Monday, 14 October 2024

ތުރުކީގެ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިން ފޯރިގަދަވަނީ

ދެ ވަނަ ބުރުގެ ކެމްޕެއިން ފޯރިގަދަވެ 2 ކެންޑިޑޭޓުންގެ ދެމެދު ބަހުގެ ހަމާލާތައް ވަރުގަދަ ވާން ފަށައިފިއެވެ. ތުރުކީގެ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓާ ދިމާކޮށް މި ހަފުތާގެ ތެރޭގައި ތުރުކީގެ ރައްޔިތުންނަށް އިދިކޮޅު ލީޑަަރު ކެމާލް ކިލިޗްދަރޯލޫ ފޮނުވި ޓެކްސްޓް މެސެޖެއް ބްލޮކްކުރި ކަމަށް އޭނާ ތުހުމަތު ކުރައްވައިފިއެވެ.

އިންތިހާބުގެ ދެ ވަނަ ބުރުގައި ވާދަކުރައްވަނީ ރައީސް ތައްޔިބް އުރުދުގާން އާއި ކިލިޗްދަރޯލޫއެވެ.

ކިލިޗްދަރޯލޫ ތުހުމަތު ކުރެއްވި ގޮތުގައި ރައްޔިތުންނަށް ފޮނުވި ޓެކްސްޓް މެސެޖެއް ތުރުކީގެ ރަސްމީ އިދާރާތަކުން ބްލޮކް ކުރީ އުރުދުގާންގެ އެންގެވުމަށް ކެމްޕެއިނަށް ނުފޫޒްފޯރުވުމަށެވެ.

އެ މެސެޖްގައިވަނީ ހުކުރު ދުވަހުގެ ރޭ އެމަނިކުފާނުގެ ޓީވީ އިންޓަވިއުއެއް އޮންނާނެކަން އަންގާ ރައްޔިތުންނަށް ޓެކްސްޓް މެސެޖް ފޮނުވި ކަމަށެވެ. އެކަމަކު އެ މެސެޖު އެއްވެސް ބަޔަކަށް ނުލިބޭ ކަމަށް އެ ޓީމުން ބުންޏެވެ. އިދިކޮޅު ކެންޑިޑޭޓްގެ ތުހުމަތާ ގުޅޭ ގޮތުން ތުރުކީގެ އިދާރާތަކުން އަދި ވަކި އެއްޗެއް ނުބުނެއެވެ.

އިންތިހާބުގެ ފުރަތަމަ ބުރުން އުރުދުގާންއަށް ލިބުނީ 49 ޕަސެންޓު ވޯޓެވެ. ގާނޫނު އޮންނަ ގޮތުން އިންތިހާބު ކާމިޔާބު ވާނީ 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ލިބިގެންނެވެ. އެހެންވެ، ދެ ވަނަ ބުރު ކުރިއަށް ދަނީ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންގެ މެދުގައެވެ.

އާދީއްތަ ދުވަހު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނަ އިރު، މިހާރުގެ ރައީސް އުރުދުގާންއަށް ތަނަވަސް އަޣްލަބިއްޔަތަކުން ކާމިޔާބު ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެއީ ފުރަތަމަ ބުރުގައި ތިން ވަނައަށް ދިޔަ ކެންޑިޑޭޓުގެ ތާއީދު ވެސް އުރުދުގާންއަށް ލިބިވަޑައިގެންފައި ވާތީއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު