30 އެޕްރީލް 2025

ކެމްޕެއިންގެ "އަނދިރި" ފަރާތް! ސަމާލުވީ ކިހާވަރަކަށް؟

2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް އެއްވެސް ކެމްޕޭނެއް، އެއްވެސް ފޯރިއެއް ނެތި، ހިލަމެއް ބިލަމެއް ނެތި އޮއްވާ ހީކުރި ގޮތަށް ރޯދަމަހަށްފަހު، ސިޔާސީ ކޮޅިގަނޑު ލައިގެންފިއެވެ. ވާދަކުރާ ކެންޑިޑޭޓުން އިޢުލާންކުރުމާއި، ޕާޓީތަކުގެ ރިޔާސީ ޓިކެޓް ޙަވާލުކުރުމާއި، ޖަގަހަތައް ހުޅުވުންފަދަ ޙަރަކާތްތައް ވަރުގަދަކޮށްފިއެވެ.

އެއް ޕާޓީއެއް ދެ ކަފިވެ، އެ ޕާޓީގެ ފިކުރު ދިމާ ނުވާމަކަށް ބުނެ އެހެން ޕާޓީއެއް އުފައްދައި، "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތްވެސް ދަނީ ފަތުއަޑުކިޔާފައި ކުރިއަށެވެ. އެޕާޓީންވެސް ކެންޑިޑޭޓަކު ނެރޭނެ ކަމަށް، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ޙަރަކާތްތެރިވާ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. އެމް.އެން.ޕީ ގެ ރިޔާސީ ޓިކެޓް ވަނީ ޙަވާލުކޮށްފައެވެ. ޖޭ.ޕީގެ ފަހުލަވާލުން ޤާސިމް އިބްރާހީމްގެ ކެމްޕޭންގެ ފޯރިގަދަކުރަނީއެވެ. ރައީސް ޞާލިޙްގެ ރިޔާސީ ޓިކެޓް ޙަވާލުކޮށްފިއެވެ. ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އަދި ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓަކީ އެއީއެވެ. އެ ޕާޓީންވެސް ވަނީ ދަތުރުތައް ފަށައި، ޕާޓީގެ ބޮޑު ދިދަ ނެގުމާއި ޕޯސްޓަރު ހިތްޕުންފަދަ ޙަރަކާތްތައް ފަށާފައެވެ. ޢުމަރު ނަސީރުވެސް އޭނާގެ ސަޕޯޓަރުންނާއެކު، "ހިމޭން ކެމްޕޭނެއް" އެބަކުރެއެވެ. ކުރީގެ ރައީސް މައުމޫންގެ މޯލްޑިވްސް ރިފޯމްމޫވްމަންޓް އުވާލިކަން އިލެންކްޝަންސް ކޮމިޝަނުން އިޢުލާން ކުރެއްވި ފަހުން، އެ ޕާޓީގެ ޙަރާކާތްތައް ރަސްމީކޮށް ހިންގުން ވަނީ މަޑުޖައްސާލާފައެވެ. އެހެންނަމަވެސް، ފާރިސް މައުމޫންގެ ސަޕޯޓަރުން، ފާރިސްއަށް ސަޕޯޓް ހޯދުމުގެ މަސައްކަތްތަކެއް ފަށައިފިއެވެ. މިނިވަން ކެންޑިޑޭޓެއްގެ ޙައިސިއްޔަތުން ނަމަވެސް ފާރިސް ވާދަކުރައްވާނެ ކަމަށް ބެލެވެއެވެ. ކުރީގެ ބަންޑާރަ ނައިބު ޑރ. މުނައްވަރުވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ވަނީ އިޢުލާންކުރައްވާފައެވެ. ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޕީ.ޕީ.އެމްގެ ރިޔާސީ ޓިކެޓްވެސް ވަނީ ރައީސް ޔާމީނަށް ޙަވާލުކޮށްފައެވެ. ޖަލުގައި އޮންނަވަން ޖެހިވަޑައިގެން، އަދި ޝަރީޢަތްތައްވެސް ކުރިއަށްދާތީއާއެކު، ރައީސް ޔާމީނަށް ކުރިމަތިލެއްވޭނެތޯ ނޫންތޯ؟، މި ސުވާލުގައި ދިވެހިރައްޔިތުންގެ ޚިޔާލުވަނީ ދެކަފިވެފައެވެ. މިފަހަކުން  އަޑުތައް ފެތުރިފައިވާ ގޮތުގައި ރައީސް ޔާމީނަށް ވާދަކުރެވެން ނެތް ޙާލަތެއްގައި ޕީ.ޕީ.އެމްއިން އެހެން ކެންޑިޑޭޓަކު ނެރޭނެއެވެ.

އެހެންކަމުން، ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތައްވެގެން އަންނަ އިރު، ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވެފައިވާ ފަދައިން ޖޫންޖުލައި ގަދަ ކޮޅިގަނޑުގެ އަސަރު މިވަނީ ލައިގަންނަން ފަށާފައެވެ. ކެމްޕެއިންތައް ވަރުގަދަވާން ފަށާފައެވެ. ޔަޤީންވާ ކަމަކީ، ކެމްޕެއިންކުރުމުގައި އެކިފަރާތްތަކުން ސްޓްރެޓެޖީތަކާއި އެކި އުކުޅުތައް ބޭނުންކޮށް، ރައްޔިތުންގެ ފިކުރާއި ވިސްނުމާ ކުޅެލުމަށް މަސައްކަތްކުރާނެކަމެވެ.

އޭގެ ތެރެއިން އެއް ބަޔަކު ކުރާނެކަމަކީ، ދީނާއި ޤައުމުގެ ނަން ބޭނުން ކޮށްގެން ކެމްޕޭންގެ އަޑުގަދަކުރުމެވެ. އަނެއްބަޔަކު ކުރާނެ ކަމަކީ "ޓްރެކް ރިކޯޑް" ދައްކައިގެން އެކަން ސާބިތުކޮށްދިނުމަށް މަސައްކަތްކުރުމެވެ. އަނެއް ބަޔަކު، ތިޔަ ޒުވާނުންނޭ، ތިޔައޭ މުސްތަޤްބަލުގެ އުއްމީދަކީ، ޤައުމުގެ އަރުކާޓީންނޭ، ކިޔައިގެން ޒުވާނުންގެ ހިތްތަކާ ކުޅެލުމެވެ.

އެންމެންވެސް މެނިފެސްޓޯއެއް ހަދާނެއެވެ. އެކަމަކު އެއީ ބަޔަކަށް ފަހުމުވާ އެއްޗަކަށްވެސް ނުވެދާނެއެވެ. ނުވަތަ ރާއްޖެއާ އެންމެ އެކަށީގެންވާ އެއްޗަކަށްވެސް ނުވެދާނެއެވެ. ބޭރު ޤައުމެއްގެ ކެންޑިޑޭޓަކު ދެއްކި މޮޅު ވާހަކައެއް އެއަށް ލާފާނެއެވެ.  އެއްބަޔަކު ކުރާނެ ކަމަކީ އަނެކުންގެ ނާޤާބިލްކަމުގެ ވާހަކަ ވާހަކަފެތުރުމެވެ. ދޮގު ވާހަކަތައް ދައްކާ އަބުރުކަތިލުމެވެ. ނޫންނަމަ ކަމެއް ނުކޮށްތިބެ، އެކަމަކީ ކުރިކަމެކޭ ކިޔައިގެން މޮޅެތި ވާހަކަތައް ދައްކާ އަޑުތައް ފެތުރުމެވެ. އަދި މިނޫންވެސް އެތައް ކަމެއް ސިޔާސީ ކޮޅިގަނޑުގައި ފެނިގެންދާނެއެވެ.

 

މާޒީއަށްބަލާއިރު، ކެމްޕެއިން ކުރުމުގައި މައިގަނޑުގޮތެއްގައި ދެ ވައްޓަފާޅިއަކަށް ބޭނުންކުރެއެވެ. ފުރަތަމަ ވައްޓަފާޅިއަކީ، ކެންޑިޑޭޓެއްގެ ކުޅަދާނަކަމާއި ހުށިޔާރުކަމާއި ޤާބިލުކަމުގެ ވާހަކަ ދެއްކުމެވެ. އަނެއް ވައްޓަފާޅިއަކީ އިދިކޮޅު ކެނޑިޑޭޓުގެ ދެއުޅިއެއް ނުވާކަމާއި، ނާޤާބިލްކަމުގެ ވާހަކަ ދައްކާ އެއީ "ގަމާރެއް" ކަމުގައި ހަދައި، އަޑުތައް ފެތުރުމެވެ. މި ދެގޮތުން ކުރެ ކޮންމެ ކޮންމެ ވައްޓަފާޅިއަކަށް ކެމްޕޭންގެ ސްޓްރެޓެޖީ ބައްޓަންކުރިއަސް، އެކަމަށް އެހީތެރިވާނެ ފަރާތްތަކެއް ބޭނުންވާނެއެވެ. ސަޕޯޓަރުންނާއި ކެމްޕެއިންގެ އެޖެންޓުން ބޭނުންވާނެއެވެ. އެ ފަރާތަތައް ވެގެންދާނީ ކެންޑިޑޭޓަށް އެންމެ މުހިއްމު ރައުސުލްމާލު ކަމުގައެވެ. ކެންޑިޑޭޓް ދެކެ އެންމެ ލޯބިވާ މީހުން ކަމުގައެވެ. ރިޔާސީ ރޭހުގައި ވާދަކުރާ ފަރާތްތަކުގެ އެޖެންޓުން ގޮތުގައި ބޭނުންކުރެވެނީ، އެރަށެއްގައި އެންމެ ނަން ހިނގާ ޝަޚްޞިއްޔަތުތަކެވެ. ނުވަތަ އެ ރަށެއް އެންމެ ބޮޑަށް ކޮންޓްރޯލްކުރާނެ ކަމަށް ފާހަގަވާ ފަހުލަވާނުންނެވެ. އޭގެ ތެރޭގައި އާއިލާ ބޮޑުކަމަށް ފާހަގަ ކުރެވޭ މީހުންނާއި، "އަޑުގަދަމީހާ ރުއްގިނަވާނެ" ކަމަށް ޤަބޫލުކުރާ މީހުންނާއި  ވިޔަފާރިވެރިންނާއި، ކަމުވޮށިގެވެގެންވާ މީހުން ހިމެނޭނެއެވެ.  ހަމައެހެންމެ، ވޯޓްފޮށި ދަށުގައި ބައިތިއްބަން އެރަށެއްގައި އުޅޭ އެންމެ ބަސްވަރުގަދަ މީހުންނާއި ނުފޫޒުގަދަ މީހުން ހޮވާނެއެވެ. އެކި ޕާޓީން ހޮވާނީ އެބަޔަކަށް ވާ ބައެކެވެ.

 

ކަން މިހެން އޮތްކަމުގައި ވިޔަސް، ސިޔާސީ ޕާޓީތަކުގެ ނިޒާމް ހަމަޖެހިފައިވާ ގޮތުން ކެމްޕޭންގައި ޙަރަކާތްތެރިވާނެ އެޖެންޓަކީ އެ ދާއިރާއެއްގައި ނުވަތަ އެރަށެއްގައި އެ ޕާރޓީއެއް ތަމްސީލުކުރާ ގޮފިތަކުގެ މަންދޫބެވެ. ނުވަތަ މަންދޫބުންނެވެ. ނުވަތަ އެރަށެއްގައި ހުންނަ ޕާޓީ ގޮފީގެ އޮފީހެވެ. އެމީހުންވެސް އެންމެ ވަރުގަދަ އުކުޅެއްގެ  ގޮތުގައި ބޭނުންކުރާނީ، ސޯޝަލް މީޑިއާގެ އެކި މަންސަތަކާއި، އަޑުގަދަކުރުމާއި ވާހަކަ ކިޔައި ދިނުމުގެ އުކުޅުތަކެވެ. އެމީހުން މަސައްކަތްކުރާނީ، ރަށުގެ ޒުވާން ގްރޫޕުތަކުގެ ރުހުން ހޯދާށެވެ. ބޮޑެތި އާއިލާތަކާއި ރަށުގައި ބަސްކިޔާ މީހުންގެ ތާޢީދު ހޯދާށެވެ.

 

މިއިން ކޮންމެ އުކުޅެއް ބޭނުންކުރިކަމުގައި ވިޔަސް، އެ އެޖެންޓުންގެ މައިގަނޑު ޒިންމާ އަދާކުރަމުންދާނީ ހަމަ އެ ބަޔަކު ސަޕޯޓްކުރާ ކެންޑިޑޭޓްގެ އޮފު އަރުވައި މަންޒަރު ރީތިކުރާށެވެ. އިންސާނީ ޠަބީޢަތް ހުންނަ ގޮތުން އެކި މީހުންގެ އިޚްލާޞްތެރިކަން ހުންނާނީ އެކި ދަރަޖައިގައި އެކި ވަރެވެ. ޤަބޫލުކުރާނީ އެކި ހަމައެވެ. އެކި އުސޫލެވެ. އިޚްލާޞްތެރި ހިތަކުން ކެމްޕެއިން ކޮށްދޭ މީހުންނާއި އެނޫން މީހުން އުޅޭނެއެވެ.  ނަމަކަށް ނަމެއްގައި ކެމްޕެއިން ކުރާ މީހުން އުޅޭނެއެވެ. ބިރެއްނެތި ޖީބު ބޮޑުކުރާން މަސައްކަތް ކުރާ މީހުން އުޅޭނެއެވެ.

ކޮންމެގޮތެއްވިޔަސް، ކެމްޕެއިން ކުރެވޭނީ ޚަރަދުތަކެއް ކޮށްގެންނެވެ. ކެމްޕެއިނަށް ބޮޑު ބަޖެޓެއް ކަނޑައަޅަނީވެސް އެހެންވެތާއެވެ. ކެމްޕައިންގައި އިސްކޮށް ޙަރަކާތްތެރިވާ ފަރާތްތަކަށް ޚަރަދު ކުރާނެ ފައިސާ އެ ޕާޓީއަކުން ދޭނެއެވެ. ކޮފީ ބަޖެޓްވިޔަސް، މާލީ މަންފާއެއް ހޯދައިދޭން ކަމުގައި ވިޔަސް، ވިޔަފާރިއެއް ފަށަން ކަމުގައި ވިޔަސް ކުޅިވަރު މުބާރާތެއް ބާއްވަން ކަމުގައި ވިޔަސް، ރަށު ޖަމްޢިއްޔާއަށް ޓީވީއާއި ޕްރޮޖެކްޓަރ ހޯދަން ކަމުގައި ވިޔަސް، ޒުވާން ގުރޫޕްތަކަށް މިޔުޒިކް ކުޅޭ ސާމާނާއި ޖާރޒީ ބައި ދިނުން ކަމުގައިވިޔަސް، ރަށު ސްކޫލުގައި އޭ.ސީ ހަރުކުރަން ކަމުގައި ވިޔަސްވެސްމެއެވެ. ވޯޓުލާން ތިބީ ރައްޔިތުންތާއެވެ. އެމީހުން ހެއްލޭނީވެސް އެގޮތުން ކަމަށް އެފަރާތްތަކުން ޤަބޫލުކުރެއެވެ.

އެއްބަޔަކު މަސައްކަތްކުރާނީ މީހެއްގެ ދަރަނި ޚަލާސް ކޮށްދީ، ނުވަތަ ފެންބިލެއް ކަރަންޓް ބިލެއް ދައްކައިދީ، އަދި އެ އެދޭ ކަމެއްގެ މުހްތާދު ފުއްދައިދީގެންނެވެ. ތަންކޮޅެއް ފުޅާކޮށް ބަލާއިރު، އަމިއްލަ މަސްދޯނީގައި އިންޖީނުއެޅުމާއި، އަމިއްލަ ވިޔަފާރިއަށް މުދާލުމާއި މިނޫންވެސް ބޮޑެތި އެތަކެއް ފައިދާއެއް ހޯދުމަކީވެސް ބައެއްމީހުން ކޮށްއުޅޭ ކަންކަން ކަމުގައި ޤަބޫލުކުރާންޖެހެއެވެ. މާޒީންވެސް ފެނިފައިވަނީ މި މަންޒަރެވެ. މިފަހަރުވެސް މިކަންކަން ހިނގާނެ ކަމަށްބެލެވެއެވެ. އެހެނީ، ނުފޫޒު ފޯރުވުމާއި، ރިޝްވަތު ދިނުމާއި، ސަރުކާރުގެ ވަސީލަތް ކެމްޕޭނަށް ބޭނުންކުރުމަށް ޤާނޫނުތަކުން ހުއްދަ ނުދިނަސް، އެކަން ކަން ހުއްޓުވިފައިވާތަން މާޒީގައި ފެނިއެއް ނުވެއެވެ. އަދި މިހާރުގެ ޙާލަތަށް ބަލާއިރުވެސް ތަންފީޒީ އިދާރާތަކުން އެކަން ކަމަށް ހޭލާނެ ކަމަކަށް ގިނަ ރައްޔިތުން ޤަބޫލެއް ނުކުރެއެވެ.

"ޖޫންޖުލައި ކޮޅިގަނޑު" ގަދަވެ، ކެމްޕެއިން ފޯވަހި ލައިގެންފިއެވެ. ކެމްޕެއިންގެ ބަޖެޓްތައް ކަނޑައަޅައި، މީހުންގެ މުހުތާދުތައް ފުއްދައިދީ، އެމީހާ ތާއީދުކުރާ ކެންޑިޑޭޓަށް އަނބުރާލުމަށްޓަކައި ޚަރަދުކުރާނެއެވެ. މިކަންކަމުގެ ތެރޭގައި ބައެއް ފަރާތްތަކުގެ ޖީބު ބޮޑުވާނެއެވެ. ނާޖާއިޒު ފައިދާ ނަގާނެއެވެ. މިއީ ދެރަ ކަންކަމެވެ.

ކަން މިހެން އޮތްއިރު، ސިޔާސީ ޕާޓީތަކުންވެސް، އަދި ވާދަކުރާ ކެންޑިޓޭޓުންވެސް ބޭނުންވާނީ ކެމްޕެއިންކޮށް މޮޅުވާށެވެ. ވަކި ފަރުދެއްގެ ނުވަތަ ބަޔެއްގެ ޖީބު ބޮޑުކޮށްދޭކަށް ނޫނެވެ. އެހެންކަމަށްވާނަމަ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ބަޖެޓްތައް ކަނޑައެޅުމާއި ޚަރަދުތައް ކުރުމުގައި، ކެމްޕެއިންގެ "އަނދިރި ފަރާތާ"މެދު ސަމާލުވެ، ދެފުށްފެންނަ ނިޒާމަކުން، ފައިސާގެ ކަންކަން ބެލެހެއްޓޭނެ ގޮތްތަކެއް ކަނޑައެޅުން މުހިއްމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު