15 ޖަނަވަރީ 2025

ޤުރުއާން އުނގަންނައި ދިނުމުގައި މިހާރު ބޭނުންކުރާ އުކުޅުތައް ރަނގަޅުތަ؟

ކީރިތި ޤުރުއާނަކީ މާތް ﷲ ގެ ކަލާމްފުޅެވެ. ކީރިތި ޤުރުއާން ކިޔަވައި ޤުރުއާނުގައި އަންގަވާފައިވާ ގޮތަށް އަމަލުކުރުމަކީ މުސްލިމުންގެ މައްޗަށް އޮތް ވާޖިބެކެވެ. ޙަޤީޤީ މުސްލިމުންގެ ގޮތުގައި ދަރިން ތަރުބިއްޔަތުކުރުމަށްޓަކައި ތަޖްވީދުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ކީރިތި ޤުރުއާން އުނގަންނައިދިނުމަކީ ސްކޫލް މަދަރުސާތަކާއި، މުދައްރިސުންނާއި ބެލެނިވެރިންގެ ކޮނޑުގައި އެޅިފައިވާ މަސްޢޫލިއްޔަކެވެ. ކުރިއާ އަޅާބަލާއިރު، ކީރިތި ޤުރުއާން އުނގެނުމާއި އުގަންނައި ދިނުމަށް ފަހި ފުރުސަތުތަކެއް، ދިވެހިރާއްޖޭގެ ކިޔަވާކުދިންނަށް ލިބިފައިވެއެވެ. ކުރީގެ ޖީލުތަކަށް ލިބިފައި ނުވާ ފަދަ ގިނަ ފުރުސަތުތައް ތަނަވަސްވެފައިވީ ނަމަވެސް ކީރިތި ޤުރުއާން އުނގެނުމާއި އުނގަންނައި ދިނުމަށް ގޮންޖެހުންތަކެއް ހުރިކަން ފާހަގަ ކުރެވެއެވެ.

ދިވެހިރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ޤައުމެކެވެ. އިސްލާމީ ވަޙްދަތު ވަރުގަދަކޮށް އަންނާން އޮތް ޖީލްތަކަށް އިސްލާމްދީނުގެ ދަންމަރު ވާސިލުކޮށްދިނުމަކީ އަދުގެ ޖީލުގެ މަސްޢޫލިއްޔަތެކެވެ. ތަޢުލީމީ މަންހަޖުގައި ޤުރުއާނަށް އިސްކަންދެވޭނެ ގޮތްތައް ފާހަގަ ކުރެވިފައިވެއެވެ. ކުރިއާ އަޅާބަލާއިރު، ކީރިތި ޤުރުއާން އުނގަންނައިދިނުމަށް ތަޢުލީމީ މަންހަޖްގައި ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީފައިވެއެވެ. ކޮންމެ ކީ ސްޓޭޖެއްގައި ޙާސިލުކުރަންޖެހޭނެ މިންވަރު ކަނޑައެޅިފައިވެއެވެ. ކީ-ސްޓޭޖް 1 އިން 4 އަށް ކީރިތި ޤުރުއާން މާއްދާއެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، ކީ-ސްޓޭޖް 5 ގައި ކީރިތި ޤުރުއާނާއި ސުންނަތް ( ޤުރުއާން އެންޑް ސުންނާ ސްޓަޑީޒް) މާއްދާއެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ.

އެހެންނަމަވެސް، މަންހަޖްގައި ކަނޑައެޅިފައިވާ މިންވަރަށް ޤުރުއާން މާއްދާއިން ދަރިވަރުންނަށް ޙާސިލުވުމުގައި ދަތިތަކެއް ހުންނަކަން ފާހަގަކުރެއެވެ. އަދި ކީރިތި ޤުރުއާން ކިޔެވުމަށް ދެވޭ ސަމާލުކަން ކުޑަކަންވެސް ފާހަގަކުރެއެވެ. ކީރިތި ޤުރުއާން އުނގެނުމަށް ބޭނުންވާ އެންމެހައި ކަންކަން ފަހިކޮށް ދިނުމުގައި ސްކޫލް މަދަރުސާތަކުގެ ދައުރު ވަރަށް ވެސް ބޮޑެވެ. ކީރިތި ޤުރުއާން އުނގެނުމަށް ޝައުޤުވެރިކުރުވުމުގައި އައު ވިސްނުންތަކާއެކު ޝައުޤުވެރިވާނެފަދަ އުކުޅުތަކެއް ބޭނުންކުރުމުގެ މުހިއްމުކަންވެސް އެހާމެ ބޮޑެވެ. ސުވާލަކީ ޚާއްސަ ގޮތެއްގައި ޤުރުއާން މުދައްރިސުންގެ އުނގަންނައިދިނުމުގައި ޤުރުއާނަށް ދަރިވަރުން ޝަޢުޤުވެރިވާފަދަ ގޮތަކަށް ކިޔަވައިދެނީ ކިހާވަރަކަށް ބާވައެވެ.

ދިވެހީންނަކީ މުސްލިމުން ކަމުގައި ވީހިނދު، ކީރިތި ޤުރުއާނަށް ދޭންޖެހޭ އަހައްމިއްޔަތުކަން ބޮޑުވެފައިވާ މިޒަމާނުގައި، ދަރިވަރުން ޤުރުއާން އުނގެނުމަށް ޝަޢުޤުވެރިވޭތޯ ބެލުމަކީ މުހިއްމުކަމެކެވެ. ޝަޢުޤުވެރި ނުވާނަމަ ޝައުޤުވެރި ނުވާ ސަބަބުތައް ދެނެގަނެ، އަޅަންޖެހޭ މުހިއްމު ފިޔަވަޅުތައް އެޅުމަށް ސްކޫލްގެ އިސްވެރިންނާއި މުދައްރިސުން ގުޅިގެން މަސައްކަތް ކުރަންޖެހެއެވެ. މިކަމުގައި މުޖްތަމަޢުއާއި ބެލެނިވެރިންގެ އެހީތެރިކަމާއި އެއްބާރުލުން މުދައްރިސުންނަށް ލިބުމަކީ ބޭނުންތެރިކަމެވެ. މިކަމުގެ މައްޗަށް ނަޒަރު ހިންގައި ޤުރުއާނުގެ މައްޗަށް ދޭންޖެހޭ ސަމާލުކަން އިތުރުކުރަންޖެހިފައިވެއެވެ.

ތެދެކެވެ. ކީރިތި ޤުރުއާނަކީ އިސްލާމްދީނުގެ ދުސްތޫރުކަމުގައި ވީހިނދުވެސް، އަޅުގަނޑުމެންނަކީ ސައްތައިންސައްތަ އިސްލާމީ ޤައުމެއްކަމުގައި ވީހިނދުވެސް، ޤުރުއާން އުނގެނުމާއި އުނގަންނައި ދިނުމަށް ދޭންޖެހޭ އަހައްމިއްޔަތުކަން ކުޑަކަމެވެ. ކީރިތި ޤުރުއާން އުނގެނުމާއި އުނގަންނައިދިނުމުގެ ވައްޓަފާޅިއަށް މުހިއްމު ބަދަލުތަކެއް ގެންނަންޖެހިފައިވާކަން އަދުގެ މުޖްތަމަޢު ޤަބޫލުކުރެއެވެ. ކީރިތި ޤުރުއާން އުނގެނުމަށް ދަރިވަރުން ޝައުޤުވެރިކުރުމަށް ޓަކައި ޒަމާނާ އެކަށޭނަ އައު ގޮތްތަކާއި އުކުޅުތައް ތަޢާރަފްކޮށް މުދައްރިސުން އަހުލުވެރިވާން ޖެހެއެވެ.

ދުނިޔޭގެ ކަންކަމަށް އައިސްފައިވާ ކުރިއެރުންތަކާއި، އައު އިޖާދުތަކާއި ޓެކްނޮލޮޖީގެ ސަބަބުން، އިންގިލާބީ ބަދަލުތަކެއް ކިޔަވައިދިނުމުގެ ވައްޓަފާޅިއަށްވެސް އައިސްފައިވާ ކަމީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. ދިވެހީންގެ ދިރިއުޅުމާއި، ވިސްނުމާއި، އާދަކާދައާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލާއެކު، ބައެއް ދަރިވަރުން ކީރިތި ޤުރުއާން ކިޔެވުމަށް ޝައުޤުވެރިވި ކަމުގައިވިޔަސް އަނެއް ބައި ދަރިވަރުންނަކީ ކިރިތި ޤުރުއާން އުނގުނުމަށް ޝައުޤުވެރިވާ ކުދިން ކަމުގައި ބެލެވޭނެ ޖާގައެއް ނެތެވެ. އިނގިރޭސި ބަހަށާއި، އިނގިރޭސި ބަހުން ކިޔަވައިދޭ މާއްދާތަކަށް އިސްކަންދޭ ދަރިވަރުން ޖުމްލަ ގޮތެއްގައި ގިނަކަން ފާހަގަކުރެވެއެވެ. ނަމަވެސް، ނިސްބަތުން ބަލާއިރު ޤުރުއާން މާއްދާއަށް އޮންނަ ޝައުޤުވެރިކަން ކުޑަކަން މުޖްތަމަޢުގެ ފަރުދުންގެ ފަރާތުން ދެކެވޭ ވާހަކަތަކަށް ބަލާއިރު ފާހަގަކުރެވެއެވެ.

1982 ވަނަ އަހަރު ރާއްޖޭގައި އަމަލުކުރަންފެށި ޤައުމީ މަންހަޖް، ޒަމާނާ އެކަށޭނެ ގޮތަށް މުރާޖަޢާކޮށް، 2015 ވަނަ އަހަރުގައި ވަނީ އަމަލުކުރަން ފެށިފައިވެއެވެ. އެހެންނަމަވެސް މުދައްރިސުންނާއި ބެލެނިވެރިން، އެކަށޭނަ މިންވަރަށް އައު މަންހަޖަށް އަހުލުވެރިވެފައި ނުވާކަމަށް ފާހަގަކުރެވެއެވެ. އައު މަންހަޖުގައި، ކުރިއަށްވުރެ ބޮޑަށް ކީރިތި ޤުރުއާނަށް އަހައްމިއްޔަތުކަން ދެވިފައިވެއެވެ. ރާއްޖޭގައި ތައުލީމު ދިނުމުގައި އެންމެ ބޮޑު މައްސަލައެއް ކުރިމަތިވަނީ ކިޔަވައިދެމުން އަންނަ ވައްޓަފާޅިއާއި، އިހުގެ ޘަޤާފަތުގެ ސަބަބުންކަމަށް ފަހުގެ ތައުލީމު ހޯއްދަވާފައިވާ ބައެއް ތަޖުރިބާކާރުން ވިދާޅުވެއެވެ. އައު މަންހަޖް ތަޢާރަފްކުރެވުނު ކަމުގައިވިޔަސް މި ސަޤާފަތަށް އަންނަންވާ ވަރަށް ބަދަލު އައިސްފައެއް ނުވެއެވެ.

1993 ވަނަ އަހަރު އަލް ޣަސަލީ ދިރާސާކުރައްވައި އެކުލަވާލެއްވި ދިރާސާ ރިޕޯޓްގައި ބަޔާންކުރައްވާފައިވަނީ، ހަޤީޤީ މާނައިގައި ދަރިވަރުންނަށް އެންމެ ފައިދާ ހުރި ގޮތެއްގައި ޤުރުއާން އުނގަންނައިދިނުމަށް ޓަކައި ފަންނުވެރި ޤާބިލު މުދައްރިސުން ކިޔަވައިދިނުމުގައި ޙަރަކާތްތެރިވުމަކީ މުހިއްމުކަމެކެވެ. ފަންނުވެރި ޤާބިލު މުދައްރިސުންގެ އެހީތެރިކަމާ ނުލައި އެދެވޭ ގޮތެއްގައި ޤުރުއާން އުނގަންނައިދިނުމަކީ ނާދިރު ކަމެކެވެ. ފަރިތަކަމާއެކު، މަޚްރަޖާ އެއްގޮތަށް، ރީއްޗަށް ޤުރުއާން ކިޔަވަން އެނގޭ މުދައްރިސުން ކިޔަވައިދޭނަމަ ދަރިވަރުންނަށް ފަސޭހަ ކަމާއެކު ޤުރުއާން ދަސްވާނެއެވެ. ރަނަގަޅަށް ކިޔަވައިދިނުމަކީ ދަރިވަރުނަށްޓަކައި ވަރަށްވެސް ބޭނުންތެރިކަމެކެވެ.

1967 ވަނަ އަހަރު އަލް-އަބްރަސްޔި ލިޔުއްވި ދިރާސާގައި ހާމަކުރައްވާފައިވާ ގޮތުގައި ހާމަކުރާގޮތުގައި، ޤުރުއާން މުދައްރިސަކަށް ވާން ބޭނުންވާ ކޮންމެ މީހަކުވެސް ޤުރުއާން ކިޔެވުމުގެ ހަމަތައް ރަނގަޅަށް އެނގެންޖެހެއެވެ. ފަސޭހަކަމާއެކު ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުއާން އެނގެންޖެހެއެވެ. އަދި ކުދިންނަށް ފަސޭހަކަމާއެކު ޤުރުއާން އުނގަންނައިދެވޭ ފެންވަރަށް ޤުރުއާނާ ގުޅުންހުރި މަޢުލޫމާތު އެނގިފައި ހުންނަންޖެހެއެވެ.

ދުނިޔެ ބަވަނަވެފައިވާ މި ޒަމާނުގައި ދަރިވަރުން ދިރިއުޅެމުންދަނީ ޓެކްނޮލޮޖީގެ ދުނިޔެއެއްގައެވެ. ދަރިވަރުންގެ މާހައުލުގައި ޓެކްނޮލޮޖީ ބޭނުންކުރެވޭ މިންވަރު އިތުރުވުމާއެކު، ދަރިވަރުންވެސް ޓެކްނޮލޮޖީގެ ބޭނުން ހިފަމުންދަނީ ވަރަށްވެސް ފުޅާ ދާއިރާއެއްގައެވެ. އަދި ޓެކްނޮލޮޖީގެ ސަބަބުން ދަރިވަރުންނަށް ހިތްހަމަޖެހުން ލިއްބައިދެއެވެ. އެހެންކަމުން، މަދަރުސާތަކުގައިވެސް ޓެކްނޮލޮޖީގެ ބޭނުން އެންމެ ފުޅާދާއިރާއެއްގައި ކުރުމުން، ދަރިވަރުން އުނގެނުމަށް ޝައުޤުވެރިވެއެވެ. ނަތީޖާއަކަށްވާނީ ޓެކޮނޮލޮޖީގެ އެހީގައި ދަރިވަރުންގެ އުނގެނުމަށް ފަހި މާހައުލެއް ބިނާވެގެން ދިއުމެވެ.

ހަމައެހެންމެ، ޓެކްނޮލޮޖީގެ މުހިއްމު ބައެއްކަމުގައިވާ އިންޓަރނެޓަކީ މުދައްރިސުންގެ ޓީޗިންގް މެޓީރިއަލް ހޯދޭނެ އެންމެ މުހިއްމު ވަސީލަތެވެ. މިއީ މުދައްރިސުންނަށް ލިބިފައިވާ ފަހި ފުރުސަތެކެވެ. ޓެކްނޮލޮޖީގެ ތަފާތު ޒަރީޢާއިން ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ގިނަ ދޮރުތަކެއް ހުޅުވިގެންދެއެވެ. ސަބަބަކީ މިނިވަންކަމާއެކު ދަރިވަރުންގެ ހަރަކާތްތައް ގެންދިއުމުގެ ފުރުސަތު ތަނަވަސްވުމާއި، ދަރިވަރުންގެ ކުރިއެރުމާއި ތަރައްޤީއަށް ޓެކްނޮލިޖީން މުހިއްމު ދައުރެއް އަދާކުރެއެވެ.

ބަވަނަވެފައިވާ ދުނިޔޭގެ ނުރަގަޅު އަސަރުތައް އަޅުގަނޑުމެންގެ ދަރިންނަށް ފޯރަމުންދާއިރު، ބެލެނިވެރިން ދަރިވަރުންގެ ކަންކަމަށް ދޭންޖެހޭ ސަމާލުކަން އިތުރުކުރަންޖެހެއެވެ. ހުޅަނގުގެ އޮއިވަރުގެ ސަބަބުން އިސްލާމްދީނާ އިދިކޮޅު އެތައްކަމެއް ދިވެހި މުޖްތަމަޢުންވެސް ފެންނަމުން އެބަދެއެވެ. ކީރިތި ޤުރުއާނަކީ އިސްލާމްދީނުގެ ފުރަތަމަ މަސްދަރުކަމުގައި ވީހިނދު، ނުރަނގަޅު އޮއިވަރުގައި ޖެހި، ޤުރުއާނަށް އޮންނަ ޝައުޤުވެރިކަން ކުޑަވުމަކީ ވެދާނެ ކަމެކެވެ. އެހެންކަމުން، މުދައްރިސުންނާ ގުޅިގެން ބެލެނިވެރިންގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާ އަދާކުރުމުގެ ފަސްޖެހިގެންނުވާނެއެވެ.

ބެލެނިވެރިންނަކީ ދަރިންގެ ފުރަތަމަ އެދުރުންނެވެ. ދަރިންނާ އެންމެ ބޮޑު ގުޅުމެއް ބޭއްވޭނީވެސް ބެލެނިވެރިންނަށެވެ. ކުދިންނަށް ހިތްވަރުދީ، އަޅާލުމުގައި ލާމަސީލު ނަމޫނާ ދެއްކޭނީވެސް ހަމަ ބެލެނިވެރިންނަށެވެ. ދަރިވަރުންގެ އުޅުމާއި ގުޅުން އިސްލާޙުކޮށް، ހަމަ މަގަށް އެޅުވުމުގައި އެންމެ އިސް ދައުރެއް އަދާކުރަންޖެހެނީ ގޭތެރޭގެ މާހައުލުން ކަމުގައި ވީހިނދު، ކުދިންގެ ޤާބިލިއްޔަތުކަން އިތުރުކުރުމަށް ދަރިން ޝައުޤުވެރިވާނެ ކަންކަމަށާއި، ދަރިންގެ ކަންކަން ބަލައި އަޅާލުންދިނުމަކީ ކޮންމެހެންވެސް ބެލެނިވެރިން ކުރާންޖެހޭނެ ކަމެކެވެ.

ބަވަނަވެފައިވާ މި ދުނިޔެއަށް އަންނަ ބަދަލުތަކާއެކު ކީރިތި ޤުރުއާން އުނގަންނައިދިނުމުގައި ހަރުދަނާ އުސޫލުތަކެއް ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. މުޖްތަމަޢުގައި ހިނގާ ނޭދެވޭ ކަންކަމުގެ އަސަރު ފޯރުމަކީ ވަރަށް ފަސޭހަކަމެއް ކަމުން އިސްލާމްދީނުގެ މި މުހިއްމު ދުސްތޫރު އުނގެނި ދަސްކުރުމަށް އަޅާ މުހިއްމު ފިޔަވަޅުތަކަކީ، އަންނަން އޮތް ޖީލުތަކަށް އިސްލާމީ ވަޙްދަތުގެ ނޫރު ވާސިލުކުރުމަށްޓަކައި އަޅާ ފިޔަވަޅުތަކެއް ކަމުގައި ވާންޖެހެއެވެ.

މުޖްތަމަޢުގައި ދިރިއުޅޭ އިރު، ގޭތެރޭގެ މާހައުލުގައި ޤުރުއާން ކިޔެވުމަށް ބާރުއެޅުމާއެކު، ބެލެނިވެރިން ޤުރުއާނަށް އަހްލުވެރިވެ، ބެލެނިވެރިން ދަރިވަރުންނަށް ނަމޫނާ ދެއްކުމަކީ، ކީރިތި ޤުރުއާން އުނގެނުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. ގޭތެރޭގެ މާހައުލުގައި ކީރިތި ޤުރުއާނަށްދެވޭ އަހައްމިއްޔަތުކަން ގިނަ ފަހަރަށް ކުޑައެވެ. ހަމައެހެންމެ، މައިންބަފައިންނަށް ކީރިތި ޤުރުއާނުގެ ޢިލްމް ލިބިފައި ނުވުމަކީ ޤުރުއާން އުނގެނުމަށް ދިމާވެފައިވާ ގޮންޖެހުމެކެވެ.

ދިވެހިރާއްޖޭގެ އާ މަންހަޖުގައި ކިޔަވައިދިނުމުގެ ޒަމާނީ ވައްޓަފާޅިއަށް ޚާއްސަ އިސްކަމެއް ދީފައިވެއެވެ. ކޮންމެ މުދައްރިސަކުވެސް ކުދިން ބައިވެރިކޮށްގެން، އަދި ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދިނުމަށް ސަމާލުކަން ދޭންޖެހެއެވެ. ހަމައެހެންމެ،  ދަރިވަރުން ޝައުޤުވެރިވާނެ ފަދަ ހުނަރުތައް ދެނެގަނެ، ހުށިޔާރުކަމާއެކު މަސައްކަތް ކުރާ ބަޔަކަށް މުދައްރިސުން ވާންޖެހެއެވެ.

 

ކީރިތި ޤުރުއާން ކިޔެވުމަށް ހުންނަ ޝައުޤުވެރިކަން ކުޑަވަނީ، ދިމާވަނީ މުދައްރިސުންގެ ކިޔަވައިދިނުމުގައި ދަރިވަރުން ޝައުޤުވެރިކުރުމަށް ބޭނުން ކުރަންޖެހޭ ޒަމާނީ އުކުޅުތައް ބޭނުންކުރުމަށް މުދައްރިސުން އިސްކަން ނުދިނުމުން ކަމުގައި ބެލެވެއެވެ. އަދި ކިޔަވައިދިނުން ބައްޓަންވެފައިވާ ގޮތުން، ޤުރުއާނަށް ދޭންޖެހޭ ސަމާލުކަން ނުދެވޭ ކަން ފާހަގަކުރެވެއެވެ.

ޖުމްލަކޮށް ވިސްނާލާއިރު، ދަރިވަރުން ކީރިތި ޤުރުއާނަށް ޝައުޤުވެރި ނުވަނީ މައިގަނޑު ދެ ސަބަބަކާ ހެދިއެވެ. އެއީ ކިޔަވައިދިނުން ބައްޓަންވެފައިވާ ގޮތުންނާއި ގޭތެރޭގެ މާހައުލުގައި ކީރިތި ޤުރުއާން ކިޔެވުމަށް ފަހި މާހައުލެއް ބިނާވެފައި ނުވުމުންނެވެ. އެހެންކަމުން، ކީރިތި ޤުރުއާނަށް ދަރިވަރުންގެ ހިތްތަކުގައި ޝައުޤުވެރިކަން އުފެއްދުމަށްޓަކައި އެންމެ މުހިއްމު ދައުރެއް އަދާކުރެވޭނީ މުދައްރިސުންނަށެވެ. މުދައްރިސުން ބޭނުން ކުރާ އުކުޅުތައް ޒަމާނާ އެއްގޮތަށް ބަދަލުކޮށް ދަރިވަރުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކޮށްގެން ކިޔަވައިދިނުމަށް ސަމާލުކަން ދޭންޖެހެއެވެ. އަދި، މަންހަޖްގައި ޤުރުއާނަށް ދެވިފައިވާ މުހިއްމުކަން މިހާރަށްވުރެ ފުޅާކުރަންޖެހެއެވެ. ބެލެނިވެރިންގެ ދައުރު އަދާކުރުމުގައި މިހާރަށްވުރެ ފަރުވާތެރިވެ ދަރިވަރުންނަށް ގޭތެރެއިން ލިބެންޖެހޭ އެހީތެރިކަން އިތުރުކޮށް އެންމެ އެދެވޭ ގޮތެއްގައި ދަރިވަރުންނާ ބައިވެރިވާންޖެހެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު