Thursday, 18 April 2024

އަދިވެސް ހަމަ ލަސް. ފަސޭހައެއް ނޫން!

ސަރުކާރުގެ އެކި އިދާރާތަކުންދޭ ޚިދުމަތުގެ ފެންވަރު މަތިކޮށް، ޒަމާނާ އެއްގޮތަށް ބަދަލުކުރާ ވާހަކައަކީ އިއްޔެއަކު މިއަދަކު ދައްކާ ވާހަކައެއް ނޫނެވެ. އެއީ އާ ވާހަކައެއް ނޫނެވެ. އަބަދުވެސް އިވިއިވި ހުންނަ ވާހަކައެކެވެ. ސަރުކާރުން ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު ދަށްވެގެން އެކަމުގެ ޝަކުވާ ކުރަމުންދެއެވެ. އޮފީސްތަކުގެ ބޭރުގައި ދަަމާލާ ކިޔުތައް ދިގެވެ.  ލާ ފޯމަށް ޖަވާބު ނުލިބި، އެތައް ދުވަހެއްގައި ތިބެން ޖެހެއެވެ. އެއް ދުވަހު ލާ ފޯމު، އަނެއް ދުވަހަކަށް ކަމަކު ނުދެއެވެ. ފޯމެޓް ބަދަލުވެދާނެއެވެ. ނޫނީ ފޯމު ފުރާއިރު އަކުރެއް މަދުވެފައި އޮވެދާނެއެވެ. ފިއްޔެއް މަދުވެފައި އޮވެދާނެއެވެ. އެއްކަމަކަށ،ް އެއްބޭނުމަށް ދެ އިދާރާއަކުން އެއް ފޯމެއް ބޭނުންކުރާ އުސޫލެއް ނޯވެއެވެ. ތަކުލީފުތައް ވަނީ ބޮޑެވެ. ޖަވާބެއް ލިބޭނެ ކަމުގެ އިންތިޒާރުގައި ފަސް ހަ ދުވަސް، ހަފުތާ ދެ ހަފުތާ ވަންދެން ތިބެންޖެހިދެއެވެ. އެކަމުގައި ތިން ހަތަރު މަސްވެސް ނަގާފާނެއެވެ. ވީ ނުވީއެއް ނޭނގި ތިއްބާ ލީ ފޯމު ގެއްލިދާނެއެވެ. ހަމައެހެންމެ، ލީ ސިޓީއަކަށް ޖަވާބެއް ލިބޭތޯ އެކަކަށް ގުޅާލާ އެނަކަށް ގުޅާލާ، "ގުޅާލަގުޅާލާ" ތިބެންޖެހިދެއެވެ. ކުންފުންޏަކަށް ލިބެންޖެހޭ ޕޭމަންޓެއް ނުލިބިގެން އެތައް އާދޭހެއް ކުރާ ތަންވެސް ފެންނަނީ މަދެއް ކޮށެއް ނޫނެވެ. ނަތީޖާއަކަށް ވަނީ ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ބޮޑުވެގެން ދިއުމެވެ. ކުދިކުދި ކަންތައްތަކުގައިވެސް އެތައް ވަގުތެއް ހޭދަކުރާންޖެހުމެވެ. ފުޅާ ނަޒަރަކުން ވިސްނާނަމަ، މަސައްކަތްތައް މަޑުޖެހި، މަޝްރޫޢުތައް ހުއްޓިގެންދިއުމެވެ.

No photo description available.

އައިޑީ ކާޑު ރާއްޖެއަށް ތަޢާރަފްކުރިއިރުގެ ދިން ޚިދުމަތާ މިއަދު އެކަމަށް މިދޭ ޚިދުމަތާ އަޅާ ކިޔާލާއިރު މާ ބޮޑު ފަރަޤެއް ނެތެވެ. ޒަމާނީ ޓެކްނޮލޮޖީ ފުޅާވެފައި އޮތް މިންވަރަށް ބަލާއިރު، އެކަމަށް މާބޮޑު ކުރިއެރުމެއް އައިކަމަކަށް ފާހަގައެއް ނުވެއެވެ. އެ ޚިދުމަތް ހަލުވިވެފައި ފަސޭހަވީ  ތަނެއް އަމުދުން ނުފެނެއެވެ. އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް އައި.ޑީ ކާޑު ހެދުމުގެ މަަސައްކަތް ލާމަރުކަޒު ކުރި ވާހަކަ އަޑު އިވެއެވެ. އެކަން ކޮންމެވެސް ވަރަކަށް ހިނގާ ހެންވެސް ހީވެއެވެ. އެހެނަމަވެސް، އިވެނީ މުޅިންވެސް ޝަކުވާގެ އަޑެވެ. އައި.ޑީ ކާޑު ނުލިބިގެން ރަށްރަށު މީހުންވެސް މާލެއަށް އަންނަ ވާހަކައެވެ. ފޯމު ލާތާ އެތައް ދުވަހެއް ވާއިރުވެސް އައި.ޑީ ކާޑު އަތަށް ނުލިބޭ ވާހަކައެކެވެ.

މީގެ ދެއަހަރެއްހާ ދުވަސް ކުރިން އޮންލައިންކޮށް އައި.ޑީ ކާޑު ހެދުމަށް ހުށަހެޅޭނެ ނިޒާމެއް ވަނީ ޤާއިމުކޮށްފައެވެ. އެއީ ވަރަށް ރަނގަޅުކަމެކެވެ. ސުވާލަކީ ފޯމު ހުށަހަޅަން ފަސޭހަވި ގޮތަށް، އައި.ޑީ ކާޑު އަތަށް ލިބޭނެ ގޮތް އެހާ ފަސޭހައިން ހަމަޖެހޭތޯއެވެ؟ ނޫނެކެވެ. އަދިވެސް ވަރަށް ބޮޑެތި ދަތިތައް އެބަހުއްޓެވެ. ތަނުގައި ވަރަށް ހީވާގި މުވައްޒަފުން އެބަތިއްބެވެ. ތަނުގެ ކަންކަން ރަނގަޅު ނުވެގެން، ޚިދުމަތުގެ ފެންވަރު ދަަށްވެގެން، މީހުންގެ ޝަކުވާ ބޮޑުވެގެން، އެކަންކަން ރަގަޅު ކުރުމަށް އިސްކޮށް ހުންނަވާ ބޭފުޅާ ބަދަލުކޮށްލައްވަފާނެއެވެ. ސިޔާސީ މީހަކު އެތަނަށް ޢައްޔަން ކުރައްވަފާނެއެވެ. ތެދެކެވެ. ސަރުކާރުން ބޭނުން ވާނީވެސް އެކަންކަން ރަނގަޅު ކުރާށެވެ. ތަން ހިންގަން އަންނަ މީހާ ޙަވާލުވާތާ ފުރަތަމަ މަސްދުވަސް ވަރަށް ތަފާތު ވާނެއެވެ. ހީވާނީ ވަރަށް ބޮޑު އިންގިލާބެއް އައިސްގެން އުޅޭ ހެންނެވެ. ތަން ހިނގާލާ ތަންވެސް ރައްޔިތުންނަށް ފެންނާނެއެވެ. އައި.ޑީ ކާޑު އަތަށް ލިބޭލެއްވެސް އަވަސްވެދާނެއެވެ. އާންމު މީހާ އެވަގުތު ބުނަމުންދާނީ، "ކަލޯ! މިހާރު އައި.ޑީ ކާޑު ޔުނިޓް ވަރަށް ހިންގާލާ ދޯއެވެ؟" ނޫނެކެވެ. ދުވަސްކޮޅަކުން ވަނީ އެހެނެއް ނޫނެވެ. ހީކުރި ގޮތާ ދިމާ އިދިކޮޅަށެވެ. މުސްކުޅިން ބުނެ އުޅޭ ހެއްޔެވެ؟ ބާރަށް ހިފައިފި އެއްޗެއް ބިންދައިގެން ދާލެއް އަވަސް ވާނެއެވެ.

ތަނާ ޙަވާލުވާ އާ ވެރިމީހާގެ ހިންގުން ރަގަޅުވެގެންދާއިރު، ގިނަ ފަހަރަށް ތަނުގައި ތިބޭ އާދައިގެ މުވައްޒަފުން ހަފުސްވާ ފަހަރު އާދެއެވެ. ވަރަށް ގިނައިން އިވޭ އަޑެއް އޮވެއެވެ. ކުރާ ބަޔަކު ޖެހޭނީ ކުރާށެވެ. ފެންނަ މަންޒަރުތަކަށް ބަލާއިރު، އެއްވެސް ރޭވުންތެރި ކަމެއް ނެތި ކުއްލި ކުއްލިއަށް ގެންނަ ބަދަލަކީ އެހާ ކާމިޔާބު ބަދަލަކަށް ނުވާނެއެވެ. ފުރަތަމަ ވެރިމީހާ އަންނަ ދުވަސްކޮޅު އޮބި ނޯންނަ ވަރަށް މަސައްކަތް ކޮށްފާނެއެވެ. ހަމަކުރާނީ ކުރާ އެއްބަޔެކެވެ. ދުވަސް ކޮޅަކުން "ފެޅެނީ"އެވެ. ވާރަަށްވުރެ ބުރަވީމަ ވާނީވެސް އެހެންތާއެެވެ. ތަނުގެ ތެރޭގައި އަށަގެންފައިވާ ޙަޤީޤީ މައްސަލައަކީ ކޮބައިކަން ދެނެގަތުމުގެ ބަދަލުގައި ހަމަ ތަނާ ޙަވާލުވާ ގޮތަށް އެބޭނުންވާ ހެޔޮ ބަދަލު ގެނެވޭނެ ކަމަކަށް ޒަމީރު ޤަބޫލެއް ނުކުރެއެވެ. އެކަން ވާނީވެސް ވަރަށް ބޯދާ ވިސްނުމަކަށެވެ. ވަގުތީ އިންތިޒާމެއް ހަމަޖައްސާލައިގެން ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވާން މަސައްކަތްކޮށްގެން ނިކުންނާނެ އާޚިރު ނަތީޖާ މިއަދު އެ އިދާރާއިން އެދަނީ ފެންނަމުންނެވެ.

Form Thah Dhookuran Feshumaaeku Ethah 100 Bayaku Queue Gai - Vaguthu

މިކަމުގައި ޒަމާނީ ޓެކްނޮލޮޖީއަށް ލޯ ހުޅުވިފައި ހުންނަ ދިވެހި ޒުވާނާ ދެކޭ ދެކުމަށް ވިސްނާލަން އެބަޖެހެއެވެ. ރާއްޖެއަކީވެސް ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަރާފައިވާ ޤައުމެކެވެ. އޮންލައިންކޮށް ފޯމު ފުރާއިރު، ބަދަލު ނުވާ މައުލޫމާތު ކޮންމެ ފަހަރަކު ފުރާކަށް ނުޖެހެއެވެ. އެ މަޢުލޫމާތު އޮޓޯއިން ފުރިހަމަވެގެންދާން ވާނެއެވެ. މަޢުލޫމާތެއް ބަދަލުވެއްޖެ ޙާލަތެއްގައި އައު މައުލޫމާތު ފުރިހަމަކުރަންޖެހޭނެއެެވެ. ރައްޔިތުންނަށް ލުއި ފަސޭހަކޮށް ކަންތައްތައް ކުރަން ކުރެވިދާނެ ކަންކަން ދެނެގަނެވޭނީ މިފަދަ ކަންކަމަށް ހެޔޮ ބަދަލު ގެނެވޭނެ ވިސްނުންތަކެއް ނެރެވިގެންނެވެ. ޙަޤީޤަތުގައި އައިޑީ ކާޑުގެ މުއްދަތު ހަމަވާ ދުވަހު އާ އައިޑީ ކާޑު އަތަށް ލިބޭ ވަރު ކުރެވެންވާނެ ކަމަށް ޤަބޫލުކުރެވެއެވެ. އެހެނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މިފަދަ ފަސޭހަ ކަމެއް ގެނެވިދާނެއެވެ.

އައި.ޑީ ކާޑުގެ ވާހަކަ މިތާ ފާހަގަ ކޮށްލިކަމުގައި ވިޔަސް އެހެން އިދާާރާތަކުން ދޭ ޚިދުމަތްތަކުގައިވެސް ރައްޔިތުން އުފުލާންޖެހޭ ތަކުލީފު ބޮޑެވެ. އިވެނީވެސް އެފަދަ އަޑުތަކެވެ. މިހާރު އިވޭ އަޑަކީ، ސްކޫލް ބަންދުވާ އިރަށް ޚިދުމަތްތައްލަސްވާ ވާހަކައެެވެ. ބޮޑު ބަންދު އަންނައިރަށް އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ލިބުން ލަސްވާ ވާހަކައެވެ. ތެދެކެވެ. އިމިގްރޭޝަނުން ދޫކުރާ ޕާސްޕޯޓް ލިބޭލެއް ލަސްވެއްޖެއެވެ. ކިއު އެހާމެ ދިގެވެ. އެހެނީ، ސްކޫލް ބަންދާ ދިމާކޮށް، ފުރަފުރައިގެން ރާއްޖެއިން ބޭރަށްދާ މީހުންގެ އަދަދު އިތުުރުވެއެވެ. އެއީ ޙާލަތަށް އަންނަ ބަދަލެވެ. ރަށުގައި ތިބެފައި މާލެއަށް އާދެވެނީވެސް ގިނަ ފަހަރު ބަންދަކާ ދިމާކޮށްފައެވެ.

ކޮވިޑުގެ ތެރޭގައި ރާއްޖޭގެ އިދާރާތަކުންދޭ ވަރަށް ގިނަ ޚިދުމަތްތައް އޮންލައިން ކުރިއެވެ. އެއީ ކޮވިޑުން ގެނެސްދިން ހެޔޮ ބަދަލެކޭވެސް ބުނެވިދާނެއެވެ. އޭގެ ކުރީން، ސަރުކާރު އިިދާރާތަކުގެ އެކިއެކި ބޭނުމަށް ފުރަންޖެހޭ ކުށުގެ ރިކޯޑް ފޯމު ފުރިހަމަ ކުރުމަށް، ގިނަ އިދާރާތަކަށް ވަކިވަކީން ދާންޖެހެއެވެ. އެތަންތަނަށް އެ ފޯމު ލާން އެތައް ވަގުތެއް ނަގައެވެ. އެތައް ދުވަހެއް ނަގައެވެ.

ކުރީގެ ޙާލަތަށް ބަލާނަމަ، ފައިމަގުގައި އުޅޭ ހުސެންބެ ބުނާނީ، "މަގޭދަރި ވަޒީފާއަކަށް ވަންނާން ވެގެން ފުރާން ޖެހުނު ކުށުގެ ރިކޯޑް ފޯމު ހިފައިގެން ހިނގަ ހިނގާ ކަކުލުހުޅު ދޫވެއްޖެ" ކަމަށެވެ. ސަންފަ ދައިތަ ބުނާނީ، "މަގޭ ގޮއްޔެގެ ކުށުގެ ރިކޯޑް ސާފުކުރަން ހިނގަހިނގާ ގޮށްވަޅު ދޫވެއްޖެ" ކަމަށެވެ.

ރައްޔިތުން އުފުލަމުންދިޔަ ތަކުލީފަށް ކޮންމެވެސް ވަރެއްގެ ފަސޭހަ ކަމެއް މިހާރު މިވަނީ ލިބިފައެވެ. ކުށުގެ ރިކޯޑް ފޯމު އީމެއިލް ކޮށްލުމުން، ރިކޯޑް ސާފުކުރެއްވުމަށްފަހު އެ އީމެއިލް އެޑްރެހަށް ޖަވާބު ފޮނުއްވައިދެއްވައެވެ. ދެތިން ދުވަސްތެރޭ  އާންމުކޮށް ޖަވާބު ދެއްވައެވެ. އެހެންނަމަވެސް، މިހާރު އަނެއްކާވެސް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނަމުންދަނީ މިދުވަސްކޮޅު ވަރަށް ބާރު ބޮޑުވެއްޖެ ކަަމަށާއި، ޖަވާބެއް ލިބެއް ފަސް ދުވަސްވަރު ވާނެކަމަށެވެ. އަދި މިކަމުގައި ދިމާވާ އެހެން ކަމެއްވެސް ފާހަގަކޮށްލަމެވެ. މިސާލަކަށް ހޯމް މިނިސްޓްރީގައި ކުށުގެ ރިކޯޑް ސާފުކުރަން ބޭނުންކުރާ ފޯމު އެތަނަށް ހުށަހެޅުމުން، ޑީ.ޖޭ.އޭ ގައި އެކަމަށް ޚާއްޞަ ފޯމެއް އޮންނާނެ ކަމަށް ބުނެވެ، އަނެއް ކޮޅުން ހޯމް މިނިސްޓްރީން ބުނަނީ ހޯމް މިނިސްޓްރީން ދޫކުރި ފޯމު ހުށަހަޅައިގެން ކުށުގެ ރިކޯޑް ސާފުކުރެވޭނެ ކަމުގައެވެ. ހޯމް މިނިސްޓްރީގެ ފޯމު ފުރިހަމަކޮށް ހުށަހެޅުން، އެ ފޯމު ޑީޖޭއޭ އަކަށް ކަމަކު ނުދެއެވެ. ޖެހެނީ އަނެއްކާވެސް އެ ތަނުން ތައްޔާރުކޮށްފައި އޮންނަ ފޯމު އަލުން ފުރާށެވެ. އެކަމަށްވެސް އެ ހޭދަވަނީ އިތުރަށް އެއް ދުވަހެވެ. އެވާހަކަވެސް ސާފުކޮށްދެއްވަނީ، ފޯމުގެ ޖަވާބެއް ހޯދަން ގުޅުމުންނެވެ. މިކަމުން ޚިދުމަތް އަވަސްކުރުމުގެ ނިޔަތެއް ނެތްކަން ފާހަގަވެއެވެ.

No photo description available.

 

މި ތަނުގައި ބައެއް އިދާރާތަކުގެ ކަންކަން ފާހަގަކޮށްލިޔަސް ޖުމްލަކޮށް ސަރުކާރުގެ ގިނަ އިދާރާތަކުގެ ޙާލަތު ހުރީ ދާދި އެއްކަހަލަ ގޮތަކަށެވެ. ބައެއް ތަންތަނުގެ ވެރިންގެ ކިބައިގައި ޒަމާނަށް މިއަންނަ ބަދަލާއެކީ، ފަހި ވިސްނުމެއްގެ ޝައުޤެއް ނެތެވެ. ފައިސާގެ ރަސީދު ހަމަ ކޮޕީ ލައްވައިގެން "މުސްކުޅި ގޮތަށް" ތައްޔާރުކޮށްލަކޮށްލައި، ކިއު ނަންބަރެއް ނެތި ނަން ގޮވާ އުސޫލަށް އަމަލުކޮށްލަކޮށްލާ ހަމަ ތިބެނީއެވެ. މިއީ ވެގެންވާނެ ގޮތެއް ނޫނެވެ.

ކަންކަން ރަނގަޅުކުރުމުން، އެ ރަނގަޅުކުރި ކަމެއްގެ ވާހަކަ ދައްކާނެއެވެ. މިސާލަކަށް، އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް، ހުށަހަަޅާ ރިކުއެސްޓްތަކަށް އަވަސް ޖަވާބު ލިބިއެވެ. ކަމެއް އިސްލާޙްކޮށްލަން ޖެހިފައި އޮތަށް އެތަނުން އިސްވެ ގުޅަމުން ގެންދެއެވެ. ނަން ރަޖިސްޓްރީ ކުރަން ލާއިރަށް އެނަން ރަނގަޅުނަމަ، 1 ގަޑިއިރު ތެރޭ އެނަަން ފާސްވެގެން އާދެއެވެ. ކޯލް ސެންޓަރ ހުންނަނީ ފުވައްމުލަކުގައެވެ. މާލެއަކު ނޫނެވެ. ވަގުތުން ފޯނު ނަގައެވެ. މިސްވާ ކޯލުތަކަށް ގަވާއިދުން ގުޅަމުން ދެއެވެ. ފޯމެއް ފުރަން އުނދަގޫވެއްޖެނަމަ، އެ މިނިސްޓްރީގެ ހެލްޕް ޑެސްކަށްދާންވީއެވެ. ވާންވީ ގޮތް ރަނގަޅަށް ކިޔައިދޭނެއެވެ. ފުރިހަމަ އެހީތެރިކަމެއް ދޭނެއެވެ. އެ ތަނުގެ ސިސްޓަމް ބައްޓަން ކުރެވިފައިވާ ޒަމާނީ ލުއި ގޮތްތަކުގެ ސަބަބުން ރައްޔިތުންނަށް ލިބެނީ ފަސޭހައެވެ. ހަމަގައިމުވެސް، އެ ޚިދުމަތުގެ އަގުވަޒަންކުރާ މީހުން ގިނައެވެ.

ސަރުކާރުގެ އިދާރާތަކުން ދޭ ޚިދުމަތުގެ ފެންވަރު ދަށްވެގެން، ނޫނީ ޚިދުމަތް ލަސްވެގެން،  ރައްޔިތުންނަށް ދޭ ޚިދުމަތް އަވަސް ކުރަން ވާހަކަ ދައްކާ މީހާއަށް ފަހަރެއްގައި މަލާމަތުގެ ބަސްތައް ރައްދު ވެދާނެއެވެ. ނޫންނަމަ މާ ބޮޑު ކަމަކަށް ނުހަދައި، އަޅައި ނުލައި ދޫކޮށްލަފާނެއެވެ. ބޯމަތިވަމުން މިއަންނަނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ އެންމެ ފޯރިގަދަ ދުވަސްވަރެވެ. މެނިފެސްޓޯތައް ތައްޔާރުކުރަނީއެވެ. ވާން ހުރިހާ ވައުދުތައް އަތުރާލަނީއެވެ. އެހެންނަމަވެސް، ސަރުކާރުން ދޭ ޚިދުމަތުގެ ފެންވަރު މަތިކޮށް ލުއި ފަސޭހަ އަވަސް ޚިދުމަތެއް ދޭން މީހަކު ޚިޔާލެއް ދޭއިރަށް އެ ޚިޔާލެއް ވަރަށް "ކަޓް" ޚިޔާލަކަށް ވެދާނެއެވެ، ވަރަށް ތާކުންތާކު ނުޖެހޭ ޚިޔާލަކަށްވެސް ވެދާނެއެވެ. ކުރިމަތިލައިގެން އުޅޭ ކެންޑިޑޭޓަށް އޮޅުވާލައި، އެ ދެން ކޯޗެއްހޭ ވެސް ބުނެދާނެއެވެ. އެކަމަކު ދަންނަވަންތޯއެވެ؟ ސަރުކާރެއް އަންނަނީ ކޮންކަމަކުތޯއެވެ؟ ކޮން ބޭނުމެއްގައިތޯއެވެ؟

ފަހަރެއްގައި އެއީ ކުޑަކުޑަ ކަމަކަށް ވެދާނެއެވެ. އެހެންނަމަވެސް އާންމު ރައްޔިތުން މިކަމުގައި އުފަލާ ތަކުލީފުތައް އެނގޭނީ ހަމަ އެމީހުންނަށެވެ. ފަހަރެއްގައި ގޭގައި އިދެ ކުރާ ފޯނު ކޯލަކުން ގެއަށް އައި.ޑީ ކާޑު ވަލު ދޮރާށީން ގެންނަ މީހަކަށް މިކަންކަން މާ މޮޑުކަމަކަށް ނުވެދާނެއެވެ. ޖުމްލަކޮށް މި ޙިއްސާކުރި ވާހަކައަކީ ހަމައެކަނި އައި.ޑީ ކާޑާއި، ޕާސްޕޯޓާއި ކުށުގެ ރިކޯޑުގެ ވާހަކައެއް ނޫނެވެ. އެއަށްވުރެ މާ ފުޅާ ދާއިރާއަކަށް މޫލާފައިވާ ކަންކަމުގެ ވާހަކައެވެ.

ވަޒީފާއަކަށް ކުރިމަތިލައިގެން ޖަވާބެއް ނުލިބި ހަމަސް އަށް މަސް ވެދާނެއެވެ. ސަރުކާރު އިދާރާއަކުން ކުންފުންޏަކަށް ލިބެންޖެހޭ ޕޭމަންޓް ނުލިބިގެން އެއް އަހަރު، ދޮޅު އަހަރު ވެދާނެއެވެ. ދެ އަަހަރު ތިން އަހަރުވެސް ވެދާނެއެވެ. ބޭންކަށްލާ ޑެސްޕިއުޓް ފޯމެއްގެ ޖަވާބު ނުލިބިގެން ފަސް ހަ މަހު ހުންނާން ޖެހިދާނެއެވެ. ބޭންކްގެ އިހްމާލުން ހެދޭ ޓްރާންސެކްޝަނަކުން އެހެން އެކައުންޓަކަށް ޖަމާވާ ލާރިކޮޅު ނުލިބިގެން އެތައް ދުވަހަކު ބޭންކު ވަށައި މުގޯލިއަޅާލަ އަޅާލައި ހުންނާން ޖެހިދާނެއެވެ. ރަށުގައި އަޅާން ފެއްޓި ނަރުދަމާ ހުއްޓިގެން ކައުންސިލުން ޒިންމާދާރު މިނިސްޓްރީއަށް ގުޅާލަ ގުޅާލާ ތިއްބާ އެމީހުންގެ ދައުރު ނިމިދާނެއެވެ، އަނެއް ކޮޅުން އަޅާން ފެށި ނަރުދަމާ ނުނިމި ނިގުލައިގެން ގޮސް އަނެއްކާ އެ ނަރުދަމާ ކޮނެގެންނައިގައި، އަލުން ބަލުން އަޅާންޖެހި، ދައުލަތުގެ ބަޖެޓުން ޑަބަލު ޚަރަދު ކުރާންޖެހިދާނެއެވެ.

މިއީ ހައްތާވެސް ޚިދުމަތާ ގުޅިފައިވާ ކަންކަމެެވެ. ކުޑަކަމެއްގެ ގޮތުގައި ދެކި ނުލައްވާށެވެ. މެނިފެސްޓޯތަކުގެ ފޮޅުވަތްތަކުގައި ލިޔުއްވާށެެވެ. މިކަމަށް ވަޢުދުތައް ވެލައްވާށެވެ. ކަންކަން ރާއްވަވައި ދެއްވާށެވެ. ކަންކަމަށް އިސްކުރައްވާ ވެރިންވެސް ނަމޫނާ ދައްކަވައިދެއްވާށެވެ. ބިންދައިގެންދާ ގޮތަށް ހިންގާން އުޅުއްވުމުގެ ބަދަލުގައި ރޭވުންތެރިކަމާއެކު ހިންގުމުގެ ނިޒާމަށް ބަދަލުތައް ގެންނަވައި، ހަރުދަނާ ފިޔަވަޅުތައް އަޅުއްވާށެެވެ. ރައްޔިތުން ތިބި ފަސޭހަ، އަވަސް ޚިދުމަތެއް ލިބެންފަށާނެ ދުވަހެއްގެ އިންތިޒާރުގައެވެ. ޒަމާނީ ޓެކްނޮލޮޖީގެ ފަހި ވިސްނުމާއެކީ، ފުށުއަރާ ކަންކަން ޙައްލުކޮށް، ލުއިފަސޭހަ ޚިދުމަތެއް ދެވޭނެ ގޮތަކަށް މުޅި ނިޒާމު ބައްޓަން ކުރަމާތޯއެވެ؟ ހަމައެހެންމެ، އާންމު ޚިދުމަތްތަކަށް އެކި އޮފީސްތަކަށް ނުދުވެ، އެއް ފުރާޅެއްގެ ދަށުން އެ ޚިދުމަތްތައް ލިބޭ ގޮތަށް، އިންތިޒާމުތައް ބައްޓަންކުރުމަކީވެސް ރައްޔިތުންނަށް ދިބިގެންދާނެ ލުއި ފަސޭހަ ކަމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *