ކުރެވޭ ކުޑަކުޑަ ކަމަކުންވެސް މުޅި ޙާލަތު ބަދަލުވެދާނެއެވެ. އޯގާވެރިކަމުގެ ކުޑަކުޑަ މިސާލެއް އެ ނިޔަނެތި ކުޑަ ދަރިފުޅު ދެއްކީ ހައިރާންވާފަދަ ގޮތަކަށެވެ. އިނާންގެ ބައްޕަ އުފަލުން ފޮޅުނެވެ. އެ ދަރިފުޅާމެދު އެ ބައްޕަ ފަޚްރުވެރިވިއެވެ.
ރެސްޓޯރަންޓަށް ކާން ގޮސް، އިނާން ނެގީ ހަމަ އެންމެ ސޭންޑްވިޗެކެވެ. އިނާން އެންމެ ކާހިތުން ކަނީވެސް ސޭންޑްވިޗެވެ. އެދުވަހު ރެސްޓޯރެންޓަށް ދިޔައީ އިނާންގެ ބައްޕައާ އެކީގައެވެ. އިނާންގެ މަންމަ ވަނީ ސްކޫލު ދަތުރެއްގައި ރަށުން ބޭރަށް ގޮސްފައެވެ.
އެއް ސޭންޑްވިޗް ގެންނަ ތަނުން، އިނާން އަނެއްކާވެސް އެހެން ސޭންޑް ވިޗެއް ގެންނަން ބޭނުންވެއްޖެއެވެ. ބައްޕަ ބުނެލިއެވެ. "ދަރިފުޅު އެންމެ ކާ ހިތްވާ އެތި ވިއްޔާ ދޯ!" ދެވަނަ ފަހަރަށް ސޭންޑްވިޗް ގެނައުމާއެކު، އިނާން ދުވެފައި ނިކުތީ ރެސްޓޯރަންޓުން ބޭރަށެވެ. ބައްޕާ އެބަ އަންނަމޭ ކިޔާފައި އިނާން ބޭރަށް ނިކުތެވެ. އިނާން ދަނީ ކޮންތަނަކަށް ކަމެއް ބައްޕައަކަށް ނޭނގުނެވެ.
އިނާންގެ ބައްޕަ ކުޑަ ދޮރުން ބޭރަށް ބަލާލިއެވެ. ބިއްލޫރި ޖަހާފައި ހުރި ދޮރެއް ކަމުން ބޭރު ފެނެއެވެ. މަގުމަތީގައި މަޑުކޮށްލައިގެން އިން ދުވަސްވެފައިވާ މީހަކު ފެނެއެވެ. ގައިބާރު ދެރަވެފައިވާ މީހެކެވެ. ފެންނަ މަންޒަރަކީ، އިނާން އެ ނިކަމެތި މީހާގެ އަތަށް އެ ސޭންޑްވިޗް ދޭ މަންޒަރެވެ. ބައްޕަ އުފަލުން ފޮޅުނެވެ. ބައްޕައަށް އެމަންޒަރު ފެނުމާއެކު، އެ އޯގާތެރިކަމުގެ މަންޒަރުތައް ފޯނުން ވީޑިއޯ ކުރިއެވެ.
ޔަޤީނުންވެސް މިއީ އިންސާނިއްޔަތުކަމުގެ ފުރިހަމަ ނަމޫނާއެކެވެ. އިނާން އައުމާއެކު، އިނާންގެ ބައްޕަ އިނާނަށް ސެލިއުޓްކުރިއެވެ. މިހާތަނަށް ބައްޕައަށް ކުރެވުނު އެންމެ އުފާވެރިކަމުގެ އިޙްސާސްއަކީ އެއީއެވެ. ލޯތްބައި އޯގާތެރިކަމާއި އަޅާލުމުގެ މަތިވެރި ސިފަ އިނާންގެ ކިބައިން ފެނިގެން ދިޔައެވެ.
އިނާންގެ ޝުއޫރު ހާމަކުރިއެވެ. އެއީ ނިކަމެއްޗެކެވެ. ގައިބާރު ދެރަވެފައިވާ އުމުރުން ދުވަސްވީ މީހެކެވެ. އެ ބޭބެއަކީވެސް އިޙްސާސްތަކެއް ވާނެ މީހެކެވެ. އުމުރުން އެހާ ހިސާބަށް އައިސްފައި އެވަނީ ލައްކަ ގިނަ ޤުރުބާނީތަކެއް ވެގެންނެވެ. އެއީ މިއަދުގެ ޙާލަތެވެ. އެ ބޭބެގެ ގައިބާރު ދެރަވެ އަޅާލާނެ މީހަކު ނެތީއެވެ. ބަނޑުހައިވެގެން މަގުމަތީ އިށީނދެގެން އެ އިނީ އިންނަން ބޭނުންވެގެންނެތް ނޫނެވެ. އެއީ އެހެންމީހުންގެ އެހީތެރިކަމަށް ބޭނުންޖެހިފައިވާ މީހެކެވެ. ޙަޤީޤަތުގައިވެސް އަޅާލަން ޖެހިފައިވާ މީހެކެވެ.
ބައްޕަގެ ލޮލުން ހިތްހަމަޖެހުމުގެ ކަރުނަ ފާއްދާލިއެވެ. ތަލިން ކުޅު ހިކުނެވެ. ހާދަހާވާ އުފާވެރި އިޙްސާސެކެވެ.
އެހެނީ، ދަރިފުޅުގެ ޢުމުރުން ހަމަ އެންމެ 7 އަހަރެވެ. ބައްޕަ ދަރިފުޅާ ސުވާލުކުރިއެވެ. "ދަރިފުޅަށް އެބޭބެއަށް އެހީތެރިވާންޖެހިއްޖެ ކަން ވިސްނުނީ ކިހިނެތް ހެއްޔެވެ؟" ޖަވާބުގައި އިނާން ބުންޏެވެ. "އެއީ ބައްޕައާއި މަންމަ އަހަރެންނަށް ދަސްކޮށްދިން ކަމެއް". ޖަވާބު ވަރަށް ކުރެވެ. އެހެންނަމަވެސް، މިއީ އެންމެ ދުވަހެއްގެ ތަރުބިއްޔަތެއް ނޫނެވެ.
އިނާންގެ މަންމައާއި ބައްޕަ އިނާން ތަރުބިއްޔަތު ކުރުމުގައި ދައްކާފައިވާ ރީތި ގޮތްތަކުގެ ނަތީޖާއެވެ. މަންމައާއި ބައްޕަ ދައްކައިދީފައިވާ ފުރިހަމަ ނަމޫނާއެވެ. އަޅާލުމާއި އޯގާތެރިކަން ގޭތެރެއިންވެސް ފެންނަނީއެވެ. މަންމައާއި ބައްޕަގެ އުޅުމުންވެސް ފެންނަނީއެވެ. އެއީ ދަރިންނާ ދޭތެރޭ އޮންނަ ގުޅުމާއި ދޭ ލޯތްބައި ކުލުނުގެ ނަތީޖާއެވެ.
ލޯބިވާ ދަރިއަކު ރިވެތި ސިފަތަކުން ބޮޑުވަމުން އަންނަ މަންޒަރު ފެނުމަކީ ހަމަ ކޮންމެ މަންމައަކާއި ބައްޕައަކުވެސް އުފާކުރޭނެ ކަމެކެވެ. އިނާން އޭނާގެ ބައްޕައަށް އެ ދިން މެސެޖު ވަރަށް ސާފެވެ. ވަރަށް ފުރިހަމައެކެވެ. އެ މެސެޖުގައި ވަނީ ލޯތްބެވެ. އަޅާލުމެވެ. އޯގާތެރިކަމެވެ. ޙަމްދަރުދީއެވެ.