16 ޖަނަވަރީ 2025

ޢަލީ ވަޙީދުގެ މައްސަލަ އަނބުރާ ފޮނުވާލުމުން އެމް.އާރު.އެމް އިން ކަންބޮޑުވުން ފާޅުކޮށްފި

ޢަލީ ވަޙީދުގެ މައްސަލަ އަނބުރާ ފޮނުވާލުމުން މޯލްޑިވްސް ރިޕޯމް މޫވްމަންޓް (އެމް.އާރު.އެމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުރީގެ ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދު އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ  މައްސަލަ އާއި ގުޅިގެން 15 މީހެއްގެ ބަޔާން ނަގައި، ފުލުހުންގެ ފަރާތުން 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މިމައްސަލާގައި ދަޢުވާ ކުރުމަށް ފޮނުވާފައިވާކަމަށާއި، އަދި ކުރީގެ ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދަށް ތުހުމަތު ކުރެވޭ މައްސަލާގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީ.ޖީ) އޮފީހުން 7 ދަޢުވާއެއް އުފުލާފައިވާ ކަމަށާއި،  ޖިންސީ އަނިޔާކުރުމާއި ރޭޕް ކުރަން އުޅުމުގެ މައްސަލާގައި ޢަލީ ވަޙީދުގެ މައްޗަށް އުފުލާފައިވާ ދަޢުވާ ތަކުގެ ތެރޭގައި، ރޭޕް ކުރަން އުޅުމާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމާއި، ހުއްދަ ނޫން ޖިންސީ މުޢާމަލާތްތައް ހިންގުމުގެ ކުށުގެ ދައުވާ ހިމެނޭ ކަމަށެވެ. އަދި މި މައްސަލައާ ގުޅޭ ދައުވާތައް ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ 18 ނޮވެމްބަރު 2020 ގައި ކަމަށެވެ.

"ދަޢުވާތަކުގެ އަޑުއެހުންތައް ސިއްރުކުރުމާއި  ބެހޭގޮތުން ކްރިމިނަލް ކޯޓުން ބުނެފައިވަނީ، ޝަރީޢަތް ހިންގުމުގެ ޤަވާއިދުތަކާއި އުޞޫލްތަކުގެ ދަށުން ޖިންސީ ފުރައްސާރަ ކުރުންފަދަ މައްސަލަތަކުގެ އަޑުއެހުންތައް ހުރިހާ މަރުޙަލާތަކެއްގަ، ކޯޓުތަކުން ވެސް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ." އެމް.އާރް.އެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

ޖިންސީ އަނިޔާ ދިނުމުގެ މިފަދަ ސީރިއަސް ތުޙުމަތު ތަކެއްކޮށް، ތަހުޤީގް ކުރެވި  މިމައްސަލާގައި އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ގޮތުގައި ތަހުޤީގަށް ބަޔާން ދީފައިވާ މީހުން، އެމައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާކަމަށާއި ބަޔާންތައް އަނބުރާ ގެންދަން އެދި ފުލުހުންނަށް ތަކުރާރުކޮށް ދިޔައީ ސިޓީ ފޮނުވަމުންކަމަށާއި، އެހެންވެ މައްސަލަ އަލުން މުރާޖައާ ކޮށްދޭން ފުލުހުން އެދުނު ކަމަށް ޕީޖީ އޮފީހުން ބުނެފައިވާ ކަމަށް އެބަޔާނުގައިވެއެވެ.

އެބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުން،  ދިވެހި ފުލުހުންގެ ހިދުމަތަށާއި ޕީޖީ އޮފީހަށް ފޮނުވަމުން އައި ސިޓީތަކާ ގުޅިގެން ޕީޖީ އޮފީހުންވަނީ އެފަރާތްތަކާއި ބައްދަލުކޮށް މައްސަލަ ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ދެކޭގޮތް ސާފުކޮށްފައި ކަމަށް ޕީޖީގެ ބަޔާނުގައިވެއެވެ. އަދި އެމީހުންގެ ހެކިބަހާއި ނުލައި މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް އޮތްތޯ ބަލައި ދިރާސާ ކުރިއިރު، މައްސަލައިގެ މައިގަނޑު ހެއްކަކީ އަނިޔާލިބުނު މީހުންނާއި ހެކިންގެ ހެކިބަސް ކަމަށްވެފައި، އެއާއި ނުލައި މައްސަލަ ސާބިތު ކުރެވޭނެ އެއްވެސް މަގެއް ނެތްކަމަށް ފެނުމުން، އެ މައްސަލައިގެ ދައުވާތައް ޕީ.ޖީ އޮފީހުން ވަނީ 6 ޖޫން 2023 ގައި އަނބުރާ ފޮނުވާލާފައެވެ.

"ޖިންސީ ފުރައްސާރަ ކުރުމާއި ޖިންސީ އަނިޔާ ކުރުމާއި ގެވެށި އަނިޔާ ފަދަ ކުށުގެ މައްސަލަތައް ނުބެލި ޝަރީޢަތުގެ މަރުޙަލާ ދިގުލައިގެން ދިއުމަކީ، އަނިޔާ ލިބޭ މީހުންނާއި ހެކިބަސް ދޭ މީހުންނަށް ވަރަށްބޮޑަށް ފިއްތުންތައް ކުރިމަތިވެ، މާޔޫސްވެގެން މައްސަލަ އިތުރަށް ކުރިޔަށް ގެންދިއުމުގެ ހިތްވަރު އެލިގެންދާކަމެކެވެ. އެންމެފަހުން ގޮތްހުސްވެގެން މައްސަލަ އަނބުރާ ގެންދަނީއެވެ. އިންސާފު ހޯދުމަށްކުރާ މަސައްކަތުގައި ޝަރީޢަތުގެ މަރުޙަލާ ދިގުދެމިގެން ދިއުމަކީ އިންސާފު ނުލިބުން ފަދަ ކަމެކެވެ." އެ ބަޔާނުގައިވެއެވެ.

އަނިޔާ އާއި ފުރައްސާރައިން ރައްޔިތުންނަށް ރައްކާތެރިކަމާއި ހިމާޔަތް ހޯދައި ދިނުމަށް ޤާނޫނާއި ޤަވާއިދުތައް ހެދިފައި ވީނަމަވެސް އެބާވަތުގެ އަމަލުތަކުގެ ޝިކާރައަށް ވާ މީހުން ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ޝަރީޢަތަށް ހުށަހެޅޭ ވަރަށް ހެއްކާއި ގަރީނާ ލިބެނީ މަދު ފަހަރަކުކަމަށާއި، އަދި މަދު ފަހަރަކު ޝަރީޢަތަށް ހުށަހެޅޭ މައްސަލަ ކުރިއަށް ނުގެންދެވި މައްސަލަ އަނބުރާ ގެންދާނަމަ ޤާނޫނާއި ޤަވާއިދުތައް ހެދުމަކީ އެއްވެސް މަޤްޞަދެއް ހަސިލުވާ ކަމެއް ކަމަކަށް ނުފެންނަކަމަށާއި، މިފަދަ މައްސަލަތަކުގައި  އާއްމުކޮށް ކަންހިނގާގޮތަށް ބަލާއިރު، ހެކިންނަށް ބިރުދެއްކުމުގެ ސަބަބުން، ދަޢުވާ ކުރަން ބޭނުން ނުވެ މައްސަލަތައް އަނބުރާ ގެންގޮސްފައިވާކަން ފާހަގަވާކަމަށާއި، އަދި މި މައްސަލާގައިވެސް އެގޮތައް ކަންހިނގާފައިވުން އެކަށީގެންވާިއިރު، އަދި މިމައްސަލަ ދިގުލައިގެން ދިއުމުގެ ސަބަބުން އަނިޔާ ލިބުނު ވިކްޓިމްސް އަށް އިންސާފު ނުލިބޭ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން ދައުވާ އަނބުރާ ގެންގޮސް، އަނިޔާ ލިބުނު ވިކްޓިމްސް އަށް އިންސާފު ލިބުމުގެ ފުރުޞަތު ގެއްލިގެން ދިއުމަކީ އެ ޕާޓީއިން އިންތިހާއަށް ކަންބޮޑުވާ ކަމަށާއި، މިމައްސަލަ ކުރިއަށް ނުގެންދެވުމަކީ ޖިންސީ ގޯނާ އާއި ރޭޕް ފަދަ ބޮޑެ ކުށްތައް މަދުކޮށް ހުއްޓުމުގައި ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ދެރައެއް ކަމުން،  އެފަދަ ޢަމަލުތަކުގެ ވިކްޓިމުންނަށް ލިބޭ އިތުރު ނިކަމެތި ކަމެއްގެ އިތުރުން އެފަދަ ޢަމަލުތައްކުރާ މީހުންނަށް ލިބުނު އިތުރު ހިއްވަރެއްކަމުގައިވެސް އެ ޕާޓީއިން ދެކެއެވެ.

ޖިންސީ ގޯނާ ކުރުމާއި ޖިންސީ ފުރައްސާރަކުރުމުގެ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ހެކީންނަށް ރައްކާތެރިކަން ލިބޭނެ ނިޒާމެއް ޤާއިމް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކޭކަމަށާއި، އިންސާފު ލިބުމުގައި ޚާއްސަކޮށް އަންހެނުންނަށް ހުރި ގޮންޖެހުންތަކުން އަރައިގަނެ، އިންސާފު ލިބުމަށްހުރި ހުރަސްތައް ނައްތާލުމަށް އެޅެން ހުރި ފިޔަވަޅުތައް ވީހާ އަވަހަކަށް އެޅުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް އެމް.އާރް.އެމް އިން ވަނީ ގޮވާލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މިފަހަރު މިއޮތީ ހަމަ ރަނގަޅަށްވެސް ބޯ ހަލާކުވެފަ. މީ އަޅެ ކުއްވެރިންގެ އެކަނި ހިމާޔަތުގަ އޮތް ސަރުކާރެއްތަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު