވަނީ ހާސްވެ ކަންބޮޑުވެފައެވެ. މާޔޫސްވެފައެވެ. ހިތަށް އެރިއްޔާ ގޮސް ސަޖިދައެއް ޖަހާލަމެވެ. ފަސްވަގުތު އެއްކޮށް ނަމާދު ކުރި ހަނދާނެއްވެސް ނެތެވެ. ޙައްޖެއް ރޯދައެއް ސުންނަތެއް ނޭނގޭފަދައެވެ. ދީންވެރި ކުދިން ދެކެ ފޫހިވަނީއެވެ. ޢިލްމުވެރީންނާއި އުސްތާޒުން ދެކެ ލޯތްބެއް ނުވެވުނެވެ. އިޙްތިރާމެއް ނުކުރެވެއެވެ. އެމީހުން ފެންނައިރަށް އަންނަނީ ރުޅިއެވެ.
ދީން ކިޔެވީ މަދު އަހަރުތަކެއްގައެއް ނޫނެވެ. ދިހައަހަރު ހޭދާކުރީމެވެ. ފޫނެއް ފަޔަކަށް ފެންފުރުން ފަދަކަމަކަށް މިވީ ކީއްވެހެއްޔެވެ؟ އީމާންކަން މިހާ ނިކަމެތިވީ ކީއްވެހެއްޔެވެ؟ އިހުމާލުވީ މުދައްރިސުން ހެއްޔެވެ؟ މަދަރުސާ ހެއްޔެވެ؟ މަންމައާއި ބައްޕަ ހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބެއް އުޅެއުޅެ ނުހޯދުނެވެ. އެންމެންވެސް ބުނަކީ، "ތިއައީ ކަލޭގެ ގޯސްކަމެވެ. ނުލަފާކަމެވެ. ގޮތް ކުޑަ ކަމެވެ."
އަހަރެން ބައްޓަން ކުރީ މަދަރުސާތޯ، ނޫނީ މަންމަތޯ ނޫނީ ބައްޕަތޯ ނާހާށެވެ. ކޮންމެވެސް ފަރާތެއްގެ އިހްމާލު އެބައޮތެވެ. އަހަރެން ރީތި ދިރިއުޅުމެއް އުޅެން ބޭނުންވެއެވެ. ރަގަޅު ވަޒީފާއަކަށް ދާން ބޭނުންވެއެވެ. ރަނގަޅު މީހަކާ އިންނަން ބޭނުންވެއެވެ. އަޚުލާޤު ރަނގަޅު ގެވެހި އަތްބަކު ބޭނުމެވެ. ހެޔޮ ގޮތުގައި އުޅެން ބައެއް ފަހަރު ވިސްނެއެވެ. ދިރިއުޅުމެއް ބިނާކުރާން ބޭނުންވެއެވެ. އެހެންނަމަވެސް، މިކަންކަން ކުރާނެ ހިތްވަރެއް އަހަރެންނަކަށް ނުލިބުނެވެ. އަބަދުވެސް ހިތަށްވެރިވަނީ މާޔޫސީ ފިކުރުތަކެވެ. ދެއްކެނީ ނުވާނެ ކޮޅެވެ. އަހަރެންނާ ދިމާލަށް މީހުން ބުނެއެވެ. "ޚިޔާލެއް ފިކުރެއް ނެތި ތިޔަ އުޅެނީ ކޮން އުޅުމެއް ހެއްޔެވެ؟ އިންނާނެ މީހަކުވެސް ނުވި ދޯއޭ"، ކިޔާ ހަޖޫޖަހައެވެ.
އޭ މަސްއޫލުވެރިންނޭވެ! މިއީ އަހަރެންގެ އުދާސްތަކެވެ. ސްކޫލުގައި މޮޅަށް ކިޔަވައިގެން ވަނަވަނަވެސް ހޯދީމެވެ. ސެޓްފިކެޓްތައް ހިފައިގެން ވަޒީފާއެއް ހޯދަން ދޮރުންދޮރަށް ހިނގީމެވެ. އޮފީސްތަކާއި ކުންފުނިތަކާއި ވިޔަފާރިތަކަށް ފޯމްތައް ހުށަހެޅީމެވެ. މަހަކު ފަސްހަ އިންޓަވިއުއަށް ދިޔައީމެވެ. އެހެންނަމަވެސް، ތިޔަ ކުރާ ޑިމާސްޑްތަކާ މެދު ކޮސްވެއްޖެއެވެ. ތަލިން ކުޅި ހިކިއްޖެއެވެ. އަންތަރީސްވެއްޖެއެވެ. ދައްކަނީ ހުސް ބަހަނާއެވެ. އިންޓަރވިއު އިން ފާސްވާ ކަމަކަށް ނުވެއެވެ. އަޅާ ހެދުމެއް ކަމަކު ނުދެއެވެ. ހޯދި ސެޓްފިކެޓެއް ކަމަކު ނުދެއެވެ.
ކަމަކަށް އެދޭ ކޮންމެ ހިނދެއްގައި ގާނޫނެއް އައިސް އަހަރެންގެ އަތުގައި ހިފަހައްޓައެވެ. މިއީ ޤާނޫނީ ގޮތުން ދުނިޔޭގެ ނިސްބަތުން އެންމެ ފުރިހަމަ އެއް ޤައުމޭ ކިޔާ އަޑު އަހަމެވެ. ވަޒީފާއާބެހޭ ޤާނޫނާއި ވިޔަފާރިއާއި ބެހޭ ޤާނޫނާއި އުސޫލުތައް ފުރި ފައިލްތައް ބަންޑުންވަނީއެވެ. އަބަދުވަސް އަހަރެން ހިފަހައްޓަނީ އެ ޤާނޫނު ބުނާ ކޮންމެ މާއްދާއެކެވެ. އޭގެ ދިގު އަތެވެ. ހިމާޔަތްވާ ތަން ފެންނަނީ ޒިންމާދާރުވެރިޔާއެވެ. ވިޔަފާރިވެރިންގެ ހައްގުތަކެވެ. ހިމާޔަތްވަނީ އެމީހުންގެ ވިސްނުމެވެ. މޮޅުވަނީ އެމީހުންގެ ބަހެވެ. އާނ! މިހެންވާ ސަބަބެއްވެސް އެބައޮތެވެ. އެ ވިޔަފާރިވެރިޔާވެސް ބުނަނީ ޤާނޫނު ފުރިހަމަ ނޫންކަމަށެވެ. އޭނާއަށް ޤާނޫނުގެ ކޮންމެވެސް ފޮޅުވަތަކުން، ބާރެއް ލިބޭ ކަމަށް އޭނާ ބުނެއެވެ. ދެން ބުނަނީ ކުރިން ގެނައި ދިވެހި ކުއްޖާ ވަޒީފާއަށް ފަރުވާކުޑަ ވާހަކައެވެ. ޒިންމާ ނުއުފުލާ ވާހަކައެވެ.
މަދަރުސާއެވެ! މުދައްރިސެވެ! މިއީ އަހަރެންގެ އިޙްސާސްތަކެވެ. އަހަރެންނަށް "އިސްލާމް" ކިޔެވުނީ މަތީ މާކްސް ހޯދާށެވެ. "ދިވެހިބަސް" ވެސް ކިޔެވީ ހަމަ މިއުސޫލުންނެވެ. ދެން ހުރި މާއްދާތައް ކިޔެވީވެސް ހަމަ އެބޭނުމުގައެވެ. ސަކަރާތްޖަހާ ބަސްނާހައޭ ބުނާ ކުދިން މާ ރަގަޅުކަމަށް މިހާރު އެބަ ފާހަގަވެއެވެ. އެއީ ކީއްވެހެއްޔެވެ؟ ސަމާލުކަން ދެވުނީ މަތީ މާކުހާއި މަތީ ވަނަތަކަށް ނޫން ހެއްޔެވެ؟ މަދަރުސާއިން އިނާމް ދިނީ އެކަމަށް ނޫން ހެއްޔެވެ؟ މުދައްރިސަށް މަޖުބޫރުވީ އެކަން ކުރާކަން ނޫންހެއްޔެވެ؟ ސިޔާސަތާއި މަންހަޖު އެންގީ އެމަގުން ހިނގުމަށް ނޫން ހެއްޔެވެ؟ އަހަރެންގެ ލޯ އަމަލީ މައިދާނަށް ހުޅުވައި ނުދިނީ ކީއްވެހެއްޔެވެ؟ އަތުން ކަމެއް ކޮށްލަން އެނގޭވަރުކޮށް ނުދީ ކީއްވެ ހެއްޔެވެ؟ ވަޒީފާއަށްދާން ތަޖްރިބާއެއް ކޮށްލުމުގެ ފުރުސަތެއް ހަމަ ހިލާ ނުލިބުނީ ކީއްވެހެއްޔެވެ؟
އަހަރެން މި އިޙްސާސްތައް ބަންޑުން މިކޮށްލީ ކީއްވެ ހެއްޔެވެ؟ އަހަރެން މުޖްތަމަޢަށް ގިނަވެއްޖެއެވެ. ބިކަވެއްޖެއެވެ. ދީނާ ދުރުވެވިއްޖެއެވެ. މަންމަމެންދެކެ ފޫހިވެއްޖެއެވެ. ގުރޫޕް ހަދާލައިގެން މަޖާކޮށްލުން މާ އުފާވެރިއެވެ. މާ ހިތްހަމަޖެހެއެވެ. ބުނާނީ ކީކޭހެއްޔެވެ؟ ދެވުނު ތަރުބިއްޔަތުގައި ގޯސްތަކެއް އެބަހުއްޓެވެ. ކިޔަވައިދިނީ ފޮތް އެކަންޏެވެ. ގޮތެއް ނޫނެވެ. ޤާނޫނުތަކުގައި ގޯސްތަކެއް، އަދި ލޯވަޅުތަކެއް އެބަހުއްޓެވެ. މަސްއޫލުވެރިންގެ ހަރުކަށިކަން ބޮޑުވީއެވެ. އުސޫލުތައް ބޮޑާ ހާކާތީއެވެ. ދޫދިނުމަށްވުރެ ބަސް، "މާ ވަރުގަދަ" ވީ އެހެންވެއެވެ. މުޖްތަމަޢު ކޮޅަށް ތެދުވާކަށް ނުވޭހެއްޔެވެ؟ ހޭ އަރާކަށް ނުވާހެއްޔެވެ؟ މިއަދު މި ޙާލުގައި އުޅެނީ އަހަރެން އެކަންޏެއް ނޫނެވެ. އެތައް ޒުވާނުންނެވެ. އު ޒުވާނުންގެ އިޙްސާސް ބަލައިގަންނާށެވެ. އަޅާލާށެވެ.