މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ 2022 ވަނަ އަހަރު އެކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާއަކަށް ހަތަރު ރުފިޔާ ބެހުމަށް ފާސްނުކުރަން ހިއްސާދާރުން ނިންމައިފިއެވެ. ކުރުނބާ މޯލްޑިވްސްގައި މިރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި ބައިވެރިވި 119 ހިއްސާދާރުން ވަނީ އެ ހުށަހެޅުން ފާސްނުކުރަން ވޯޓު ދީފައެވެ.
އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވަނީ، ފާއިތުވި އަހަރުގެ ފައިދާއިން ހިއްސާ އަކަށް ހަތަރު ރުފިޔާ ބެހުމަށެވެ. މިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި ލިބިފައިވާ ފައިސާއިން، ޖުމްލަ 32 މިލިއަން ރުފިޔާ ބެހުމަށް އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމިއެވެ.
މިދިޔަ އަހަރު އެމްޓީސީސީގެ އާމްދަނީ، 2021 ވަނަ އަހަރު ލިބުނު 1.97 ބިލިއަން ރުފިޔާ އިން 2022 ވަނަ އަހަރު 2.47 ބިލިއަން ރުފިޔާ އަށް އިތުރުވިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެންނަމަވެސް، ސާފު ފައިދާ ވަނީ 231 މިލިއަން ރުފިޔާ އިން 195.7 މިލިއަން ރުފިޔާ އަށް ދަށްވެފައެވެ. މިދިޔަ އަހަރުގެ ފައިދާއިން ފަސް ރުފިޔާގެ މޫނު މަތީ އަގުގެ ހިއްސާ އަކަށް ޖެހިފައި ވަނީ 24.35ރ. އެވެ.
ސަރުކާރަކީ އެމްޓީސީސީގެ މެޖޯރިޓީ ހިއްސާދާރެވެ. މިއަހަރަކީ އެމްޓީސީސީގެ ތާރީޚުގައި ވެސް ބަހަން ފާސްކުރި ހިއްސާގެ ފައިދާގެ އެންމެ ބޮޑު އަދަދެވެ. ބަނދަރު ހެދުމާއި ބިން ހިއްކުންފަދަ ސަރުކާރުގެ ޢުމުރާނީ ތަރައްޤީއަށް ހިންގޭ ބޮޑެތި މަޝްރޫޢުތައް ހިންގަމުންދަނީ އެމް.ޓީ.ސީ.ސީއިންނެވެ.