18 ޖަނަވަރީ 2025
ދސދ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް ބޮޑުކޮށްފި

ނުކުޅެދޭ މީހުންނަށް ދޭ އެލަވަންސް ބޮޑު ކުރަން މި ސަރުކާރުން ވީ ވައުދާ އެއްގޮތަށް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ އެލަވަންސް ބޮޑު ކުރަން ސަރުކާރުން ނިންމައިފިއެވެ.

އެކަން ހާމަކުރީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު، އާސަންދަ އަދި އެންސްޕާގެ ވެރިންނާއެކު މިއަދު ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެހެންކަމުން މިބަދަލާއެކު މިހާރު ދޭ 2000ރ. ގެ ބަދަލުގައި ނުކުޅެދުންތެރިކަން ހުންނަ ހުރިހާ ފަރާތްތަކަށް މަދުވެގެން 3000ރ. ލިބޭނެއެވެ.

އޭގެ އިތުރުން އަމިއްލައަށް ނޫޅެވޭ، ނުވަތަ އެނދުމަތިވެފައިވާ ފަރާތްތަކަށް ކެއަރާ އެލަވަންސްގެ ގޮތުގައި އިތުރު 2000ރ. އިނާޔަތެއް، އަދި އެފަދަ ފަރާތްތަކަށް އަސާސީ ކަންކަމަށް، ސެލްފް ކެއާ އެލަވަންސްގެ ގޮތުގައި ދެވޭ 1000ރ. ގެ އެލަވެންސެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން އެއް ގޭބިސީއެއްގައި ނުކުޅެދުންތެރިކަން ހުންނަ ތިން ފަރާތަކަށްވުރެ ގިނަ ފަރާތް އުޅޭ ނަމަ އިތުރަށް ކޮންމެ ފަރާތަކަށް 1000ރ. ލިބިގެންދާނެއެވެ.

 މި އިނާޔަތް 5000ރ. އަށް ބޮޑުކުރުމަށް އެދި އެކި ފަރާތްތަކުން އިސްނަގައިގެން ޕެޓިޝަންތައް ތައްޔާރުކޮށްފައިވެއެވެ.

މިހާހިސާބަށް ލިބެމުން އައި 2000ރ. އިނާޔަތަކީ، މިހާރު ދިވެހިރާއްޖޭގެ ހިދުމަތާއި ތަކެތީގެ އަގަށް ބަލާއިރު އެކަށީގެންވާ މިންވަރެއް ނޫން ކަމަށް ހާމަކުރަމުން ދިޔައެވެ.

ރައީސް ޞާލިޙް ވަނީ އެކި މުނާސަބަތުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ދެއްވާނެކަމަށް ވިދާޅުވެފައެވެ.

5 ޖަނަވަރީ 2023 ގައި، 2022 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވެވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުގައިވެސް މިކަމަށް އަލިއަޅުއްވާލައްވާފައިވެއެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ، މިހާރު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އެފަދަ މީހުންގެ ޢާއިލާތަކުން އެމީހުންނާ ޙަވާލުވެ، ޢާއިލީ ލޯތްބާއި އޯގާތެރިކަމުގެ ތެރޭގައި، އުފާވެރި ދުވަސްތަކެއް ހޭދަކުރުމުގެ ހެޔޮ ނަސީބު އެމީހުންނަށް ލިބިގެންދިޔުން."

މިފަދަ ކަންބޮޑުވުންތައް ހުރުމާއެކު، ނުކުޅެދޭ މީހުންގެ އިނާޔަތް ބޮޑުކޮށްދެއްވަން ރައީސް ސޯލިހު ނިންމެވިކަން އިއުލާން ކުރެއްވީ 2022 ގެ ރިޔާސީ ބަޔާނުގައެވެ. އޭގެ އަހަރެއް ފަހުން މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވަނީ މި މަހު އިނާޔަތް ބޮޑުކުރާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފާރާތްތަކަށް ފޯރުކޮށްދެމުން އަންނަ ޚިދުމަތްތައް ހަރުދަނާ ނިޒާމެއްގެ ދަށުން ޤާއިމުކުރުމަށް މި ސަރުކާރުން އަންނަނީ  މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން 2019 ވަނަ އަހަރުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ތެރަޕިއުޓިކް ފަރުވާ ބޭނުންވާ ފަރާތްތަކަށް އެފަރުވާގެ ޚަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމެއްވަނީ ފަށާފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ކޮބައިކަން ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި އެކުލަވާލާ އެކަން ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައެވެ. މީގެ އިތުރުންވެސް މި ސަރުކާރުން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އެނގޭނެ ވަރަށް ތަފްޞީލީ ދަފުތަރެއް އެކުލަވާލައްވާފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު