ދިވެހިރާއްޖޭގެ ޤައުމީ ޙަޔާތުގައި އިސް ދައުރެއް އަދާކުރައްވާ ދިގު މުއްދަތަކަށް ދައުލަތަށާއި ދިވެހި ޤައުމަށް ނުހަނު އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ)، އަލްމަރްހޫމް ޢަބްދުﷲ ޖަމީލް ގެ ތަޢުޒިޔާގެ ދަފްތަރުގައި ރައީސް އަލްއުސްތާޒް މަޢުމޫން ޢަބްދުލް ޤައްޔޫމް ސޮއި ކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޙަޔާތުގައި އިސް ދައުރެއް އަދާކުރެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ)، މާފަންނު ދޫރެސް ޢަބްދުﷲ ޖަމީލް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވާފައިވަނީ، 11 ޖޫން 2023 ވަނަ ދުވަހުއެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޖަމީލަކީ، 54 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ދިވެހި ދައުލަތަށާއި ދިވެހި ޤައުމަށް ނުހަނު އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. އެމަނިކުފާނަކީ، ސަރުކާރުގެ އެކި ވުޒާރާތައް ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރެއްވި، ހިތްޕުޅު ހެޔޮ، ޚުލްޤުހެޔޮ ހިންގުންތެރިއެކެވެ.
މާތް ﷲ، އެމަނިކުފާނުގެ ފުރާނަފުޅަށް ޖަންނަތުލް ފިރްދައުސްގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވައި، އެމަނިކުފާނުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.