ރަމީޒަކީ ދީނަށް ލޯބިކުރާ ބަސް އަހާ ކުއްޖެކެވެ. ބޭރުފުށުގެ އުނި ސިފަތަކެއް ހުރި ކުއްޖެކެވެ. އޭނާ ފެނުމުން ކުދިން ގަނާކުރެއެވެ. މަލާމަތްކުރެއެވެ. ޖެއްސުންކުރެއެވެ. ސްކޫލުގެ މާހައުލަކީ އޭނާއަށް އެހާ ފަސޭހަ ތަނަކަށް ނުވެއެވެ. އެހާ ހިތްފަސޭހަ ތަނަކަށްނުވެއެވެ. މަގުމަތިން ފެނުނަސް ދިމާކުރަނީއެވެ.
އޭނާއަށް ލިބިގެންވާ އުނި ސިފައަކީ އޭނާ އަމިއްލައަށް ލިބިގަތް ސިފައެއް ނޫނެވެ. އެހެނަސް، އެކު އުޅޭ ކުދިންނާއި ދެކެ ފަރިތަ ކުދިންނާއި، މަގުމަތިން ދިމާވާ ކުދިންގެ ތެރޭގައިވެސް މަލާމަތްކޮށް ގަނާކުރުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ދެކެއެވެ.
ރަމީޒުގެ ދިފާޢުގައި ތެދުވަނީ ވަރަށް މަދު ކުދިންތަކެކެވެ. އެއީ ރަމީޒުގެ ވަރަށް ގާތް ރަޙްމަތްތެރީންނެވެ. ބައެއް ކުދިން ވާ ޖެހިލުމެއްގެ ބޮޑުކަމުން، ރަމީޒުގެ ދިފާޢުގައި ތެދުވާންވެސް ނުކުރެނީއެވެ. އެކުދިންނަށް އަނެއްކާ މަލާމަތްކޮށް ހަޖޫޖަހަން ފަށާފާނެތީ ހަމަ ޖެހިލުންވަނީއެވެ. ފިނޑި ވަނީއެވެ.
ރަމީޒު މަގުމަތިން ހިނގާފައި ދަނިކޮށް އެހެން ދުވަސްތަކަށްވުރެ އާދަޔާ ޚިލާފު، އަދި ޤަބޫލުކުރަން ދަތިކަމެއް ހިނގައިފިއެވެ. މިފަހަރު މަގުމަތިން ދިމާކުރަން ފެށީ ކުރިއަށްވުރެވެސް ހުތުރު ބަސްތަކުންނެވެ. އެފަދައިން އައިސް ދިމާކުރަން ފަށާފާނެ ކަމަކަށް ރަމީޒުގެ ހިތަށް ކުޑަކޮށްވެސް ނާރައެވެ. އެއީ އޭގެ ކުރިން އަބަދުވެސް "ހަމާލާތައް" އަންނަނީ މަލާމާތުގެ ރާގަށެވެ. މިފަހަރު ދިމާކުރަންފެށީ ރުޅިގަދަވެގެން އަންނަ ސިންގާއެއް ފަދައިންނެވެ. އޭނާ، ރަމީޒަށް ގޮވަމުން ދިޔައީ ވަރަށް ހުތުރު ނަންނަމުންނެވެ. ސިފަ ހުތުރު ކަމާއި، ބަލައިލަންވެސް ނުކުރޭ ކަމާއި، ރަމީޒު ފެނުމުން އުނދަގޫވާކަމާއި، މިފަދަ ބަސްތަކުން، އޭނާގެ ދުލަށް އައިހާ ހުތުރު އެއްޗެއް ރަމީޒުއާ ދިމާއަށް ގޮވަމުންދިޔައެވެ.
އެހެންނަމަވެސް، ރަމީޒު އިސްކުރީ ކެތްތެރިކަމެވެ. އެޑަށް ދިނީ ބީރު ކަންފަތެވެ. ކިތަންމެ ހުތުރުކޮށް އެއްޗެހި ގޮވިޔަސް، އެކަމާ އަޅާނުލާން ރަމީޒު ޢަޒުމު ކަނޑައެޅިއެވެ. އޭނާގެ ހިތުގެ އުއްމީދަކަށްވީ، އެފަދަ ކުއްޖަކާ ދިމާއަށް ބަހެއް ބުނުމަށްވުރެ ނުބުނުން މާ ބުއްދިވެރިވާނެ ކަމުގައެވެ. ގޮވާނެހާ އެއްޗެއް ގޮވައި، ކިހާނެ ހައި އެއްޗެއް ކިޔައި އޭނާ ވަރުބަލިވީތާއެވެ. ދާން ފަށައިފިއެވެ. އެހިނދު، ރަމީޒު ބުނެލިއެވެ. "ބާއްޖަވެރިކަމަށް އެދެން". އަދި ރަމީޒުވެސް އެނބުރި ގެއަށް ދިޔައެވެ.
ރަމީޒާ ދިމާކުރި ކުއްޖާއާ އެއް ފެންވަރަކަށް ދާން އޭނާ ބޭނުން ނުވީ ކީއްވެ ހެއްޔެވެ؟
އެހެނީ، ރަމީޒަށް ލިބިފައިވަނީ ރަނގަޅު ތަރުބިއްޔަތެވެ. އޭނާ ބައްޓަންކޮށްފައިވަނީ ރިވެތި އަޚްލާޤެވެ. މައިންބަފައިންގެ ހެޔޮ ނަމޫނާގެ ފުރިހަމަ އުޅުންތެރިކަމެވެ. ފުރިހަމަ ސިފަތަކެވެ. ރަމީޒާ ދިމާކުރި ކުއްޖާގެ ދުލުން އެނުކުތީ އޭނާގެ ހިތުގައިވާ ނަފްރަތްތެރިކަމުގެ ޝުޢޫރެވެ. ހިތުގައި އަނދަމުން ދިޔަ އަލިފާނެއެވެ. އެއީ، ކީއްވެހެއްޔެވެ؟ އޭނާގެ ދުލުން އެ ނުކުތް ހުތުރު ބަސްތައް ރަމްޒުކޮށްދެނީ އޭނާގެ އަސްލު ސިފައެވެ. އޭނާގެ އެތެރެ ފުށުގައި ތަރުބިއްޔަތެއް ނެތްކަމެވެ. އެދުވަހު ހާމަވެގެން އެ ދިޔައީ އޭނާއަށް ލިބިފައިވާ ތަރުބިއްޔަތުގެ ފޭރާން ދެރަކަމެވެ.
ތިމާގެ ދުލުން ބޭރުވާ ބަސްތަކުން ނުވަތަ ބޭރުފުށުގެ ޢަމަލުތަކުން ދައްކައިދެނީ ތިމާގެ ހިތް ނުވަތަ އެތެރެ ފުށުގެ ތާހިރުކަން ހުރި މިންވަރެވެ. ހުތުރު ބަސް ގިނަވެއްޖެ ނަމަ އޭނާގެ ހިތުގައިވެސް ސާފުކަމެއް ނެތީއެވެ. ޢަމަލު ގޯސްވެއްޖެނަމަ، އޭނާ، މާތް ﷲ އާ މެދު އޮންނަ ގުޅުން ކުޑައީއެވެ. އީމާންތެރިކަން ބަލިކަށީއެވެ. އެ ޙާލަތުގައި، ފެންނިގެންދާނީ، މުޅިންވެސް އެފަދަ ނުރަނގަޅު އަލާމާތް ތަކެވެ. ގޯސް ދިފަތަކެވެ.
މިއީ ދިރިއުޅުމުގައި ދިމާވާނެ ހާދިސާތަކެވެ. ތިބާއާ މުޙާތަބުކުރީ ގޯސްކޮށް ހެއްޔެވެ؟ ރައްދުގައި ކުރާނީ ކޮންކަމެއްހެއްޔެވެ؟ ތެދެކެވެ. އޮތީ ކެތްތެރިވެ ހަނު ހުރުމެވެ. ހެޔޮ ބަހެއް ނޫނީ ނުބުނުމެވެ.